ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަކުރަން ނުކުންނައިރު ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިނަށް އުފަން އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޭއެފްސީ ކަޕްގައި އޮސްކާގެ ބަޝުންދުރާ މިރޭ ނުކުންނާނީ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންޑިއާގެ ދެ ޓީމު ކަމަށްވާ އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު އެފްސީ އެވެ. މި ހަތަރު ޓީމަކީ ވެސް ގްރޫޕުގެ އެއް ވަނަ ހޯދައި އަނެއް ބުރަށް ދެވޭނެ ފެންވަރު ހުރި ޓީމުތަކެވެ.
އޮސްކާ ވަނީ 2017 ވަނަ އަހަރު ނިއުގެ ކޯޗުކަމާ ހަވާލުވެ 2018 އެ ކްލަބް ދޫކޮށްލުމާ ހަމައަށް ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފަ އެވެ. 2017 ވަނަ އަހަރު އޮސްކާ ވަނީ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. 2018 ވަނަ އަހަރުގެ ސީޒަންގެ ކުރީކޮޅު އޮސްކާ ނިއު ދޫކޮށްލީ އެ ކްލަބަށް އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދިނުމަށް ފަހު އެވެ.
ކޯޗިންގެ ސްޓައިލާއި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އޮސްކާ އަކީ ފަހަކަށް އައިސް ގަލޮޅު ދަނޑުގައި ޓީމަކަށް އިރުޝާދުދިން އެންމެ މޮޅު އެއް ކޯޗެވެ. މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ގަލޮޅު ދަނޑުގައި އޭނާ މިފަހަރު ބަޝުންދުރާ ގޮވައިގެން ނުކުންނައިރު އުއްމީދަކީ ނިއުގައި ހޯދި ކާމިޔާބީ ތަކުރާރުކުރުން ކަމަށެވެ.
“އަހަރެންގެ މޯޓިވޭޝަން އަބަދުވެސް ހުންނާނީ ރަނގަޅަށް. އަހަރެން ނިއު ރޭޑިއަންޓްގައި ހުރެ ހޭދަކުރި އަހަރެއްހާ ދުވަހު ހޯދި ކާމިޔާބީ މި ދަނޑުގައި ހޯދަން ބޭނުމީ މި ފަހަރު އެހެން ކްލަބެއްގައި ހުރެ” ނިއުގެ ސަޕޯޓަރުންގެ ލޯބި ހޯދި ކޯޗު ބުންޏެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވާހަކަދައްކަނީ. މިރޭ ބަޝުންދުރަ ގޮވައިގެން މާޒިޔާއާ ދެކޮޅަށް ނުކުންނާނެ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
ބޮޑު ހަރަދު ކުރަމުން އަންނަ ބަޝުންދުރާ އަކީ އޭޝިއާގެ ގަދަ ބާރަކަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މިދިޔަ ދެ ސީޒަނުގައި ބަންގްލަދޭޝް ލީގުގެ ޗެމްޕިއަންކަން އެޓީމުން ހޯދިއިރު މި ސީޒަނުގެ ޗެމްޕިއަންކަން އެޓީމުން ކަށަވަރުކުރީ މިދިޔަ ހަފްތާގަ އެވެ. މިދިޔަ ދުވަސްތަކުގައި ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައިވުމަކީ އެޓީމަށް ލިބޭ އެޑްވާންޓޭޖެވެ. މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވެސް ވަނީ ބަޝުންދުރާ އަށް ވާދަވެރި މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ލިބުމުން އެޑްވާންޓޭޖް އޮންނާނެ ކަމަށް ބުނެފަ އެވެ.
“މުބާރާތަށް ތައްޔާރުވެވުނު މިންވަރާ މެދު އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި. އަހަރެންނަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް. މޮޅުވާން ވަރަށް ބޮޑަށް ބޭނުންވެފަ މިހުރީ. އޭއެފްސީ ކަޕްގެ ވާހަކަ ބަންގްލަދޭޝްގައި ދައްކާތާ ގާތްގަނޑަކަށް ދެ އަހަރު މިވީ. މިދިޔަ އަހަރުވެސް ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައި ނުކުޅެވި ދިޔައީ. ކްލަބްގެ ރައީސްގެ ވަރަށް ބޮޑު އުއްމީދެއް އެއީ އޭޝިއާ ސަރަހައްދުގެ ބޮޑު ބާރަކަށް ބަޝުންދުރާ ހެދުން. މިއީ ވަރަށް ރަނގަޅު މުބާރާތެއް. އަހަރެމެންގެ ތައްޔާރުވުން ދިޔައީ ވަރަށް ރަނގަޅަށް” އޮސްކާ ބުންޏެވެ.
މިއީ ބަޝުންދުރާ އިން އޭއެފްސީ ކަޕްގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ފުރަތަމަ ވާދަކުރިއިރު ގްރޫޕް ސްޓޭޖުގެ އެއް މެޗަށް ފަހު ކޮވިޑާ ހެދި މުބާރާތް ޖެހުނީ ކެންސަލްކުރާށެވެ. މިދިޔަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ބަޝުންދުރާއާ އެކު އޮތީ ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އިންޑިއާގެ ޗެންނާއި ސިޓީ އެފްސީ އެވެ. ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބަޝުންދުރާ ވަނީ 1-5 އިން ޓީސީ ބަލިކޮށްފަ އެވެ. އެކަމަކު މުބާރާތް ކެންސަލް ކުރުމުން އެޓީމުގެ އުއްމީދު ފެނަށް ދިޔައީ އެވެ. މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނަ މެޗަކީ ބަޝުންދުރާގެ ފުޓްބޯޅައިގެ ތާރީހުގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ ވަނަ މެޗެވެ. އެކަމަކު މާޒިޔާ ވަނީ މިދިޔަ އަހަރާ އެކު ޖުމްލަ ހަ ފަހަރު އޭއެފްސީ ކަޕްގައި ވާދަކޮށްފަ އެވެ.
މާޒިޔާއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްގެ ޓީމުގައި އެގައުމުގެ ގައުމީ ޓީމަށް ކުޅޭ 12 ވަރަކަށް ކުޅުންތެރިން އެބަތިއްބެވެ. އަނެއްކޮޅުން މާޒިޔާ އަކީ ވެސް ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ޓީމެކެވެ. އޮސްކާ ބުނީ އޭނާ މާޒިޔާ އަކީ ދިވެހި ފުޓްބޯޅައިގައި މިހާރު އޮތް އެއް ވަނަ ޓީމު ކަމަށެވެ. އަދި ރަނގަޅު ސްކޮޑެއް އޮތްއިރު މާޒިޔާގެ ކޯޗުގެ މޮޅުކަން އޮސްކާ ފާހަގަކުރި އެވެ.
ވާދެވެރި މި މެޗަށް ނުކުންނައިރު މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ ބަޝުންދުރާ ސީދާ ކުޅޭނެ ގޮތް ދެނެގަންނަން އޭނާ އަށް ފަސޭހަ ނުވިޔަސް ކޯޗު އޮސްކާ އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅުވާ ކޯޗެއް ކަމަށެވެ.
“އަހަރެން ބެލިން އެމީހުންގެ ބައެއް މެޗްތައް. އެކަމަކު އެހާ ފަސޭހައެއް ނޫން. އެމީހުން ސީދާ ކުޅޭނެ ގޮތް ދެނެގަންނާކަށް. ބަންގްލަދޭޝްގައި ކުޅޭ ދަނޑުތައްވެސް އެހާ ރަގަޅެއް ނޫން. އެމީހުން ބައެއް ފަހަރު ކުޅޭނެ ދިގު ބޯޅަ. އަނެއް އަނެއްބައި ފަހަރު ކުރު ޕާސްކޮށްގެންވެސް ކުޅެފާނެ. އެކަމަކު އަހަރެންނަށް އެނގޭ އެއްޗަކީ އޮސްކާ އަކީ ރަގަޅު ފުޓްބޯޅައެއް ކުޅުވާނެ ކޯޗެއްކަން. އަހަރެން ގަބޫލުކުރަނީ މާދަމާ (މިރޭ) ގެ މެޗަކީ ބަލާލަން ރަގަޅު މެޗަކަށް ވާނެ ކަމަށް. ދެ ޓީމުންވެސް ކުޅެނީ ވަރަށް އޮފެންސިވް ކުޅުމެއް” މެޗާ ގުޅޭގޮތުން ވިޑަކޮވިޗް ބުންޏެވެ.
މާޒިޔާ އާއި ބަޝުންދުރާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.