އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ޗެލްސީ 1-0 އިން މެންޗެސްޓަރ ސިޓީ އަތުން ބަލިވިއިރު މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ހަމަ އެނަތީޖާއިން އެސްޓަން ވިލާ އަތުން ބަލިވެއްޖެ އެވެ.
މުހިއްމު މޮޅާ އެކު ސިޓީ މިހާރު ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ގޯލުގެ ތަފާތުން ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ސިޓީގެ ފަހަތުން ޗެލްސީ އާއި ޔުނައިޓެޑް ވެސް އޮތީ 13 ޕޮއިންޓުގަ އެވެ. ލީގުގައި މިރޭ ލިވަޕޫލުން ރަށުން ބޭރުގައި ބްރެންޓްފޯޑް ބަލިކޮށްފިނަމަ އެޓީމަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.
ތޯމަސް ޓުކެލްގެ ކޯޗުކަމުގައި ޕެޕް ގާޑިއޯލާގެ ސިޓީ ވަނީ މިދިޔަ ސީޒަނުގެ ލީގުގެ ދެ ވަނަ ބުރާއި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަލިވެފަ އެވެ. އެހެންކަމުން މިއަދުގެ މޮޅަކީ ޗެލްސީ އަތުން މިދިޔަ ތިން މެޗުން ވީ ބަލީގެ ރަނގަޅު ބަދަލުހިފުމެކެވެ.
މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ޖީސުސް އެވެ. މި ގޯލަށް ފަހު ވެސް ޖީސޫސް އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބި ބޭކާރުވި އެވެ. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއީ ގާޑިއޯލާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
އެސްޓަން ވިލާ އަތުން ބަލިވިއިރު ޔުނައިޓެޑްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު މި ސީޒަނަށް ވަރުގަދަކުރި ޔުނައިޓެޑް ވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޔަންގް ބޯއީޒް އަތުން ބަލިވެ އޭގެފަހުން އިނގިރޭސި ލީގު ކަޕްގައި އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ ކަޓައިފަ އެވެ.
މިއަދުގެ މެޗުގައި ޔުނައިޓެޑަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ލޫކް ޝޯ އަށް އަނިޔާވެގެން ބަދަލުކުރިއިރު ދެ ވަނަ ހާފުގައި ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.
އެއްވަރުވާން ދިޔަ މެޗުގެ ފޯރި ގަދަވީ މެޗުގެ ފަހުކޮޅު އެވެ. އެސްޓަން ވިލާގެ ހަމައެކަނި ލަނޑު ލިބުނު ކޯނަރަކުން މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބޮލުން ކާމިޔާބުކޮށްދިނީ ކޯޓްނީ ހައުސް އެވެ. އެ ގޯލަށް ފަހު މެޗުގެ އިތުރު ވަގުތުގައި ހައުސްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއްދީފަ އެވެ. އެކަމަކު އިތުބާރު ކުޅުންތެރިޔާ ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ.
މިއީ މިދިޔަ 12 އަހަރުތެރޭ ޔުނައިޓެޑްގެ ދަނޑުގައި އެސްޓަން ވިލާ މޮޅުވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި 2011 ވަނަ އަހަރުގެ ފަހުން އެއް ދުވަހެއްގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑާއި ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ.
ލީގުގައި ބްރެންޓްފޯޑާއި ލިވަޕޫލް ވާދަކުރާ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ.