ކުރީގެ ކޯޗު ފްރޭންކް ރައިކާޑަށް އިތުބާރު ކުރިގޮތަށް ހޫނުފެނަށް ވެއްޓިފައިވާ ބާސެލޯނާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން އަށް ކުރަންޖެހޭ ކަމަށް ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފި އެވެ.
ލަޕޯޓާ ބާސެލޯނާގެ ރައީސް ކަމުގައި މިހާރު ހޭދަކުރަމުން އަންނަނީ އޭނާގެ ދެ ވަނަ ދައުރެވެ. އެންމެ ފުރަތަމަ ލަޕޯޓާ ބާސެލޯނާގެ ރައީސްކަމުގައި ހުރީ 2003 އިން 2010 ވަނަ އަހަރުގެ ނިޔަލަށެވެ. 2003 އިން 2008 އަށް ނެދަލެންޑްސް އަށް އުފަން ރައިކާޑް ވަނީ ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ.
ލިއޮނަލް މެސީ ކްލަބް ދޫކޮށް ދިއުމާއި މާލީ މައްސަލަތަކުގައި އަޑިއަޅާލުމުން ބާސެލޯނާ މިހާރު އޮތީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ހާލުގަ އެވެ. ލީގުގައި މިދިޔަ ހަފްތާ ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ބަލިވި މެޗަށް ފަހު އެޓީމު ވަނީ ނުވަ ވަނަ އަށް ވެއްޓިފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ބަޔާން މިއުނިކާއި ބެންފީކާ އަތުން ބަލިވެ މިވަގުތު އޮތީ ފުލުގަ އެވެ.
ބާސެލޯނާގެ ކޯޗުކަމުން ކޫމަން ވަކިކުރަން އުޅޭކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް ލަޕޯޓާ ބުނީ ކޫމަން ކޯޗުކަމުގައި ދެމިހުންނަން އޭނާ ބޭނުންވާކަމަށެވެ. މިސާލެއްގެ ގޮތުގައި ލަޕޯޓާ ބުނީ ނަތީޖާތައް ދަށްވެފައިވަނިކޮށް ކުރީގެ ކޯޗު ރައިކާޑަށް އިތުބާރުކޮށް ކްލަބުގައި ބަހައްޓަން ނިންމައި 2006 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.
“ނިންމުމަކީ ކޫމަން ކްލަބުގައި މަޑުކުރާނެކަން. ކޯޗު ހިމެނޭހެން ކްލަބުގެ އެންމެންނަށް ވެސް މިއީ ހިތްދަތި ދުވަސްތަކެއް. ކަންތައްތައް ދިމާވީ އަހަރެމެން ބޭނުންނުވާ ގޮތަށް. އެކަމަކު ކޫމަން ބޭނުންވޭ ބާސެލޯނާ އަށް ކުރިއެރުން ހޯދައިދެން. ކޫމަންގެ ކޮންޓްރެކްޓެއް އެބައޮތް. އޭނާ އަށް އިހުތިރާމް ކުރަންޖެހޭ. މި ނިންމުމާ މެދު އަހަރެން އުފާކުރަން” ކޫމަންއާ މެދު ކެތްތެރިވާނެކަން ހާމަކުރަމުން ލަޕޯޓާ ބުންޏެވެ.
ބާސެލޯނާ އިން ކޫމަން ވަކިކުރާނެކަމަށް ބަލައި އެ ކްލަބާ ހަވާލުވާނެ ކޯޗުންގެ ނަންތަކެއް މީޑިއާގައި އަންނަނީ ތިލަވަމުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ކުރިން އެޓީމުގެ މިޑްފީލްޑްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޒަވީ ހެނާންޑޭޒް އެވެ. ކޫމަންގެ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވުމުން ޒަވީ އަށް ބާސެލޯނާގެ ރަސްމީ ހުށަހެޅުމެއް ލިބުމުގެ ފުރުސަތެއް އެބައޮތެވެ.
“ޒަވީއާ އަހަރެން ވާހަކަދައްކަނީ ރަހްމަތްތެރިކަމުގައި. ގާޑިއޯލާއާ ވެސް ހަމަ އެގޮތަށް ވާހަކަދައްކަން. އަހަރެންނަށް ވުރެ ބޮޑަށް އެމީހުންނަށް މި ކްލަބް އެނގޭނެ. އެކަމަކު މިވަގުތު ކޯޗުގެ ގޮތުގައި ހުރި ކޫމަންއާ މެދު އަހަރެން ފަހުރުވެރިވޭ. އަނިޔާގައި ތިބި ކުޅުންތެރިން އައިސް ޓީމު ހަމައަކަށް އަޅުވަން ކޫމަން އަށް ވަގުތުދީ އިތުބާރު ކުރަންޖެހޭ” ލަޕޯޓާ ބުންޏެވެ.