ފުރަތަމަ ސަފްޙާ / ޚަބަރު / ފެންޓަސީ ޓީމް ހަދައިފިންތަ؟ މިއީ އާދައިގެ ކަމެއް ނޫން

ފެންޓަސީ ޓީމް ހަދައިފިންތަ؟ މިއީ އާދައިގެ ކަމެއް ނޫން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 13 އޮގަސްޓް 2021

“މިރޭ އެބަޖެހޭ ތިކަން ކުރަން ހޭލާ ހުންނަން.” މިއީ ފެންޓަސީ ޓީމެއް ނުހަދަންތޯ ގާތް ރައްޓެއްސެއްގެ ގާތު އަހާލުމުން ރޭ ދިން ޖަވާބެވެ. މިއީ ފަހަރެއްގައި ވަރަށް ގިނަ ބައަކު ރޭ އުޅޭނެ ހާލަށް ވެދާނެ އެވެ. ފެންޓަސީ ޕްރިމިއަ ލީގުގެ ފުރަތަމަ ގޭމް ވީކްގެ ޑެޑްލައިން ހަމަވާން ދެން އޮތީ މަދު ވަގުތުކޮޅެކެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ބައިވެރިވާ މި ލީގުގައި ރާއްޖެއިން ބައިވެރިވާ މީހުންގެ އަދަދު ޔަގީނުންވެސް އެތައް ހާހަކުން ގުނޭނެ އެވެ. މި އެންމެންވެސް ރެއާ، މިއަދާއި އަދި މިރޭގެ 11 ޖެހުމާ ހަމައަށް އަވަތި ނެތި އުޅޭނީ ލީގުގައި ރަގަޅު ވާދައެއްކޮށްލެވޭ ވަރުގެ ޓީމެއް ހެދުމުގެ މަސައްކަތުގަ އެވެ.

ފެންޓަސީ ލީގުގެ ތައާރަފަކަށް ދާކަށް ނެތީމެވެ. އެއީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންނަށް މިހާރު އާ އެއްޗަކަށް ނުވާނެ އެވެ. ދެހާހުގެ އަހަރުތަކުގެ ފަހުކޮޅު އިނގިރޭސި ޕްރިމިއަ ލީގުގެ މެޗްތައް  ލައިވްކޮށް ދިވެހިންނަށް ފެންނަން ފެށީއްސުރެ ފެންޓަސީ ލީގުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. އަހަރަކަށްވުރެ އަހަރެއް މީގެ ފޯރި ގަދަވަމުން އައިސް މިއަހަރު މިއޮތީ ހީވެސް ނުކުރާވަރަށް ގަދަވެފައޭ ބުނެވިދާނެ އެވެ. ހިލޭ ބައިވެރިވެވޭ ލީގުތައް ގިނަވެ ހުށަހަޅައިފައިވާ އިނާމްތަކުގެ އަގު އުޅެނީ އަންތަރީސްވާހާ މަތީގަ އެވެ. ބައެއް އަދަދުތައް ލައްކައަކަށް އަރަ އެވެ.

May be an image of text

ތިން ވިޔަފާރިއެއް އެކުވެގެން ހަދާފައިވާ ފެންޓަސީ ލީގެއްގެ ޕޯސްޓެއް. – ފޮޓޯ: ލަމްޕޯއެމްވީ

ގާތްގަނޑަކަށް 10 މަސް ދުވަހުގެ މުއްދަތަކަށް ދިގުދެމިގެންދާ ފެންޓަސީ ލީގުގެ ފޯރީގައި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ޖެހިފައިވާ އިރު މިކަމުގައި މިކަން ވަރަށް ގަޔާވެގެން ފަރުވާތެރިކަމާއެކު ކުރާ މީހުން ގިނަ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ އާންމުކޮށް ނުކުޅޭ ފަރާތްތައްވެސް މަދެއް ނޫނެވެ. ވަރަށް ޅަ ކުދިންނާއި، އުމުރުން ދޮށީ މީހުންވެސް މީގެ ތެރޭގައި އުޅެ އެވެ. އޮފީސްތަކުގެ ޒިންމާދާރު އިސް މަގާމްތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން ވަގުތު ހުސްކޮށްގެން މިކަން ކުރާ ފަރާތްތަކުގެ ވާހަކައަކީ ވެސް ޝައުގުވެރި ވާހަކަތަކެކެވެ.

“ޓީމް ހެދުމާއި އަޕްޑޭޓްކުރުމުގެ މަސައްކަތް އާންމުކޮށް ކުރަނީ ހަފްތާ ބަންދުގަ. އެހެންވީމަ އެކަމަށް ވަގުތު ހޯދަން އެހާ އުނދަގުލެއް ނޫން. އެކަމަކު މިކަން ރަގަޅަށް ކުރަންޏާ މެޗްތައް ބަލަންޖެހޭ. އޮފީހުގެ މަސައްކަތްތަކާ ގޭތެރޭގައި ކުރަންޖެހޭ ކަންކަން ރާވާލައިފައި ހުންނާނީ އެކަމަށް. ވަރަށް އާޖެންޓްކަމެއް ދިމާވެގެން ނޫނީ މެޗް ކުޅޭ ގަޑި ދޫކޮށެއް ނުލަން.” ސަރުކާރުގެ އޮފީހެއްގެ ޑިރެކްޓަރެއްގެ މަގާމްގައި މަސައްކަތްކުރާ ފަރާތަކުން “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.

May be an image of 4 people and text that says 'Monthly Winners MVR 1,250 OLSC Maldives FPL 2021/22 Powered Cable Shop 3rd place MVR 12,500 DER-ARNOLD Goalkeepers 186 160 2nd place MVR 25,000 1st place MVR 50,000 standard chartered £7.5m Scan to join: FPL Code: ccbbyy Participation FREEEEE!'

ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ޖަމިއްޔާގެ ފެންޓަސީ ލީގުގެ އިނާމުތައް. ގިނަ ބަޔަކު ފެންޓަސީ ލީގު ކުޅޭ

ފެންޓަސީ ލީގުގައި ވާދަކުރާ ޓީމަކަށް ލީގުގައި ކުރިއަށްދެވެނީ އެ ޓީމެއްގައި ހިމެނޭ ކުޅުންތެރިން އިނގިރޭސި ޕްރިމިއަ ލީގުގައި ދައްކާ ކުޅުމެއްގެ ނިސްބަތުންނެވެ. މި ސަބަބާހުރެ ރަގަޅު ޓީމެއް ހަދަން ގިނަ މަސައްކަތްތަކެއް ބައިވެރިންނަށް ކުރަންޖެހެ އެވެ. އެކަމުގައި އެތައް ވެގުތެއް ހޭދަކުރާ މީހުންވެސް ވަރަށް ގިނަ އެވެ. ފުރަތަމަ ހަދާ ޓީމަށް އާންމުގޮތެއްގައި ހަފްތާއަކު ގެނެވެނީ އެންމެ ބަދަލެއް ކަމަށްވުމާއެކު ހުރިހާވެސް އެއްޗަކީ ފުރަތަމަ އެކުލަވައިލާ ޓީމެވެ. ފެންޓަސީ ލީގު ކުޅޭ ގިނަ މީހުންނަށް މިއަދާއި މިރޭ އެހާ ބާރުބޮޑު ވަނީ އެހެންވެ އެވެ.

“މިއީ ހުރިހާ ކޮޅަކުން ވިސްނައިގެން ކުރަންޖެހޭ ކަމެއް. ވަރަށް ބޮޑަށް ދިރާސާކޮށްގެން ރަގަޅު ޓީމެއް ހެދޭނީ. ފެންޓަސީ ލީގަށް ހާޢްސަކޮށްގެން ހަދާ ޕްރޮގްރާމްތަކާއި، ލިޔެފަ ހުންނަ އާޓިކަލްތައް ވަރަށް ރަގަޅަށް ބަލައި ވިސްނަންޖެހޭ.”  މީދިޔަ ސީޒަންގެ ފެންޓަސީ ލީގު ފަށައިގެން ގިނަ ދުވަސްތަކެއް ވަންދެން އެއްވަނައިގައި ވާދަކުރި އުމުރުން 33 އަހަރުގެ ޒުވާނަކު “ފަހުމިނެޓް” އާ ވާހަކަދައްކަމުން ބުންޏެވެ.

ފެންޓަސީ ލީގު ކުޅޭ ވަރަށް ގިނަ މީހުން އެއް ޓީމަށްވުރެ ގިނަ ޓީމް ހަދަ އެވެ. ކޮންމެވެސް އެއް ޓީމަކަށް ރަގަޅު ގޮތެއް ވާނެ ކަމުގެ އުއްމީދުގަ އެވެ. އެކަމުގައި އެކި މީހުން ގެންގުޅެނީ އެކި އުކުޅެވެ.

“އަހަރެން ހަދަން 13 ޓީމް. އެއީ މުޅި ސީޒަނުގައި ގެންގުޅޭނެ ތިން ޓީމާއި، ކޮންމެ މަހެއްގެ އެއްވަނައަށް ވާދަކުރަން ހަދާ 10 ޓީމް. ބޭނުންވަނީ ކޮންމެވެސް އިނާމެއް ހާސިލްކުރަން.” އުމުރުން 20 އަހަރުގެ ޒުވާނަކު އޭނާ ފެންޓަސީ ލީގުގައި ވާދަކުރާއިރު ކަންކުރަން ރާވައިފައި އޮތް ގޮތް “ފަހުމިނެޓް” އާ ހިއްސާކުރި އެވެ.

May be an image of ‎text that says '‎XL EnergyDrink Fantasy Premeir League League Code: xcsjob ENERGYDRKV ENERGY DRINK XLENERGYMV XLMALDIVES Join to win Amazing Prizes! Season Break Winner ن Season End Winner Monthly Winner‎'‎

އެކްސެލް މޯލްޑިވްސް އިން ހަދާފައިވާ ފެންޓަސީ ލީގުގެ އިސްތިހާރު. އަގުބޮޑެތި އިނާމުތަކާ އެކު އެތައް ލީގެއް ވަނީ ތައާރަފްކޮށްފައި

ކޮވިޑްގެ އާލަމީ ވަބާއިން ދިވެހިންނަށް ހިންދެމިލުމާ ގާތަށް މިތިބީ އާދެވިފަ އެވެ. އެއާއެކު ފެންޓަސީ ލީގު ކުޅޭ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ދިވެހިންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދޭނެ އެތައް ކަމެއްވެސް މިވަނީ ފެނިފަ އެވެ. އަމިއްލަ ބައެއް ގްރޫޕްތަކުންނާއި، ވިޔަފާރިވެރިން ފެންޓަސީ ލީގުތައް ހަދައި ބޮޑެތި އިނާމްތަކެއް އަންނަނީ ހުށަހަޅަމުންނަނެވެ. އެއްބަޔަކު ވިހި ހާހުން ތިރީސް ހާހުން ފައިސާގެ އިނާމެވެ. އަނެއް ބަޔަކު ޕްލޭސްޓޭޝަން 5 ކަހަލަ އަގުބޮޑު ތަކެއްޗެވެ. ފެންޓަސީ ލީގު ކުޅޭ ބައެއް ފަރާތްތަކަށް ގިނަ ޓީމްތަކެއް ހަދަން ހިތްވަރު ލިބެނީ މި އިނާމްތަކުންނެވެ. މިހާރުވެސް ރާއްޖޭގައި ދިހަ ހާހާ ގާތްކުރާ އަދަދަކަށް ޓީމްތައް ބައިވެރިކޮށްފައި އެބަހުއްޓެވެ.

އިނގިރޭސި ޕްރިމިއަ ލީގަކީ ފިރިހެނުންގެ ލީގަކަށްވިޔަސް ފެންޓަސީ ޕްރިމިއަ ލީގުގައި ވާދަކުރާ ދިވެހި އަންހެންކުދިންވެސް އަންނަނީ އިތުރުވަމުންނެވެ. ބައެއް އަންހެންކުދިން އެމީހުންގެ ފިރިން އެކަމުގައި އުޅޭތީ ވާދަކުރުމުގެ ގޮތުންނެވެ. ލީގުގެ ކުރި ހޯދައި އިނާމް ހާސިލްކުރަން ވާދަކުރާ އަންހެން ކުދިންވެސް މަދު ނުވާނެކަމުގައި ގަބޫލުކުރެވެ އެވެ.

“އަހަރެން ފެންޓަސީ ލީގު ކުޅެން ފެށީ މީގެ ތިން އަހަރުކުރިން. ފުޓްބޯޅައެއް ނުއެއް ކުޅެން. އެކަމަކު ފިރިމީހާ ފުޓްބޯޅަ ބަލާތީ އަހަރެންނަށްވެސް ފުޓްބޯޅަ މެޗްތައް ވަރަށް ބެލޭ. ފެންޓަސީ ލީގު ކުޅެން ފެށީ އަސްލު ފިރިމީހާ އާ ވާދަކުރަން. އޭގެ ފަހުން ވަރަށް ކުރާ ހިތްވާ ކަމަކަށްވީ” ފެންޓަސީ ލީގުގައި މިފަހަރުވެސް ބައިވެރިވާ އުމުރުން 29 އަހަރުގެ އަންހެން ކުއްޖަކު ބުންޏެވެ.

“ޓީމް އަޕްޑޭޓްކުރަން ފެންޓަސީ ޕްރިމިއަ ލީގު ޓްވިޓާގައި ފުޓްބޯޅަ ޕަންޑިތުން ބުނެފަ ހުންނަ ވާހަކަތައް ބަލަން. ކްލަބްތަކުގެ އިންޖަރީ އަޕްޑޭޓްވެސް ވަރަށް ބަލަން. ދެން އެއިރެއްގަ އެންމެ ފޯމްގަ ތިބޭ ކުޅުންތެރިން ބަލައި އެ ކުޅުންތެރިންނަށް އިސްކަންދެވޭތޯ ބަލަނީ. މެޗްތައް ކުޅޭ ދުވަހު ގާތްގަނޑަކަށް ގަޑިއެއްހާއިރު ހޭދަކުރަން މިކަހަލަ ކަންކަން ދިރާސާ ކުރަން” އޭނާ ބުންޏެވެ.

ވެލިގާ ހާޑްވެއާގެ ފެންޓަސީ ލީގުގެ އިނާމުތައް. ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ އަދަދެއްގެ ދިވެހިން ފެންޓަސީ ލީގުގައި ވާދަކުރޭ

ކޮންމެއަކަސް ފެންޓަސީ ލީގުގެ ފޯރި ދިވެހިންގެ މެދުގައި އެހެން އަހަރުތަކަށްވުރެ ގަދަވެފައިވާ އިރު ކޮފީ މޭޒުތަކުގައާއި ސޯޝަލް މީޑިއާ ފްރޫޕްތަކުގައި މިދުވަސްކޮޅު އެންމެ އާންމުކޮށް ފުޓްބޯޅައަށް ޝައުގު ހުންނަ މީހުންގެ މައިގަނޑު މައުލޫއަކަށަ ވާނީ ފެންޓަސީ ލީގު ކަމުގައި ބެލެވެ އެވެ. ލީގު ކޯޑްތައް ހޯދުމާއި، ޓީމް ހަދާނެ ގޮތުގެ އިރުޝާދު ހޯދުން ފަދަ ކަންކަމުގައި މިއޮތް ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ވެސް ގިނަ ބަޔަކު އުޅޭނެކަން ޔަގީނެވެ. ލީގުގައި ވާދަކުރާ ހުރިހާ ދިވެހިންނަށް “ފަހުމިނެޓް” ގެ ފަރާތުން އެދެނީ ކާމިޔާބަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!