އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީން އަތުން 5-0 އިން ބަލިވެ އާ ސީޒަނުގެ ފެށުން އާސެނަލަށް ގޯހުން ގޯހަށް ހިނގައްޖެ އެވެ.
ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ބަލިވެ، އެ މެޗުތަކުގައި ބައިކޮޅަށް ވަން 9 ގޯލާ އެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގަ އެވެ. އެކަމަކު މިރޭ ކުޅޭ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އާސެނަލްގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. މިއީ 55-1954 ވަނަ ސީޒަނުގެ ފަހުން ލީގުގެ ފުރަތަމަ ތިން މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ޕްރިމިއާ ލީގުގެ ތާރީހުގައި އާސެނަލް ވެފައިވަނީ ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވި ދެ ވަނަ ޓީމަށެވެ. މީގެ ކުރިން ފުރަތަމަ ތިން މެޗުން ބަލިވީ 04-2003 ވަނަ ސީޒަނުގައި ވުލްވްސް އެވެ. އެފަހަރު އެންމެ ފުލުގައި އޮވެ ވުލްވްސް ވަނީ ރެލިގޭޓްވެފަ އެވެ.
ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި އާސެނަލް ބަލިވީ ޗެލްސީއާ ވާދަކޮށެވެ. މި ނަތީޖާއާ އެކު އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މިއަދުގެ މެޗު ފަށައިގެން އުފެއްދި ފުރަތަމަ ހަމަލާގައި ގެބްރިއަލް ޖީސުސް ނަގައިދިން ހުރަހަކުން އިލްކާއި ގުންޑޮގާން ވަނީ ސިޓީ އަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ދެ ލަނޑު ޖެހި ފެރާން ޓޮރޭޒް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖީސުސް އެވެ. ދެ ވަނަ ހާފުގައި ޓޮރޭޒްގެ އެހީތެރިކަމާ އެކު ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ ރޮޑްރީ އެވެ. ފަހު ލަނޑު ރިޔާދް މާރޭޒް ނަގައިދިން ހުރަހަކުން ޖެހީ ޓޮރޭޒް އެވެ. އާސެނަލަށް މެޗުގައި އުނދަގޫތައް ކުރިމަތިވީ ފުރަތަމަ ހާފުގައި ގްރަޓިން ޒާކާ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވިނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ސިޓީ ވަނީ 10 ލަނޑު ޖަހައިފަ އެވެ. އާސެނަލްގެ މެޗުގެ ކުރިން ލީގުގައި އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީ އަތުން ވެސް ސިޓީ މޮޅުވީ 0-5 އިންނެވެ. މިއީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ޓީމަކުން 10 ލަނޑު ޖެހި ތިން ވަނަ ފަހަރެވެ. މީގެ ކުރިން މި އަދަދަށް ގޯލު ޖެހީ 11-2010 ވަނަ ސީޒަނުގައި އާސެނަލާއި 12-2011 ވަނަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑެވެ. ޔުނައިޓެޑް ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި އެ ސީޒަނުގައި 11 ލަނޑު ޖަހައިފަ އެވެ.
މޮޅާ އެކު ސިޓީން ވަނީ ތިން މެޗުން 6 ޕޮއިންޓް ހޯދައި ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ ގާތަށް ޖެހިލާފަ އެވެ. ލީގުގައި މިރޭ ކުޅޭނެ އެންމެ ވަރުގަދަ މެޗަކީ ލިވަޕޫލާ ޗެލްސީ ވާދަކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:30 ގަ އެވެ.