އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑުޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައިވާ ޑިޑިއޭ ޑްރޮގްބާގެ ލަނޑުގެ ރެކޯޑާ ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް އެއްވަރުކޮށްފި އެވެ.
ޗެލްސީގައި ވިދާލި އައިވަރީ ކޯސްޓަށް ނިސްބަތްވާ ޑްރޮގްބާ ލީގުގައި 104 ލަނޑު ޖެހީ އެޓީމަށް ކުޅުނު 254 މެޗުގަ އެވެ. ޑްރޮގްބާގެ ލަނޑުގެ ރެކޯޑާ ސަލާހް އެއްވަރުކުރީ ލީގުގައި މިއަދު ހަވީރު ލިވަޕޫލުން 5-0 އިން ވެޓްފޯޑް ބަލިކުރި މެޗުގަ އެވެ. މެޗުގައި ސަލާހް އެއް ލަނޑު ޖެހިއިރު ޑްރޮގްބާ ލީގުގައި ޖެހި ރެކޯޑާ ސަލާހް ހަމަކުރީ 165 މެޗުންނެވެ. ސަލާހް މި ރެކޯޑާ އެއްވަރުކުރީ ޑްރޮގްބާ އަށް ވުރެ 85 މެޗު މަދުން ކުޅެގެންނެވެ.
ކުރިން ޗެލްސީ އަށް ކުޅެ ފުރުސަތު ނުލިބުނު ސަލާހް ލިވަޕޫލާ އެކު ޕްރިމިއާ ލީގަށް އެނބުރި އައީ 2017 ވަނަ އަހަރު އެވެ. މިދިޔަ އަހަރުތަކުގައި ސަލާހް އަންނަނީ އެ ކްލަބުގައި ގިނަ ގޯލުތަކެއް ޖަހައިދެމުންނެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސަލާހް ވަނީ 6 ލަނޑު ޖަހައި 4 ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. އަނެއްކޮޅުން މިއީ ޖެހިޖެހިގެން ސަލާހް ލިވަޕޫލަށް ލަނޑު ޖަހައިދިން 8 ވަނަ މެޗެވެ.
ބައިނަލްއަގްވާމީ މެޗުތަކަށް ބްރެޒިލް ޓީމާ ގުޅުނު ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އާއި ފަބީނިއޯ މިއަދުގެ މެޗުގެ ޓީމުގައެއް ނެތެވެ. ބަދަލުތަކަކާ އެކު ލިވަޕޫލުން މިއަދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ސަލާހް ދިން ޕާހަކުން ޖެހީ ސަޑިއޯ މާނޭ އެވެ. މިއީ މާނޭ ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ލަނޑެވެ. އެފްރިކާގެ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގައި 100 ލަނޑު ދެން ހަމަކުރީ ޑްރޮގްބާ އާއި ސަލާހް އެވެ.
ލިވަޕޫލްގެ ފަހު ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ރޮބާޓޯ ފިރްމީނޯ ވަނީ ހެޓްރިކް ހަދައިފަ އެވެ. މެޗުގައި ސަލާހް ޖެހި ލަނޑަކީ ވަރަށް މޮޅު ސޯލޯ ގޯލެކެވެ. ސަލާހް ވަނީ މީގެ ދެ ހަފްތާ ކުރިން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސޯލޯ މޮޅު ގޯލެއް ޖަހައިފަ އެވެ.
މޮޅާ އެކު ލިވަޕޫލް ވަނީ 8 މެޗުން 18 ޕޮއިންޓް ހަމަކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތީ 7 މެޗުން 16 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ. މިރޭ 9:30 ގައި ކުޅޭ މެޗުގައި ޗެލްސީ ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ. ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީން މިރޭ ބާންލީއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރ ޔުނައިޓެޑް ކުޅޭނީ ލެސްޓާ ސިޓީއާ އެވެ. ސިޓީ މެޗާއި ޔުނައިޓެޑް ފަށާނީ މިރޭ 7 ޖަހާއިރު އެވެ.