ރާއްޖޭގައި މިއަދު ފެށި އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ ފުރަތަމަ މެޗު އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކޮށް 2-0 އިން އެގައުމުގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން ކާމިޔާބުކޮށްފި އެވެ.
މޯހަން ބަގާން އަކީ އިންޑިއާ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން މުބާރާތުގައި ވާދަކުރަމުން އަންނަ ޓީމެކެވެ. ބެންގަލޫރު ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރީ ކޮލިފައިންގެ ދެ ވަނަ ބުރުގެ މެޗާއި ޕްލޭއޮފް މެޗު ކާމިޔާބުކޮށްގެންނެވެ. ޕްލޭއޮފް މެޗުގައި މިދިޔަ އާދީއްތަ ދުވަހު ބެންގަލޫރު ކުރި ހޯދީ ކްލަބް އީގަލްސްއާ ވާދަކޮށެވެ. މިއަދުގެ މެޗަށް ބެންގަލޫރުން ނެރުނީ ވެސް އީގަލްސް މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރަ އެވެ. ދެޓީމުގައި ވެސް އިންޑިއާގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިއްބެވެ.

މޯހަން ބަގާން އާއި ބެންގަލޫރު ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އޭއެފްސީ
ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ މޯހަން ބަގާންގެ ފުރަތަމަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރޯއީ ކްރިޝްނާ އެވެ. މިއީ އެޓީމުން ނެގި ކޯނަރެއްގައި ކާލް މެކްހިއު ބޮލުން ޖެހުމުން ކީޕަރާ ދިމާއަށް ދިޔަ ބޯޅަ، ކީޕަރަށް ލިބުމުގެ ކުރިން ބޮލުން ކްރިޝްނާ ވައްދާލި ލަނޑެކެވެ. ފުރަތަމަ ހާފު ލީޑުގައި އޮވެ ނިންމާލުމަށް ފަހު މޯހަން ބަގާނުން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތަނާ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭރިޔާ ތެރެއިން މޯހަން ބަގާންގެ ސުބަޝިސް އަށް ލިބުނު ބޯޅަ ވައްދާލީ ދުރު ކަނަށެވެ.
ދެ ގޯލުގެ ލީޑެއްގައި މޯހަން ބަގާން އޮތުމުން ބެންގަލޫރުން ވަނީ ކުރިއަށް ޖެހި ގޯލެއް ޖަހަން މަސައްކަތްކޮށްފަ އެވެ. މި ހާފުގައި އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މޯހަން ބަގާންގެ ގޯލު ފޫއަޅުވާލެވޭގޮތެއްނުވި އެވެ. މެޗުގައި ބެންގަލޫރުން 12 ހަމަލާ ފޮނުވާލިއިރު މޯހަން ބަގާނުން ވަނީ 11 ހަމަލާ ފޮނުވާލައިފަ އެވެ.

މޯހަން ބަގާން އާއި ބެންގަލޫރު ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އޭއެފްސީ
އޭއެފްސީ ކަޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ބަޝުންދުރާ އިން މީގެ ކުރިން ކުޅުނު އޭއެފްސީ ކަޕްގެ ހަމައެކަނި މެޗުގައި މިދިޔަ އަހަރު އަމިއްލަ ދަނޑުގައި 5-1 އިން ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ މޮޅުވެފަ އެވެ. މާޒިޔާ އާއި ބަޝުންދުރާ ވާދަކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.