ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ސީނިއާ ގައުމީ ޓީމު ގަތަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިން ކޭމްޕަށް މިއަދު ހެނދުނު ފުރައިފި އެވެ.
ރާއްޖޭގައި ސާފް މުބާރާތް އޮންނާނީ އަންނަ މަހުގެ 1 އިން 16 އަށެވެ. މިފަހަރުގެ މުބާރާތަށް ރާއްޖޭން އެކުލަވާލީ ދިވެހިން ހިމެނޭ ކޯޗިން ޓީމެވެ. ޓީމުގެ ކޯޗަކަށް އަލީ ސުޒޭން ހަމަޖެއްސިއިރު އެސިސްޓެންޓް ކޯޗަކީ އިސްމާއީލް މަހުފޫޒް (އިންމަ) އެވެ. ގޯލްކީޕަރު ކޯޗުގެ ގޮތުގައި އަސްލަމް އަބްދުއްރަހީމް ހަމަޖެއްސިއިރު އެސިސްޓެންޓަކަށް ހަމަޖެއްސީ އިމްރާން މުހައްމަދު އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން މިއަދު ޓީމާ އެކު ކޯޗު ސުޒޭން ނުދެ އެވެ. ސުޒޭންގެ ބަދަލުގައި ޓީމު ލީޑު ކުރާނީ އިންމަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު ކޮވިޑްގެ އިތުރު ޓެސްޓެއް ހެދުމަށް ފަހު ނަތީޖާ ނެގެޓިވް ވެއްޖެނަމަ ސުޒޭން ގަތަރު ކޭމްޕާ ގުޅޭނެ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ގައުމީ ޓީމު ޕްރެކްޓިސް ފެށީ 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު އެވެ. އެކަމަކު ތަމްރީނު ދަތުރަށް ފުރުމުގެ ކުރިން އެއް ކުޅުންތެރިއަކު ސްކޮޑަށް އިތުރުކޮށް ހަތަރު ކުޅުންތެރިއަކު ވަނީ ބާކީކޮށްފަ އެވެ. ސްކޮޑުން ބާކީވީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި އަހުމަދު އިރުފާން (އިރޭ) ގެ އިތުރުން ދެ ޑިފެންޑަރުން ކަމަށްވާ މުހައްމަދު އަޖުފާން އަދި މުހައްމަދު ސާއިފް އެވެ. ކޯޗު ސުޒޭން ބުނީ ބަކާ ސްކޮޑުން ބާކީކުރީ މެދުތެރެއަށް ކުޅޭ ކުޅުންތެރިން އިވަލުއޭޓް ކުރުމަށްފަހުގައި ކަމަށެވެ. އިރޭ ސްކޮޑުން ބާކީވީ އަނިޔާގައި ހުރުމުން ކަމަށް ގައުމީ ޓީމުން ވަނީ ބުނެފަ އެވެ. ސާއިފް ދާއިފަހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާ އަށް ޓީމުގެ ޕްރެކްޓިސްތަކުގައި އެންމެ ރަނގަޅަށް ބައިވެރިއެއް ނުވެވުނެވެ. އަޖުފާން އާއި ސާއިފްގެ ބަދަލުގައި ސްކޮޑަށް އިތުރުކުރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު ގާސިމް ސައްމާމް (ސައްމެ) އެވެ.
ގަތަރުގައި ކުރިއަށްގެންދާ ކޭމްޕްގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ކޭމްޕް ނިންމާލުމަށް ފަހު ގައުމީ ޓީމު އެނބުރި އަންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭންނެވެ. ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ މޮޅުވީ 2-1 އިންނެވެ. އޭގެ ކުރިން ރާއްޖޭން ސަރަހައްދީ މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.