ފުރަތަމަ ސަފްޙާ / ޚަބަރު / ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ލީގު ނަގައި ބަޔާން ރެކޯޑް ހަދައިފި

ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ލީގު ނަގައި ބަޔާން ރެކޯޑް ހަދައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

ޖަރުމަނުގެ ބުންޑަސް ލީގާގެ ޗެމްޕިއަންކަން 27 ވަނަ ފަހަރަށް ބަޔާން މިއުނިކުން ރޭ ހޯދައިފި އެވެ.

ބާކީ ފަސް މެޗު އޮއްވާ އެ ޓީމުން ލީގު ކަށަވަރުކުރީ ރޭ ކުޅެވުނު މެޗު 1-4 ގެ ނަތީޖާއަކުން އޮގްސްބާގް ބަލިކޮށްގެންނެވެ. މިއީ ޖެހިޖެހިގެން 6 ފަހަރު ޖަރުމަނު ލީގު ކްލަބެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ރޭގެ މޮޅާއެކު ބަޔާންއަށް 72 ޕޮއިންޓު ލިބުނު އިރު ދެ ވަނައިގައި 52 ޕޮއިންޓާ އެކު އޮތް ޝާލްކާ އަށް ބާކީ އޮތް ފަސް މެޗުން މޮޅުވިޔަސް ގިނަވެގެން ލިބޭނީ 67 ޕޮއިންޓެވެ.

އަންނަ ބުދަ ދުވަހުގެ ރޭގައި ސްޕެއިންގެ ސެވިއްޔާ އާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގް އޮތުމުން ރޭގެ މެޗުގައި ބަޔާން ނިކުތީ ގިނަ ބަދަލުތަކަކާއެކުއެވެ.

އެގޮތުން ޓީމުގެ މުޙިއްމު ކުޅުންތެރިން ކަމަށްވާ ލެވޮންޑޮސްކީ، މުލާ، ހުމެލްސް، ތިއާގޯ، ފްރޭންކް ރިބެރީ، ފަދަ ކުޅުންތެރިން ތިބީ ބެންޗުގަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ބަޔާނުގެ ޑިފެންޑަރ ނިކްލަސް ސޫލޭ އަތުން ބައިކޮޅަށް ވަންތާ މާގިނަ އިރެއްނުވެ ބަޔާން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި ޓޮލިސޯއެވެ. އޭގެ މާގިނަ އިރުތަކެއް ނުވަނީސް ރެއާލް މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާންއަށް ބަދަލުވި ހަމޭސް ރޮޑްރިގޭޒް އިތުރު ލަނޑެއްޖަހާ ބަޔާންއަށް ލީޑު ނަގައިދިނެވެ. ބަޔާންގެ އަނެއް ދެލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ރޮބެން އާއި ސެންޑްރޯ ވެގްނާ އެވެ.

ސީޒަންގެ ކުރީކޮޅު ނަތީޖާ ދަށްވުމުގެ ސަބަބުން ކޯޗަކަށް ހުރި ކާލޯ އަންޗެލޮޓީ މަގާމުން ވަކިކޮށް ހެއިންކެސް ޓީމުގެ ކޯޗަށް ގެނައިފަހުން ބަޔާން ފެނިގެންދިޔައީ ވަރަށްވެސް ތަފާތުކޮށެވެ.

72 އަހަރުގެ ހެއިންކެސް އަކީ 2013 ވަނަ އަހަރު ބަޔާނަށް ޖަރުމަން ލީގާއި، ޗެމްޕިއަންސް ލީގާއި، ޖަރުމަން ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު ރިޓަޔާކުރި ކޯޗެކެވެ. ނަމަވެސް އެތައް ބައެއްގެ އެދުމުގެ މަތިން އަލުން ބަޔާނުން އައިސް އަނެއްކާވެސް ތިން ތަށި ހޯދުމުގެ ފުރުޞަތު އޭނާ އަށް އެބައޮތެވެ.

މިއީ ހެއިންކެސްގެ މެނޭޖިން ކެރިއަރގައި ބަޔާންއަށް ހޯދައިދިން ތިންވަނަ ލީގެވެ. އަދި އޭނާ އަކީ ޖަރުމަނުގެ ގްލޭޑްބާގް ގައި ކުޅުންތެރިއެއްގެ ގޮތުގައި ވެސް ތިން ފަހަރަށް ލީގު ކާމިޔާބުކޮށްފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!