ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުތަކުން ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ބާސެލޯނާ ބަލިވެއްޖެ އެވެ. ރަށުން ބޭރުގައި ސްވިޒަލެންޑުގެ ޔަންގް ބޯއީޒްއާ ވާދަކުރި މެޗުން ޔުނައިޓެޑް 1-2 އިން ބަލިވިއިރު އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން ބާސެލޯނާ ބަލިވީ 3-0 އިންނެވެ.
ޔަންގް ބޯއީޒްއާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން ކުރީކޮޅު ޔުނައިޓެޑުން ވަނީ ލީޑު ނަގައިފަ އެވެ. ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާ އެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ ދެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ގޯލު ޖެހި މިއީ 17 ވަނަ ސީޒަނެވެ.
ޔުނައިޓެޑަށް މައްސަލަތައް ކުރިމަތިވީ މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އާރޮން ވަން ބިސާކާ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުވުމުން ޔުނައިޓެޑުން ބޮޑަށް ބެލީ ޑިފެންސްކޮށްގެން ލީޑުގައި އޮވެވޭތޯ އެވެ. އެކަމަކު ޔަންގް ބޯއީޒް އިން ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފު އެއްކޮށް މޮޅު ކުޅުމެއް ދެއްކި އެވެ. އެޓީމުގެ ފުރަތަމަ ލަނޑު 66 ވަނަ މިނެޓުގައި ނިކޮލަސް ގަމާލޫ ޖެހިއިރު ފަހު ލަނޑު އިތުރު ވަގުތުގެ ފަހު ވަގުތުކޮޅު ޖެހީ ބަދަލު ކުޅުންތެރިޔާ ތިއޮސަން ޖޯޑަން ސިއެބެޗޫ އެވެ. މިއީ ޔުނައިޓެޑްގެ ޖެސީ ލިންގާޑް ކީޕަރަށް ޖައްސާލި ބޯޅަ ހޯދުމަށް ފަހު އޭނާ ކާމިޔާބުކުރި ލަނޑެވެ. މި ގްރޫޕުގައި ރޭ ވިޔަރެއާލް އާއި އެޓަލާންޓާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ބަޔާން އަތުން ބަލިވި މެޗުގައި ބާސެލޯނާ އަށް އިދިކޮޅު ގޯލާ އަމާޒުވާގޮތަށް އެއްވެސް ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޯމަސް މުލާ އެވެ. ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ޖެހީ ރޮބާޓް ލެވަންޑޮސްކީ އެވެ. ލެވަންޑޮސްކީގެ ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ޖެހިއިރު ފަހު ލަނޑު ޖެހީ 85 ވަނަ މިނެޓުގަ އެވެ. މި ގްރޫޕުގައި ހިމެނޭ ޑީނަމޯ ކިއޭވް އާއި ބެންފީކާ ވާދަކުރި މެޗު ނިމުނީ 0-0 އިންނެވެ.
އެހެން މެޗުތަކަށް ބަލާއިރު ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ރަޝިއާގެ ޒެނިތު 0-1 އިން ބަލިކޮށް ފެށުން ރަނގަޅުކޮށްފަ އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން މޮޅުވި ލަނޑު ރޭ ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މި ގްރޫޕުގައި ޔުވެންޓަސް ރޭ ވަނީ ރަށުން ބޭރުގައި 3-0 އިން މަލްމޯ ބަލިކޮށްފަ އެވެ. މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ އަލެކްސް ސަންޑްރޯ އާއި ޕައޮލޯ ޑިބާލާގެ އިތުރުން އަލްވާރޯ މޮރާޓާ އެވެ. މެޗުގައި ޑިބާލާ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ވަރުގަދަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ނުކުންނަ މެޗާއި އިންޓަ މިލާނާއި ރެއާލް މެޑްރިޑް ވާދަކުރާ މެޗު ފާހަގަކޮށްލެވެ އެވެ.