ކްރިސްޓިއާނޯ ރޮނާލްޑޯ 13 އަހަރަށް ފަހު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ދެ ގޯލު ޖަހައި އެޓީމު މޮޅުކޮށްދޭން އެހީތެރިވެއްޖެ އެވެ. ޔުނައިޓެޑްގެ ދަނޑުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ދެ ގޯލާ އެކު ޔުނައިޓެޑް މޮޅުވީ 1-4 އިންނެވެ.
2003 އިން 2009 އަށް ޔުނައިޓެޑްގައި ކުޅުނު ހަ ސީޒަނުގައި ރޮނާލްޑޯ ވަނީ އެޓީމަށް ކުޅުނު 292 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ރެއާލް މެޑްރިޑާއި ޔުވެންޓަސްގައި ގިނަ ކާމިޔާބީތަކެއް ހޯދައި އެނބުރި ކުރީގެ ކްލަބަށް އައިސް ކުޅުނު ފުރަތަމަ މެޗަށް ފަހު ރޮނާލްޑޯ ބުނީ މެޗުގައި ދެ ގޯލު ޖެހޭނެކަމަށް އޭނާ އުއްމީދު ނުކުރާކަމަށެވެ.
“އަހަރެން އުއްމީދެއް ނުކުރަން ދެ ގޯލު ޖެހިދާނެކަމަކަށް. އެއް ގޯލު ޖެހޭނެކަމަށް ގަބޫލުކުރެވުނު. މިއީ އާދަޔާހިލާފު އިހުސާސެއް” މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.
12 އަހަރާއި 118 ދުވަސް ފަހުން ޕްރިމިއާ ލީގުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ދެ ގޯލު ވެސް ޖެހީ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މޭސަން ގްރީންވުޑްގެ އެހީތެރިކަމާ އެކު ރޮނާލްޑޯ ފުރަތަމަ ގޯލު ޖެހިއިރު ދެ ވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ހާވިއޭ މުންކިއޯލް ވަނީ ނިއުކާސަލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ރޮނާލްޑޯ ލީޑު ނަގައިދިނީ ލޫކް ޝޯގެ އެހީތެރިކަމާ އެކު 62 ވަނަ މިނެޓުގަ އެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ބްރޫނޯ ފެނާންޑޭސް ޖެހިއިރު ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ ބެންޗުން ކުޅެން އެރި ޖެސީ ލިންގާޑް އެވެ. މި ދެ ލަނޑު ޖަހަން ވެސް އެހީތެރިވެދިނީ ޕައުލް ޕޮގްބާ އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯ އަށް އާދަޔާހިލާފު ސަޕޯޓެއްދީފަ އެވެ. މެޗަށް ދިޔަ ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން ރޮނާލްޑޯގެ ޖާޒީގައި ތިބިއިރު މެޗު ފެށިގެން ނިމެންދެން ރޮނާލްޑޯ އަށް ސަޕޯޓަރުން ތަރުހީބުދިނެވެ.
“ގަބޫލުވެސް ނުކުރެވުނު. މެޗު ފެށިއިރު އަހަރެން ހުރީ ވަރަށް ހާސްވެފަ. އަހަރެން ހިއެއް ނުކުރަން މުޅި މެޗުގައި އަހަރެންގެ ނަމުން ސަޕޯޓަރުން ތަރުހީބު ދީފާނެކަމަކަށް. އުމުރުން 18 އަހަރުގައި އަހަރެން މިތަނަށް އައިސް ސަޕޯޓަރުން ދިން ތަރުހީބަކީ އަނބުރާ މި ކްލަބަށް އައި ސަބަބު” މެޗަށް ފަހު އުފަލުން ހުރި ރޮނާލްޑޯ ބުންޏެވެ.
ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ހޮޓްސްޕާސް ބަލިވެ، މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ވަނީ މޮޅުވެފަ އެވެ. ރަށުން ބޭރުގައި ކްރިސްޓަލް ޕެލޭސްއާ ވާދަކުރި މެޗުން ޓޮޓެންހަމް ބަލިވީ 3-0 އިންނެވެ. ރަށުން ބޭރުގައި ލެސްޓާ ސިޓީއާ ވާދަކޮށް މެންޗެސްޓަރ ސިޓީ 1-0 އިން މޮޅުވިއިރު އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ. އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން ޗެލްސީ މޮޅުވީ 0-3 އިންނެވެ. މެޗުގައި ޗެލްސީގެ ރޮމެލޫ ލުކާކޫ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މަޓެއޮ ކޮވަސިޗެވެ.
ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވި އާސެނަލް ރޭ ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ނޯވިޗް ސިޓީ ބަލިކޮށް އުއްމީދު ހޯދާފަ އެވެ. މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އޮބާމިޔަން އެވެ. މި މޮޅާ އެކު އާސެނަލް ވަނީ ލީގު ތާވަލުގެ 16 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ސައުތެމްޓަނާއި ވެސްޓް ހޭމް ޔުނައިޓެޑް ވާދަކުރި މެޗު 0-0 އިން އެއްވަރުވިއިރު ވުލްވްސް ވަނީ ރަށުން ބޭރުގައި ވެޓްފޯޑާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ. ބްރެންޓްފޯޑް ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ވަނީ 1-0 އިން ބަލިވެފަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑަށް އެއް ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ސިޓީ އާއި ހަތަރު ވަނައިގައި އޮތް ބްރައިޓަން އަދި ފަސް ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
ލީގުގައި މިރޭ ލިވަޕޫލުން ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:30 ގަ އެވެ.