ޔޫއެފާއިން މިއަހަރު ހޮވާ ޔޫރަޕްގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިންގެ ގަދަ ތިނެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކުޅުންތެރިން ހިމެނިއްޖެ އެވެ.
އެންމެ މޮޅު ތިން ކުޅުންތެރިންނަށް ނޮމިނޭޓްވީ ޗެލްސީގެ ޖޯޖީނިއޯ އާއި އެންގޯލޯ ކާންޓޭގެ އިތުރުން މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރޭނާ އެވެ. މިއީ 11 އަހަރުވީ މި އެވޯޑުގެ ތާރީހުގައި އެންމެ މޮޅު ތިން ކުޅުންތެރިންގެ ލިސްޓަށް ހުސް މިޑްފީލްޑަރުން އެރި ފުރަތަމަ ފަހަރެވެ.
މަގާމަށް ވާދަކުރާ ޖޯޖީނިއޯ އަކީ މިފަހަރުގެ އެވޯޑުގެ ފޭވަރިޓެވެ. ސިޓީ ބަލިކޮށް ޗެލްސީން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ޖޯޖީނިއޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މީގެ އިތުރުން މިދިޔަ ޖުލައި މަހު އިޓަލީން ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު ޖޯޖީނިއޯ ވަނީ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ޖޯޖީނިއޯގެ އިތުރުން ޗެލްސީން ޗެމްޕިއަންސް ލީގު ހޯދިއިރު ކާންޓޭގެ ކުޅުން ވެސް ފާހަގަކުރެވުނެވެ. ހާއްސަކޮށް ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗުގައި ކާންޓޭ ދެއްކި ކުޅުމަށް ގިނަ ބަޔަކު ތައުރީފްކުރި އެވެ. އެކަމަކު ކާންޓޭ ހިމެނުނު ފްރާންސް ޓީމު ވަނީ ޔޫރޯގެ ގަދަ 16 އިން ކަޓައިފަ އެވެ.
މަގާމަށް ވާދަކުރާ ބެލްޖިއަމްގެ ޑި ބްރޭނާ އަކީ ސިޓީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު ފައިނަލުގައި ސިޓީ ވަނީ 1-0 އިން ޗެލްސީ އަތުން ބަލިވެފަ އެވެ. މިދިޔަ ސީޒަނުގައި ޑި ބްރޭނާ ވަނީ ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. ޔޫރޯގައި ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުގައި އިޓަލީއާ ވާދަކޮށެވެ.
ޔޫއެފާ އެވޯޑުގެ ހަތަރު ވަނައިގައި ހިމެނުނީ ލިއޮނަލް މެސީ އެވެ. ލެވަންޑޮސްކީ ފަސް ވަނައިގައި ހިމެނުނުއިރު ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ލިބުނީ ހަ ވަނަ އެވެ. ހަތް ވަނަ ކިލިއަން އެމްބާޕޭ އަށް ލިބުނުއިރު އަށް ވަނަ ލިބުނީ ރަހީމް ސްޓާލިން އަށެވެ. ނުވަ ވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭއިރު 10 ވަނަ ލިބުނީ އަރަމުން އަންނަ ތަރި އާލިން ބްރައުޓް ހާލަންޑް އަށެވެ.
މިފަހަރު އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނެނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ތޯމަސް ޓުކެލްގެ އިތުރުން އިޓަލީ އަށް ޔޫރޯ ކާމިޔާބުކޮށްދިން ކޯޗު ރޮބާޓޯ މަންޗީނީ އެވެ. ހަތަރު ވަނައިގައި ވިޔަރެއާލަށް ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އުނާއި އެމެރީ ހިމެނުނުއިރު އެތުލެޓިކޯއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކުރި ޑިއޭގޯ ސިމިއޯނީ އަށް ލިބުނީ ފަސް ވަނަ އެވެ. އިންގްލެންޑާ އެކު ޔޫރޯ ފައިނަލަށް ދަތުރުކުރި ކޯޗު ގަރެތު ސައުތުގޭޓަށް ހަތް ވަނަ ލިބުނުއިރު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ލިބުނީ ނުވަ ވަނަ އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިވަޕޫލްގެ ޔާގެން ކްލޮޕް ހޯދިއިރު އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް ލިބުނީ ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އަށެވެ.
ޔޫއެފާ އެވޯޑް ހަފްލާ އޮންނަނީ މި މަހުގެ 26 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގަ އެވެ. އެ ރަސްމިއްޔާތުގައި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރު ނެގުން ވެސް ކުރިއަށްދާނެ އެވެ.