ފުރަތަމަ ސަފްޙާ / ޚަބަރު / ލިވަޕޫލް އާދައިގެ މޮޅެއް ހޯދިއިރު ސިޓީން ފަސް ލަނޑު ޖަހައިފި

ލިވަޕޫލް އާދައިގެ މޮޅެއް ހޯދިއިރު ސިޓީން ފަސް ލަނޑު ޖަހައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 އޮގަސްޓް 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލުން އަމިއްލަ ދަނޑުގައި 0-2 އިން ބާންލީ ބަލިކުރިއިރު މެންޗެސްޓަރ ސިޓީން އަމިއްލަ ދަނޑުގައި 0-5 އިން ނޯވިޗް ސިޓީ ބަލިކޮށްފި އެވެ.

މިފަހަރުގެ ލީގުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ސަޕޯޓަރުން ވަނީ ދަނޑު ފުރާލާފަ އެވެ. މިއީ ކޮވިޑާ ގުޅިގެން ދިން ލުޔަށް ފަހު ލިވަޕޫލްގެ ދަނޑަށް ފުލްކޮށް ސަޕޯޓަރުން ވަން ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ލިވަޕޫލް ސަޕޯޓަރުން ދަނޑު ފުރާލީ މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. 528 ދުވަސް ފަހުން ފުރިފައި އޮތް ދަނޑުގައި ސަޕޯޓަރުން ވަނީ ޓީމަށް ވަރަށް ބޮޑަށް ތަރުހީބުދީފަ އެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ލިވަޕޫލްގެ ފުރަތަމަ ލަނޑު ބޮލުން ޖަހައި ވައްދާލީ ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޯޓާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޓްރެންޓް އަލެކްސަންޑާ އާނޯލްޑްގެ އެހީގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ.

Image

ނޯވިޗް ސިޓީ އަތުން މެންޗެސްޓަރ ސިޓީ ފަސޭހަ މޮޅެއް ހޯދިއިރު އަނިޔާގެ ސަބަބުން އެޓީމުގެ ތަރި ކެވިން ޑި ބްރޭނާ ކުޅެފައެއްނުވެ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ބަލިވުމާއި ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވުމުން މެޗަށް ނުކުތްއިރު ސިޓީ އޮތީ ޕްރެޝަރުގަ އެވެ. އެކަމަކު މިރޭ އެޓީމުން ވަނީ ފަސް ލަނޑު ޖެހުމުގެ އިތުރުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ ކުރީކޮޅު ސިޓީ އަށް ލީޑު ލިބުނީ ނޯވިޗްގެ ނެދަލެންޑްސް ގޯލްކީޕަރު ޓިމް ކްރުލް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ސިޓީގެ ދެ ވަނަ ލަނޑު ޖެހީ 100 މިލިއަނުގެ އިނގިރޭސި ރެކޯޑް އަގަކަށް އެސްޓަން ވިލާ އިން އެޓީމަށް ބަދަލުވި ޖެކް ގްރީލިޝް އެވެ. ސިޓީގެ ތިން ވަނަ ލަނޑު އައިމެރިކް ލަޕޯޓް ޖެހިއިރު ހަތަރު ވަނަ ލަނޑު ޖެހީ ރަހީމް ސްޓާލިން އެވެ. މެޗުގެ ފަހު ގޯލު ޖެހީ ރިޔާދް މާރޭޒް އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަން ވިލާ އިން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ލީޑްސް ޔުނައިޓެޑް ދަނޑުގައި އެވަޓަންއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ކްރިސްޓަލް ޕެލޭސް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!