ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ގައުމީ ފުޓްބޯޅަށް ޓީމަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖެއްސިކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ އިއުލާންކުރައްވައިފި އެވެ.
މޮރިއޭރޯ ގައުމީ ކޯޗަކަށް ހަމަޖައްސާނެކަން އިއްޔެ ވަނީ ޔަގީންވެފަ އެވެ. އޭނާ ގައުމީ ކޯޗަކަށް ހަމަޖެއްސިއިރު މިދިޔަ ހަފްތާ ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކޯޗުކަން ކުރީ އަލީ ސުޒޭން އެވެ. ސުޒޭންގެ ކުރިން ގައުމީ ޓީމުގެ ކޯޗަކަށް ހުރީ ނެދަލެންޑްސް މާޓިން ކޫޕްމަން އެވެ. މޮރިއޭރޯ އަކީ މިދިޔަ ފަސް އަހަރުތެރޭ ގައުމީ ޓީމާ ހަވާލުވީ ހަ ވަނަ ކޯޗެވެ.
It’s an honor to introduce our new National senior Men’s Head Coach Mr. Francesco Moriero.
Welcome to the Maldives, Coach ???????? pic.twitter.com/arUxI2TtVJ
— Bassam Adeel Jaleel (@bassam_jaleeI) October 21, 2021
ކޯޗުކަމާ ހަވާލުވެ މޮރިއޭރޯ ޓީމާ އެކު ރަސްމީކޮށް މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. އޭގެކުރިން ގައުމީ ޓީމުން އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުއްޓާ ދެކޮޅަށް ކުޅޭ މެޗަށް އެރަށް މޮރިއޭރޯ ދާނެ އެވެ.
1986 އިން 2002 ހަމައަށް ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅުނު މޮރިއޭރޯ އެންމެ ފުރަތަމަ ކުޅުނީ އިޓަލީގެ ލެޗޭ އަށެވެ. އޭގެފަހުން މޮރިއޭރޯ ވަނީ އިޓަލީގެ ކަލިއާރީ އާއި ރޯމާގެ އިތުރުން އިންޓަ މިލާން އަދި ނަޕޯލީ އަށް ކުޅެފަ އެވެ. އިންޓަ މިލާނަށް މޮރިއޭރޯ ކުޅުނީ 1997 އާއި 2000 ވަނަ އަހަރާއި ދެމެދު އެވެ. ވިންގާއެއް ގޮތުގައި މަޝްހޫރުވި މޮރިއޭރޯ އިޓަލީ ގައުމީ ޓީމަށް ކުޅުނީ 1998 އާއި 1999 ވަނަ އަހަރު އެވެ. އެގައުމަށް ކުޅުނު އަށް މެޗުގައި ދެ ލަނޑު ޖެހިއިރު ޓީމުން ގިނަ ފުރުސަތުތައް ނުލިބުނީ އަނިޔާގެ ސަބަބުންނެވެ.
މޮރިއޭރޯ ކޯޗިން ކެރިއަރު ފެށީ އައިވަރީ ކޯސްޓުގެ އެފްރިކާ ސްޕޯޓްސް އިންނެވެ. އޭގެފަހުން އިޓަލީގެ ބައެއް ކްލަބްތަކަށް މޮރިއޭރޯ ވަނީ އިރުޝާދުދީފަ އެވެ. ރާއްޖެ އަކީ މޮރިއެރޯ ގައުމީ ޓީމަކާ އެކު ކުރާ ފުރަތަމަ ތަޖުރިބާ އެވެ. ރާއްޖެއާ ހަވާލުވުމުގެ ކުރިން މޮރިއޭރޯ ހުރީ އަލްބޭނިއާގެ ޑީނަމޯ ޓިރާނާގެ ކޯޗުކަމުގަ އެވެ.
މޮރިއޭރޯގެ ކޯޗުކަމުގައި ގައުމީ ޓީމު އެންމެ ފުރަތަމަ ވާދަކުރާނީ އަންނަ މަހުގެ 8 އިން 17 އަށް ސްރީ ލަންކާގައި އޮންނަ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް އެވެ.
މޮރިއޭރޯ އަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އަންނަ އަހަރުގެ ޖޫން މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުން ނަތީޖާ ރަނގަޅުކޮށް އޭޝިއަން ކަޕުން ފުރުސަތު ހޯދުމެވެ. އެފްއޭއެމްގެ ރައީސް ބައްސާމް މީގެ ކުރިން ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މޮރިއޭރޯ އެންމެ ބޮޑަށް މަސައްކަތްކުރާނީ އެ އަމާޒަށް ރާއްޖެ ގެންގޮސްދިނުމަށެވެ.