ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ޕީއެސްޖީ އެއް ގްރޫޕަކަށް

ޗެމްޕިއަންސް ލީގުގައި ސިޓީ އާއި ޕީއެސްޖީ އެއް ގްރޫޕަކަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 26 އޮގަސްޓް 2021

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރު ރޭ ނެގިއިރު މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ގްރޫޕް އޭގައި ސިޓީ އާއި ޕީއެސްޖީގެ އިތުރުން ހިމެނުނީ ޖަރުމަނުގެ އާރުބީ ލައިޕްޒިގާއި ކްލަބް ބްރޫޖް އެވެ. ސިޓީ އާއި ޕީއެސްޖީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކޮށް 4-1 ގެ އެގްރިގޭޓުން ސިޓީ ވަނީ މޮޅުވެފަ އެވެ. އެކަމަކު ފައިނަލުގައި ޗެލްސީއާ ވާދަކޮށް ސިޓީ ބަލިވީ 1-0 އިންނެވެ.

ސިޓީ އާއި ޕީއެސްޖީގެ ދެ ކުރިމަތިލުން ގްރޫޕް ސްޓޭޖުގައި ފެންނައިރު އެންމެ ހާއްސަވާ ކަމަކީ ޕީއެސްޖީ ޓީމުގައި މިހާރު ލިއޮނަލް މެސީ ހުރުމެވެ. އަނެއްކޮޅުން ކްރިސްޓިއާނޯ ރޮނާލްޑޯ ސިޓީއާ ގުޅޭނެކަމުގެ އަޑުތައް ގަދަވެފައިވާއިރު މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު ބޮޑެވެ. މި ގްރޫޕުގައި ހިމެނޭ ލައިޕްޒިގަކީ ވެސް ފެންވަރުގެ ގޮތުން ސިޓީ އާއި ޕީއެސްޖީ އަށް ރަނގަޅު ވާދައެއްކުރާނެ ޓީމެކެވެ. ލައިޕްޒިގް ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް ގްރޫޕް ސްޓޭޖުން ކަޓުވާލައިފަ އެވެ. މިދިޔަ ސީޒަނުގައި ލައިޕްޒިގާ އެކު އެ ގްރޫޕުން އަނެއް ބުރަށް ދިޔައީ ޕީއެސްޖީ އެވެ.

All set for the 2021/22 season! ????

Which Champions League group are you most excited for?#UCLdraw | #UCL pic.twitter.com/gpOCzlRtOd

— UEFA Champions League (@ChampionsLeague) August 26, 2021

މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ނިސްބަތުން އެންމެ އުނދަގޫ ގްރޫޕްގައި ލައްވާލީ ހަ ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލަށެވެ. އެޓީމާ އެކު ގްރޫޕް ބީގައި ހިމެނެނީ ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާއި ޕޯޗުގަލްގެ ޕޯޓޯ އަދި އިޓަލީގެ އޭސީ މިލާނެވެ. އޭސީ މިލާނުން ޔޫރަޕްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާއިރު ޕޯޓޯ އިން ވަނީ 1987 އަދި 2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލާ މިލާނުން ވަނީ ދެހާހުގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގައި ވާދަވެރި ދެ ފައިނަލް ކުޅެފަ އެވެ. 2005 ވަނަ އަހަރު ކުޅުނު ފައިނަލުގައި މިލާން ތިން ގޯލު ކުރީގައި އޮއްވައި ލިވަޕޫލުން ޗެމްޕިއަންކަން ހޯދީ ފަހަތުން އަރައި 3-3- އިން ނަތީޖާ އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން މިލާނުން ވަނީ ފައިނަލުގައި ލިވަޕޫލްގެ ކިބައިން ބަދަލުހިފައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެތުލެޓިކޯ މެޑްރިޑަކީ މި ގްރޫޕުގައި ބަލިކުރަން ލިވަޕޫލަށް އެންމެ އުނދަގޫވާނެ ޓީމެވެ. މި ދެޓީމުގެ ތާރީހަށް ބަލާއިރު ޔޫރަޕްގެ މުބާރާތްތަކުގައި ލިވަޕޫލާ އެތުލެޓިކޯ ވާދަކުރި ހަ މެޗުގެ ތެރެއިން ލިވަޕޫލަށް ލިބުނީ އެންމެ މޮޅެކެވެ. ދެ މެޗު އެއްވަރުވިއިރު އެތުލެޓިކޯ ވަނީ ތިން ފަހަރު ލިވަޕޫލް ބަލިކޮށްފަ އެވެ. އެންމެފަހުން މި ދެޓީމު ވާދަކުރީ 20-2019 ވަނަ ސީޒަނުގެ ގަދަ 16 ގަ އެވެ. އެފަހަރު އެގްރިގޭޓް ނަތީޖާއިން ކުރި ހޯދީ އެތުލެޓިކޯ އެވެ.

މިދިޔަ ސީޒަނުގައި ފަހު ވަގުތު ގްރޫޕް ސްޓޭޖުން ކެޓި އޮލެ ގުނަ ސޯލްޝެއާގެ މެންޗެސްޓަރ ޔުނައިޓެޑް މިފަހަރު އޮތީ އިނގިރޭސި އެހެން ޓީމުތަކާ އަޅާބަލާއިރު ފަސޭހަ ގްރޫޕެއްގަ އެވެ. އެޓީމު ވާދަކުރަން ޖެހޭނީ ވިޔަރެއާލް އާއި އެޓަލާންޓާގެ އިތުރުން ޔަންގް ބޯއީޒްއާ އެވެ. ގްރޫޕް އެފްގައި ހިމެނޭ މި ތިން ޓީމުގެ ތެރެއިން ވިޔަރެއާލް އަތުން ޔުނައިޓެޑް ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ބަލިވެފަ އެވެ.

ޔޫރަޕްގެ ޗެމްޕިއަން ޗެލްސީ ލައްވާލީ ޔުވެންޓަސްއާ އެއް ގްރޫޕެއްގަ އެވެ. ގްރޫޕް އެފްގައި މި ދެޓީމުގެ އިތުރުން ހިމެނުނީ ޒެނިތާއި މަލްމޯ އެވެ. ގްރޫޕް ސީގައި ހިމެނުނީ ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލިސްބަން އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ އިތުރުން އަޔަކްސް އަދި ބެސިކްޓާސް އެވެ. ގްރޫޕް ޑީގައި އޮތީ އިންޓަ މިލާން، ރެއާލް މެޑްރިޑް، ޝަކްތާ ޑޮނެސްކް އަދި ޗެމްޕިއަންސް ލީގަށް އަލަށް ކޮލިފައިވި ޝެރިފް ޓިރަސްޕޯލް އެވެ. ގްރޫޕް އީގައި ބަޔާން މިއުނިކާއި ބާސެލޯނާގެ އިތުރުން ވާދަކުރާނީ ބެންފީކާ އާއި ޑީނަމޯ ކިއޭވް އެވެ. ގްރޫޕް ޖީގައި ލައްވާލީ ފްރާންސްގެ ޗެމްޕިއަން ލިލްގެ އިތުރުން ސެވިއްޔާ، އެފްސީ ސާލްޒްބާގް އަދި ވޮލްފްސްބާގް އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް އޮންނާނީ އަންނަ މަހުގެ 13 އަދި 14 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު އަންނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ކުޅޭނީ ރަޝިއާގެ އެސްޓީ ޕީޓަސްބާގްގެ ދަނޑުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!