ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ ބިލްބާއޯ މޮޅުވާން ދަނިކޮށް މެމްފިސް ޑިޕާއި ޖެހި ގޯލުން ބާސެލޯނާ ޕޮއިންޓަކުން ފުއްދާލައިފި އެވެ.
ބިލްބާއޯގެ ދަނޑުގައި 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓުގައި ޖެހީ ބިލްބާއޯގެ އިނީގޯ މާޓިނޭޒް އެވެ. ބަލިވާން ދަނިކޮށް ބާސެލޯގެ ލަނޑު ޑިޕާއި ޖެހީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. މިއީ މިދިޔަ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގައި ފްރާންސްގެ ލިޔޯން ދޫކޮށް ބާސެލޯނާ އަށް ބަދަލުވެ ރަސްމީ މެޗެއްގައި ޑިޕާއި ޖެހި ފުރަތަމަ ލަނޑެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ އެރިކް ގާސިއާ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މިއީ ބިލްބާއޯގެ ނިކޯ ވިލިއަމްސް އަށް ކުރި ފައުލަކަށް ގާސިއާ އަށް ދެއްކި ރަތް ކާޑެކެވެ. މެޗުގެ ފަހު ވަގުތު ލީޑު ނަގަން އިތުރު ފުރުސަތެއް ޑިޕާއި އަށް ލިބި ވަނީ ބޭކާރުވެފަ އެވެ.
ލީގުގައި ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާ އެކު ބާސެލޯނާ މިވަގުތު އޮތީ އެއް ވަނައިގަ އެވެ. އެކަމަކު ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް މިރޭ ކުޅޭ މެޗުތަކުން މޮޅުވެގެން ބާސެލޯނާ އަށް ވުރެ ކުރިއަށް އެރޭނެ އެވެ. ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް މިރޭ 10:30 ގައި އަމިއްލަ ދަނޑުގައި އެލްޗޭއާ ދެކޮޅަށް ނުކުންނައިރު ރެއާލް ރަށުން ބޭރުގައި މިރޭ ދަންވަރު 1 ޖަހާއިރު ނުކުންނާނީ ލެވަންޓޭއާ ދެކޮޅަށެވެ.