އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ސައުދީ އަރަބިއާގައި ފަރިތަކުރުންތައް ކުރިއަށްގެންދަމުން އަންނަ މާޒިޔާ ސްޕޯޓްސް އިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗްގައި އެ ޓީމްގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ޖެހި ދެ ގޯލާއެކު ޖިއްދާ އެފްސީއާ އެއްވަރުކޮށްފި އެވެ.
ރޭގެ މެޗާއެކު މާޒިޔާއިން ސައުދީގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފުރިހަމަކުރަމުން އަންނަ ތަމްރީން ކޭމްޕުގައި ޖުމްލަ ތިން މެޗް ކުޅެފައިވާ އިރު އޭގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމް ބަލިވެފައެއް ނުވެ އެވެ. ފުރަތަމަ މެޗްގައި ސައުދީގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށްވާ އަލް އިއްތިހާދު އެފްސީ ގެ 19 އަހަރުން ދަށުގެ ޓީމާ ވާދަކޮށް 1-2 އިން މާޒިޔާ މޮޅުވިއިރު ދެ ވަނަ މެޗްގައި އެ ޓީމުން ވަނީ ސައުދީ އަރަބިއާގެ އެންމެ މަތީ ފުޓްބޯޅަ ލީގުގައި މިދިޔަ ސީޒަންގައި ވާދަކުރި އަލްވަހްދާ އެފްސީއާ ވާދަކޮށް އެއްވަރުކޮށްފަ އެވެ.

ރޭގެ މެޗަށް މާޒިޔާ އިން ނެރުނު ފުރަތަމަ އެގާރަ. އެޓީމު ތައްޔާރުވަމުން އަންނަނީ އޭއެފްސީ ކަޕަށް. – ފޮޓޯ: މާޒިޔާ
މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއަ ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން މިފަހަރުގެ އޭއެފްސީ ކަޕްގައި ވާދަކުރާ މާޒިޔާއިން ރޭ ސައުދީގައި ކުޅުނު އެކުވެރިކަމުގެ ފަހު މެޗްގައި ސައޫދީގެ ދެވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ޖިއްދާ އެފްސީ އާ ދެކޮޅަށް ކުޅުނު މެޗްގައި މާޒިޔާ އިން ޖެހި ދެ ލަނޑުވެސް ޖަހައިފައިވަނީ ޖިއްދާ އެފްސީން ދެ ލަނޑު ޖަހައި ލީޑް ނަގައިފައި ވަނިކޮށެވެ. މި މެޗްގައި މާޒިޔާ އަށް ދެ ގޯލް ކާމިޔާބުކޮށްދިން އިއްބެ މެޗްގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މި މަހުގެ 18 ވަނަ ދުވަހު މާލޭގައި ފަށާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް ސްޓޭޖްގެ މެޗްތަކުގައި މާޒިޔާ އިން ވާދަކުރާނީ ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ގްރޫޕް ސްޓޭޖްގެ މެޗްތަކުގެ ކުރިން މާލޭގައި އަންނަ އާދިއްތަ ދުވަހު ކުޅޭ އީގަލްސް އަދި ބެންގަލޫރު އެފްސީގެ މެޗުން މޮޅުވާ ޓީމަކާ އެވެ. ގްރޫޕް ސްޓޭޖްގެ މެޗްތަކުގެ ތެރެއިން މާޒިޔާ ވާދަކުރާ ފުރަތަމަ މެޗްގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސްއާ ދެކޮޅަށެވެ.
ސައޫދީގައި މާޒިޔާ އިން ފުރިހަމަކުރަމުން އަންނަ ތަމްރީން ކޭމްޕަކީ އެފްއޭއެމްގެ އެހީތެރިކަމާއެކު އެ ކްލަބަށް ލިބުނު ފުރުސަތެކެވެ.