ބ. އޭދަފުށީގައި ތަރައްގީކޮށްފައިވާ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި ރޮސްޓްރަމަކާއި ސިޑިބަރިއެއް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ބޮޑު ހަރަދެއްކޮށްގެން ތަރައްގީކުރި އޭދަފުށީ ޓާފް ދަނޑަކީ އެރަށަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރު އެރަށު ޒުވާނުންނަށް ހަދިޔާކުރި ދަނޑެކެވެ. ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިންމައި އެ އަހަރުގެ މާޗް މަހު ރަސްމީކޮށް ބޭނުންކުރަން ފެށުމަށްފަހު ދަނޑު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގައި އައީ ކުރަމުންނެވެ. އެކަމަކު ރޮސްޓަރަމާ އެކު ތަރައްގީކުރާ ސިޑިބަރި ވާނީ އެ ދަނޑަށް ބައިނަލްއަގްވާމީ ސްޓޭޑިއަމެއްގެ ސިފަ ގެނެސްދޭ އެންމެ މުހިއްމު މަސައްކަތަކަށެވެ.
މިއަދު ހަވީރު އެރަށު ދަނޑުގައި އޮތް ރަސްމިއްޔާތުގައި ރޮސްޓަރަމާއި ސިޑިބަރީގެ ބިންގާ އަޅައިދިނީ އެކި ދުވަސްވަރު ގައުމީ ފެންވަރުގައި އެރަށުން ވިދާލި ފުޓްބޯޅަ ތަރިން ކަމަށްވާ މުހައްމަދު ޖަމީލް (ޖަމްބެ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ގެ އިތުރުން އަބްދުލްވާހިދު ހުސައިން އަދި އަބްދުލް މަޖީދު ހަސަން އެވެ. ޖަމްބެ އާއި ކުޑައްޓޭ އަކީ 2008 ވަނަ އަހަރު ރާއްޖޭން ރަން މެޑަލް ހޯދި ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ. ވާހިދު އަކީ 1991 ވަނަ އަހަރު ރާއްޖޭން ވާދަކުރި ސާފް ގޭމްސް އިން ރިހި މެޑަލް ހޯދި ޓީމުގެ މުހިއްމު ޑިފެންޑަރެކެވެ. މަޖީދު އަކީ އޭދަފުށި އައްޑިހައިގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ފަހުން މަޖީދު ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގެ މެނޭޖްމަންޓުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އޭދަފުށީގައި މިއަދު ތަރައްގީކުރަން ފެށި ސިޑިބަރީގައި 850 މީހުންގެ ޖާގަ އޮންނާނެ ކަމަށް އެރަށު ކައުންސިލުން ވަނީ މައުލޫމާތުދީފަ އެވެ. ސިޑިބަރީގައި ސަޕޯޓަރުންގެ ޖާގަ ހަދާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ތިބެވޭ ގޮތަށެވެ. މީގެ އިތުރުން ވީވީއައިޕީގެ 30 ޖާގަ އާއި ވީއައިޕީގެ 100 ޖާގައިގެ ތަނެއް ރޮސްޓްރަމްގައި ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. ސިޑިބަރި އާއި ރޮސްޓްރަމް ނިމޭއިރު ވީއައިޕީ ވެއިޓިން ލޯންޖް، ނަމާދު ކޮޓަރި، ޕްރެސް ރޫމް، ދެޓީމުގެ ޗޭންޖިން ރޫމް، މެޑިކަލް ރޫމް، މީޑިއާ ބޮކްސް، ސްޓޭޑިއަމް އޮފީސް، ކޯޗުންގެ ރޫމް، ރެފްރީސް ރޫމް އަދި ވީއައިޕީ ރިފްރެޝްމަންޓް އޭރިޔާ ތަރައްގީކުރުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ސިޑިބަރީގައި ޖެހުމަށް ނިންމާފައިވަނީ ބައިނަލްއަގްވާމީ ދަނޑުތަކުގައި ބޭނުންކުރާ ފެންވަރުގެ ގޮނޑި އެވެ.

އޭދަފުށީ ދަނޑުގެ ރޮސްޓަރަމާއި ސިޑިބަރި ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް. – ފޮޓޯ: ސިއާކް ބިލްޑާސް
އޭދަފުށީ ކައުންސިލްގެ އަމާޒަކީ މި ހަފްތާ މަސައްކަތް ފަށައި އަންނަ އަހަރުގެ ކުރީކޮޅު ސިޑިބަރި އާއި ރޮސްޓްރަމްގެ މަސައްކަތް ނިންމާލުމެވެ. ދަނޑަށް ބޮޑު ބަދަލެއް އަންނާނެ މި މަސައްކަތުގެ އިތުރުން ދަނޑުގައި ފެންވަރު ރަނގަޅު ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ދަނޑަށް އާމްދަނީ ވަންނާނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން އެއް ބިތުގައި ވަނީ ފިހާރަބަރިއެއް ތަރައްގީކޮށްފަ އެވެ. އެއީ ދެމެހެއްޓިވި ގޮތެއްގައި ދަނޑުގެ ކަންކަން ހަމަޖެއްސުމުގެ ގޮތުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ފިހާރަތަކެއް ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ. މިއީ ރާއްޖޭގެ އެއްވެސް ދަނޑަކުން މިހާރު ފެންނަ މަންޒަރެއް ނޫނެވެ.
އޭދަފުށީ ޓާފް ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. ދަނޑުގައި އަޅާފައިވަނީ ފީފާ އިން ބަލާ މިންގަނޑަށް ފެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.
އެރަށުން އަމާޒުހިފާފައިވަނީ ފެންވަރު ރަނގަޅު ދަނޑު ތަރައްގީކުރުމަށް ފަހު ޓީމުތައް ކޭމްޕް ކޮށްގެން ތަމްރީނުތައް ކުރިއަށްގެންދިއުމާއި ބައިނަލްއަގްވާމީ މެޗުތަކަށް ވެސް ދަނޑު ހުޅުވާލުމެވެ. 2019 ވަނަ އަހަރުގެ މާޗް މަހު ދަނޑު ރަސްމީކޮށް ހުޅުވިފަހުން އެފްއޭއެމުން ހޮވާލެވުނު ޓީމަކާއި، ކްލަބް އީގަލްސްގެ އިތުރުން ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ އެރަށަށް ގޮސް މެޗުތައް ކުޅެފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ޑިވިޝަނަށް އެންމެ ގިނަ ކުޅުންތެރިން ނެރެދޭ އެއް ރަށަކީ އޭދަފުއްޓެވެ. ރާއްޖޭން މިހާތަނަށް ހޯދި ބައިނަލްއަގްވާމީ ކާމިޔާބީތަކުގައި އެރަށުގެ ހިއްސާ އަބަދުވެސް އޮވެ އެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަ ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑުގައި އެރަށަށް ނިސްބަތްވާ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ހައިޝަމް ހަސަން އަދި މުހައްމަދު އަޖުފާން އެވެ.
ވިޔަފާރިވެރިޔާގެ ނަޒީރުގެ ތަސައްވުރާ އެއްގޮތަށް ދަނޑު ތަރައްގީކޮށްފިނަމަ އެރަށުގައި ގައުމީ ފެންވަރުގެ މެޗުތަކާއި ބައިނަލްއަގްވާމީ މެޗުތައް އަދި ކްލަބް ފެންވަރުގެ މެޗުތައް ކުރިއަށް އޮތް ތަނުގައި ކުޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.