ދިވެހި ކޯޗުންގެ ޓީމާ އެކު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމު ރޭ ޕްރެކްޓިސް ފަށައިފި އެވެ.
ގައުމީ ޓީމު ޕްރެކްޓިސް ފެށުމުގެ ކުރިން ބައްސާމް ވަނީ ޓީމާ ބައްދަލުކޮށް ވާހަކަދައްކަވައިފަ އެވެ. އެއަށްފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅުންތެރިންތިބީ ހިތްވަރާއެކު ބުރަކޮށް މަސައްކަތްކޮށް ގައުމަށް ހިނިތުންވުން ގެނެސްދޭން ތައްޔާރަށް ކަމަށެވެ.
“ޓީމަށް ބޭނުންވަނީ ސަޕޯޓަރުންގެ ތަރުހީބާއި އެއްބާރުލުން” ޓީމަށް ކާމިޔާބީއަށް އެދެމުން ބައްސާމް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
Our #redsnappers kickstarted their trainings tonight. In Sha Allah, all are hyped to work hard to bring glory and happiness to the citizens ????????
They need the support and backing of the #12thplayer.
May Almighty Allah’s blessings be with the @maldives_team ????????#saffchampionship pic.twitter.com/KSsIfLEF3L
— Bassam Adeel Jaleel (@bassam_jaleeI) August 26, 2021
ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ޓީމުގެ 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ވަނީ އެކުލަވާލައިފަ އެވެ. އެކަމަކު ދިވެހި ކްލަބްތަކުގެ ކޯޗުންގެ މަޝްވަރާ އަށް ފަހު ތިން ކުޅުންތެރިން ސްކޮޑަށް އިތުރުކޮށްފައިވާކަމަށް އިއްޔެ ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ. ޓީމަށް އިތުރުކުރީ މިދިޔަ ޖޫން މަހު އޮތް ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ތިން މެޗުގައި ގައުމީ ޓީމުގައި ހިމެނުނު ޔުނައިޓެޑް ވިކްޓްރީގެ އަލީ ހައިޝަމް (ޗުމްޕު) އާއި މާޒިޔާގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ގެ އިތުރުން މާޒިޔާގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ.
ޗުމްޕު ވަނީ މިއަހަރު އޮތް ކޮލިފައިން ބުރުގައި ސީރިއާ އާއި ޗައިނާގެ އިތުރުން ފިލިޕީންސާ ދެކޮޅަށް ކުޅެފަ އެވެ. ގައުމީ ޓީމުން އަލަށް ލިބުނު ފުރުސަތުގެ ބޭނުންހިފައި އެ ތިން މެޗުގައި ޗުމްޕު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އިއްބެ ވަހީދަކީ 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެވެ. ޖޫން މަހުގެ ކޮލިފައިންއަށް ނެގި ތިން މެޗުގެ ސްކޮޑުގައި އިއްބެ ހިމެނި ނަމަވެސް އޭނާ އަށް ކްލަބް ލެވެލްގައި އެއް ފެންވަރެއްގައި ނުކުޅެވޭތީ އާއި އަމިއްލަ ސަބަބަކާ ހެދި ސްކޮޑުން އިއްބެ ވަނީ ވަކިވެފަ އެވެ. ލިލީ އަކީ މިދިޔަ އަހަރުތަކަށް ބަލާއިރު ޑިފެންސްގައި އެއްފެންވަރެއްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ދިވެހި ކުޅުންތެރިޔާ އެވެ. އެކަމަކު މިދިޔަ ހަތަރު ވަރަކަށް އަހަރު އެކުލަވާލި ގައުމީ ސްކޮޑުން ލިލީ އަށް ފުރުސަތެއް ނުލިބެ އެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ލިލީ އަލުން ގައުމީ ސްކޮޑަށް އެރި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ގައުމީ ޓީމު އަންނަ މަހުގެ 10 އިން 28 އަށް ގަތަރުގައި ކޭމްޕްކުރާނެ ކަމަށާއި ކޭމްޕުގެ އެންމެ ބޮޑު އަމާޒަކީ މުބާރާތަށް ޓީމު އެކުލަވާލުން ކަމަށެވެ. ކްލަބް އީގަލްސް އާއި މާޒިޔާ އަށް އޭއެފްސީ ކަޕްގައި ކުރިމަތިވި ނާކާމިޔާބީގެ އަސަރު ގައުމީ ޓީމަށް ކޮށްފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސުޒޭން ބުނީ، އެކަމަކުގެ ސަބަބުން ބަދަލުތަކެއް ފާހަގަކުރެވުނު ނަމަވެސް އެ ހުރިހާ ކަމެއް ކޭމްޕާ އެކު ނިމޭނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި އެ ދެޓީމުގެ ކުޅުންތެރިންނާއެކު އެކަމަށް މަސައްކަތްކުރާނެކަން ސުޒޭންގެ ވާހަކައިގައި ފާހަގަކުރި އެވެ.
ސުޒޭންއާ އެކު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންނަށް ހަމަޖެއްސީ މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން އިސްމާއީލް މަހުފޫޒް (އިންމަ) އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. އެސިސްޓެންޓް ކޯޗުގެ ޒިންމާއާ އެކު ގޯލްކީޕިން ކޯޗެއްގެ ގޮތުގައި ވެސް އިމްރާން މަސައްކަތްކުރާނެ އެވެ. ގޯލްކީޕިންގް ކޯޗުގެ ގޮތުގައި ދެން ހަމަޖެއްސީ އަސްލަމް އަބްދުއްރަހީމް އެވެ. ޓީމުގެ ޑޮކްޓަރަކަށް ހަމަޖެއްސީ ޑރ. އަބްދުﷲ ރާފިއު އެވެ.
ރާއްޖޭގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ އަދި ނޭޕާލް އެވެ. މިފަހަރުގެ މުބާރާތުގައި ވާދަނުކުރަނީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އުނދަގޫތަކެއް ހުރި ބޫޓާން އާއި ފީފާގެ ސަސްޕެންޝަނުގައި އޮތް ޕާކިސްތާން އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު އެއް ވަނަ ދުވަހު ކުޅޭނީ ރާއްޖެ އާއި ނޭޕާލް އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު ހަތް ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ތިން ދުވަސް ފަހުން އޮކްޓޫބަރު 10 ވަނަ ދުވަހު ސްރީ ލަންކާއާ ކުޅޭއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮކްޓޫބަރު 13 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިންޑިއާ އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމުގެ މެދުގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 16 ވަނަ ދުވަހު އެވެ.