ފުރަތަމަ ސަފްޙާ / ޚަބަރު / ބަޝުންދުރާ އަތުން ބަލިވެ މާޒިޔާ އުނދަގޫ ހާލަތަކަށް

ބަޝުންދުރާ އަތުން ބަލިވެ މާޒިޔާ އުނދަގޫ ހާލަތަކަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 18 އޮގަސްޓް 2021

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަތުން 2-0 އިން ބަލިވެއްޖެ އެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާނުން ވަނީ 2-0 އިން ބެންގަލޫރު އެފްސީ ބަލިކޮށްފަ އެވެ. ގްރޫޕުގައި ބާކީ މާޒިޔާ އަށް އޮންނާނީ މޯހަން ބަގާން އާއި ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. ގްރޫޕުގެ އެއް ވަނަ ޓީމު އަނެއް ބުރަށް ކޮލިފައިވާއިރު ކުރިއަށް އޮތް ދެ މެޗުން މޮޅުވުން މާޒިޔާ އަށް މަޖުބޫރުވާނެ އެވެ.

މެޗަށް ނުކުތް މާޒިޔާގެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނީ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ)، ގޯލްކީޕަރު މަމަތަކްނޯވް މިރްޒޯހިދް، ޓަކާޝީ އޮޑަވާރާ، ހުސައިން ނިހާން (ނިހާޓް)، ހަމްޒާ މުހައްމަދު (ހަމްޕު). ނާއިޒް ހަސަން (ދާދު)، ހުސައިން ޝިފާޒް، ޖީސުސް ބްލަންކޯ (ޕޯޒޯ). އައިސަމް އިބްރާހީމް، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި އަހުމަދު އަބްދުﷲ (ލިލީ) އެވެ.

Maziya Sports & RC tastes their first defeat to a Bangladeshi club! Bashundhara Kings did the job with Oscar Bruzon Barreras as the coach! Oscar who won a domestic treble in his only season at the Maldives.

???? FAM pic.twitter.com/qFdFyCMdzg

— Fahuminet (@fahuminet) August 18, 2021

މެޗު ފެށިގެން މާޒިޔާ އިން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދި އެވެ. އެކަމަކު ބަޝުންދުރާ އިން ދިޔައީ ލިބޭ ބޯޅަތަކުގައި ހަމަލާތައް އުފައްދަން މަސައްކަތްކުރަމުންނެވެ. ބަޝުންދުރާ އަށް މެޗުގައި ލީޑު ލިބުނީ 25 ވަނަ މިނެޓުގައި އިރޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މަތިން އައި ބޯޅަ ދިފާއުކުރަން އިރޭ ގޯލްކީޕަރަށް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯމަތިން ގޮހެވެ. އެ ބޯޅަ ހުއްޓުވުމަށް ކީޕަރަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ގޯލަށް ފަހު ބަޝުންދުރާ އިން ފެނުނީ އިތުބާރާއެކު ކުޅެ ލިބޭ ފުރުސަތުތަކުގައި ނުރައްކާކުރިތަނެވެ. މާޒިޔާގެ ޑިފެންސަށް ދާ ބޯޅަތަކުގައި އެޓީމުގެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޑިފެންސް ނުކުރެވުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޝުންދުރާ އިން ދެ ވަނަ ގޯލެއް ޖެހުމެވެ. އެޓީމުގެ ރޮބްސަން ދަ ސިލްވާ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ކީޕަރު ހުރި ކަނަށް ވައްދާލީ މެޗުގެ 40 ވަނަ މިނެޓުގަ އެވެ.

Image

ގޯލު ޖެހުމަށް ފަހު ބަޝުންދުރާގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އޭއެފްސީ

މެޗުގެ ދެ ވަނަ ހާފުގައި މާޒިޔާ އިން ބަދަލުތައް ގެނެސްގެން އެޓޭކު ރަނގަޅުކުރަން މަސައްކަތްކުރި އެވެ. އެކަމަކު ބަޝުންދުރާގެ ކީޕަރު ޓެސްޓް ކޮށްލެވޭ ވަރުގެ މާ ނުރައްކާތެރި ހަމަލާއެއް މުޅި މެޗުގައި ވެސް މާޒިޔާ އަށް ފޮނުވާލެވިފައެއްނުވެ އެވެ. މި ހާފުގައި ހަމްޕު ފޮނުވާލި ހިލޭ ޖެހުމެއް ބަޝުންދުރާގެ ކީޕަރު މަތަކުރިއިރު މެޗުގެ ފަހުކޮޅު ކޯނޭ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. މާޒިޔާ ހިފެހެއްޓުމުގައި ބަޝުންދުރާ އިން މިރޭ ވަނީ އިތުބާރާ އެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ އޭއެފްސީ ކަޕްގެ ތާރީހުގައި ބަންގްލަދޭޝްގެ ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ. ބަޝުންދުރާ އިން މިވަނީ އެ ކްލަބް އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އަމިއްލަ ގައުމުގައި އެޓީމުން ވަނީ 1-5 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

މުބާރާތުގެ މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބެންގަލޫރާ ބަޝުންދުރާ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ މޯހަން ބަގާންއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!