ދަނޑުމަތީގައި ދިމާވާ ނަސްލީ ތަފާތުކުރުމުގެ މައްސަލަ ހައްލުކުރުމަށް ކުޅުންތެރިން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ބެލްޖިއަމާއި ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.
ކަޅު ނަސްލުގެ ކުޅުންތެރިންނަށް ރޭސިޒަމްގެ މައްސަލަ ދިމާވުން ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. މިފަދަ މައްސަލަތަކުގައި ބައެއް ކުޅުންތެރިންނަށާއި ކްލަބްތައް އަދި ގައުމުތަކަށް ވަނީ ހަރުކަށި އަދަބުދީފަ އެވެ. އަދި އެފަދަ ހާދިސާތަކާއި ގުޅިގެން ބައެއް މެޗުތައް ނުކުޅެ ހުއްޓާލާފައިވެ އެވެ.
ޗެލްސީގެ 28 އަހަރުގެ ފޯވާޑް ލުކާކޫ ބުނީ ރޭސިޒަމާ ދެކޮޅަށް މެޗު ފެށުމުގެ ކުރިން ހަމައެކަނި ކަކޫ މައްޗަށް ތިރިވެ އިހްތިރާމް އަދާކުރުމަކުން ނުފުދޭ ކަމަށާއި އޭނާ ބޭނުންވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން ކުޅުންތެރިންނާ ބައްދަލުކޮށް އޮންލައިންކޮށް ކުރިމަތިވާ އެބިއުސް ކުޑަކުރަން ކަމަށެވެ. ލުކާކޫ އިތުރަށް ބުނީ މެޗުގެ ކުރިން ހިންގާ ހަރަކާތަށް ސަޕޯޓަރުން ތަރުހީބު ދިނަސް ނަސްލީ ތަފާތުކުރުން ނުހުއްޓޭ ކަމަށެވެ.
“އަހަރެމެން ކަކޫ މައްޗަށް ތިރިވެ މި ތިބެނީ މެޗު ފެށުމުގެ ކުރިން. އަދި އެވަގުތު އެންމެން އަތްޖަހާނެ. އެކަމަކު މެޗެއް ނިމޭއިރު އަނެއްކާވެސް އެކަހަލަ ކޮންމެވެސް ކަމެއް އޮންނަނީ ހިނގާފައި. މިކަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތައް ބައްދަލުވުންތައް ބާއްވައިގެން ހައްލަކަށް ދާންޖެހޭ. ހަމައެކަނި ފިރިހެން ކުޅުންތެރިންނަކަށް ނޫން. އަންހެން ކުޅުންތެރިން ވެސް މިކަމުގައި ހިމަނަންޖެހޭ” ލުކާކޫ ބުންޏެވެ.
ތިން މަސްދުވަހުގެ ކޮވިޑް ޕެންޑަމިކްގެ ބްރޭކަށް ފަހު މިދިޔަ އަހަރުގެ ޖޫން މަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށިފަހުން މެޗުގެ ކުރިން ހުރިހާ ޓީމަކުން އަންނަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މެޗު ފެށުމުގެ ކުރިން ކަކޫ މައްޗަށް ތިރިވެ ރޭސިޒަމަށް އިހްތިރާމް އަދާކުރަމުންނެވެ. އެކަމަކު ފަހަކަށް އައިސް ބައެއް ކުޅުންތެރިން އެގޮތަށް އަމަލުކޮށްފައެއްނުވެ އެވެ.
ޗެލްސީގެ ޑިފެންޑަރު މާކޮސް އަލޮންސޯ ބުނީ ކަކޫ ޖަހައިގެން ދަނޑުމަތީގައި އިރުކޮޅަކު ތިބުމުން ނަސްލީ ތަފާތުކުރުމަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ. އަދި އޭނާ ދެކޭގޮތުގައި މުހިއްމީ “ނޯ ރޭސިޒަމް” ބެޖެއް ޖަހައިގެން މެޗުގައި ކުޅުން ކަމަށް އަލޮންސޯ ބުންޏެވެ.
ނަސްލީ ތަފާތުކުރުމުގެ މައްސަލައިގައި މިދިޔަ އޭޕްރީލް މަހު ފުޓްބޯޅަ ކްލަބްތަކުންނާއި ކުޅުންތެރިން އަދި އެތުލީޓުންގެ އިތުރުން ކުޅިވަރުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ވަނީ ހަތަރު ދުވަހަށް ސޯޝަލް މީޑިއާ ބޮއިކޮޓްކޮށްފަ އެވެ. އެއީ ރޭސިސްޓުންނަށާއި އެހެން ގޮތްގޮތަށް ސޯޝަލް މީޑިއާގައި އެބިއުސްކުރާ ފަރާތްތަކާ ދެކޮޅަށް ކޮމްޕެނީތަކުން ކުރާ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ކެމްޕޭނެކެވެ.
“ކަމެއް ހުއްޓުވަން ރަނގަޅަށް މަސައްކަތްކޮށްފިނަމަ އެކަމެއް ހުއްޓުވޭނެ. ކުޅުންތެރިންގެ ގޮތުގައި ތިބެ އަހަރެމެންނަށް ބުނެނެވޭނީ ސޯޝަލް މީޑިއާ ބްލޮކް ކުރެވިދާނޭ. އެކަމަކު އަހަރެންގެ ނަޒަރުގައި މީގަ މުހިއްމީ ކޮމްޕެނީތަކުން އިސްނަގައިގެން ޓީމުތައް ނުވަތަ ކޮމްޕެނީތައް ނޫނީ ސަރުކާރާ ވާހަކަދައްކައިގެން އިތުރުން ގޮތްތަކެއް ހޯދުން” ނަސްލީ ތަފާތުކުރުން މީގެ ކުރިން ކުރިމަތިވި ލުކާކޫ ބުންޏެވެ.
ލުކާކޫގެ މި ވާހަކަތަކާއި ގުޅިގެން އިނގިރޭސި އެފްއޭ އިން ބުނީ ލުކާކޫއާ އެކު އެ އެސޯސިއޭޝަނުން އިތުރު މަޝްވަރާއަށް ދާނެކަމަށެވެ. އަދި އެފްއޭ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޗެލްސީއާ ސީދާ މުއާމަލާތުކޮށްގެން ލުކާކޫއާ އެކު މި މައްސަލައިގައި މަޝްވަރާކުރުމަށެވެ.