މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެ އެ ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ޔުނައިޓެޑްގެ އަވައްޓެރި ކްލަބް މެންޗެސްޓަރ ސިޓީން ފަށައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. މިއީ ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަހު ރޮނާލްޑޯ ނިންމި ނިންމުމެކެވެ. ސިޓީން ރޮނާލްޑޯ އަށް ޝައުގުވެރިކަން ފާޅުކުރުމުން ޔުވެންޓަސް އިން ބޭނުންވަނީ އެ ކްލަބުން ކިޔާ އަގު ދިނުމަށް ފަހު ރޮނާލްޑޯ ގެންދިއުމެވެ. އަނެއްކޮޅުން ރޮނާލްޑޯގެ ޑީލުގައި ސިޓީގެ ކުޅުންތެރިއަކު ހިމަނަން ޔުވެންޓަސް އިން ބޭނުންވެ އެވެ. އެކަމަކު އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސުސް ދޫނުކުރަން ސިޓީން ވަނީ ނިންމައިފަ އެވެ. ޖީސުސްގެ ބަދަލުގައި ރޮނާލްޑޯ ހޯދަން ސިޓީން ދޫކޮށްލާނެކަމަށް ބެލެވެނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. ރޮނާލްޑޯ ގެނައުމަށް ސިޓީން މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ބިޑް ކުރާނެކަމަށް އިނގިރޭސި މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
2018 ވަނަ އަހަރު 120 މިލިއަން ޕައުންޑަށް ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަސް ނިމުމުންނެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ ގެންނަން ސިޓީން ބޭނުންވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޔުވެންޓަސް އިން ރޮނާލްޑޯ އަށް 30 މިލިއަން ޑޮލަރުގެ ފީއަކަށް ޑިމާންޑް ކުރާތީ ސިޓީން ރޮނާލްޑޯގެ ސޮއި ހޯދާނީ އެ އަގު ދެއްކުމަށްފަހުގައި ކަމަށް ބެލެވެ އެވެ. ސިޓީން އެންމެ ފުރަތަމަ މަސައްކަތްކުރީ ހިލޭ ޓްރާންސްފާއެއްގައި ރޮނާލްޑޯގެ ސޮއި ލިބޭތޯ އެވެ. އެކަމަކު އެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުމުން އަންނަ އަންގާރަ ދުވަހު ބަންދުވާ ޓްރާންސްފާ ބާޒާރުގެ ކުރިން ރޮނާލްޑޯ ގެންނަން ފައިސާ ހަރަދުކުރަން ސިޓީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ޔުނައިޓެޑްގައި ރޮނާލްޑޯ ސިޓީއާ ދެކޮޅަށް ކުޅުނު މެޗެެއްގެ ތެރެއިން. ޔުނައިޓެޑާ ވާދަވެރި ސިޓީ އަށް ރޮނާލްޑޯ ބަދަލުވުމުގެ ފުރުސަތު ބޮޑު
ސިޓީން ރޮނާލްޑޯ އަށް ފާރަލާން ފެށީ އެ ކްލަބުން އެންމެ ބޭނުންވި ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ނުލިބުމުންނެވެ. މިދިޔަ ސީޒަނަށް ފަހު ސާޖިއޯ އަގުއޭރޯ ސިޓީ ދޫކޮށްލުމުން އެ ކްލަބުން އަންނަނީ އެތައް ފޫބެއްދުމަށް ރަނގަޅު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ރޮނާލްޑޯ ސިޓީ އަށް ބަދަލުވާނެކަމަށް ބަލައި ޔުވެންޓަސް އިން މިހާރު އަންނަނީ ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެޓީމުން މިހާރު ފާރަލަމުން އަންނަނީ އެވަޓަންގެ އިޓަލީ ފޯވާޑް މޮއިސް ކީން އަށެވެ. އެވަޓަންގެ ލޯނު އުސޫލުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ކުޅެ ކީން ވަނީ މުހިއްމު މެޗުތަކުގައި ގޯލު ޖަހައިފަ އެވެ. ކޭންގެ ލޯން އެއްބަސްވުމުން އިތުރުކުރަން ޕީއެސްޖީން ހުށަހެޅުމުން އެވަޓަން އިން ވަނީ ނޫނެކޭ ބުނެފަ އެވެ.
2003 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން 16 މިލިއަން ޑޮލަކަށް ޔުނައިޓެޑަށް ބަދަލުވެ އެ ކްލަބުގައި ހޭދަކުރި ހަ ސީޒަނުގައި ރޮނާލްޑޯ ވަނީ ހުރިހާ ކާމިޔާބީއެއް ހޯދައިފަ އެވެ. ރޮނާލްޑޯ ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު 2009 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް ރޮނާލްޑޯ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައި ރޮނާލްޑޯ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އެހެންވެ ޔުނައިޓެޑާ އެ ސިޓީއެއްގައި އޮންނަ ވާދަވެރި ކްލަބަކަށް ރޮނާލްޑޯ ބަދަލުވުން ވެގެންދާނީ ޔުނައިޓެޑަށް ލިބޭނެ ވަރަށް ބޮޑު ނުތަނަވަސް ކަމަކަށެވެ. އެކަމަކު މިހާރު ފެންނަން މަންޒަރަށް ބަލާއިރު ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ރޮނާލްޑޯގެ ސޮއި ސިޓީން ހޯދާނެކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ.
މުއްސަނދި ކްލަބަކަށް ބަދަލުވުމަށް ފަހު މިދިޔަ 10 ވަރަކަށް އަހަރު ކާމިޔާބީގެ ގޮތުން ސިޓީން ވަނީ ޔުނައިޓެޑް ފަހަތަށް ޖައްސާލައިފަ އެވެ. މަޝްހޫރު ކުޅުންތެރިން ގެނެސް ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ ވެފައިވަނީ އިނގިރޭސި ވިލާތުގައި އޮތް އެންމެ ވަރުގަދަ ކްލަބަށެވެ. ސިޓީ ވަރުގަދަ ނަމަކަށް ބަދަލުވުމާ އެކު ޔުނައިޓެޑާ ސިޓީއާ ދެމެދު އޮތް ވާދަވެރިކަން މިހާރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.