ފުރަތަމަ ސަފްޙާ / ޚަބަރު / އޮސްޓްރޭލިއާގެ މިޑްފީލްޑަރު ބާކީކުރުމަށް ފަހު ބެންގަލޫރު ރާއްޖެ އަށް
ފަހުމިނެޓް

އޮސްޓްރޭލިއާގެ މިޑްފީލްޑަރު ބާކީކުރުމަށް ފަހު ބެންގަލޫރު ރާއްޖެ އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 އޮގަސްޓް 2021

އޮސްޓްރޭލިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު އެރިކް ޕާޓަލު ނުހިމަނައި އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ކްލަބް އީގަލްސްއާ ވާދަކުރުމަށް އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އިއްޔެ ހަވީރު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެ އައި ޓީމުގައި ޕާޓަލޫގެ އިތުރުން ދާދިފަހުން އެޓީމަށް ގެނައި ކޮންގޯގެ ގައުމީ ޓީމުގެ ފޯވާޑް ޕްރިންސް އިބަރާ ވެސް ހިމަނާފައެއްނުވެ އެވެ. އީގަލްސް މެޗަށް ބެންގަލޫރުން އިއުލާންކުރި 29 ކުޅުންތެރިންގެ ތެރޭގައި އެޓީމާ އަލަށް ގުޅުނު ހަތް ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ.

މިއީ ޕްލޭއޮފް މެޗަށް ބެންގަލޫރު ރާއްޖެ އައި ދެ ވަނަ ފަހަރެވެ. މިދިޔަ މެއި މަހު އެޓީމު މާލެ އައިސް ކޮވިޑްގެ ޕްރޮޓޯކޯލާ ހިލާފުވުމުން އެ މެޗު ނުކުޅެން އޭއެފްސީން ނިންމީ އެވެ. އެއީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވި އެ ދަނޑިވަޅުގައި ބެންގަލޫރު ޓީމު ތިބި ހޮޓަލުން ބޭރަށް އެޓީމުގެ ބައެއް ކުޅުންތެރިން ނުކުތުމުން އެޅި ފިޔަވަޅެކެވެ. ބެންގަލޫރު އޭރު ރާއްޖޭން ފޮނުވާލަން އެންމެ ފުރަތަމަ ނިންމެވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އޭގެފަހުން އެފްއޭއެމުން އޭއެފްސީއާ ވާހަކަދައްކައިގެން އެ ނިންމުން ތަންފީޒުކޮށް ޕްލޭއޮފް މެޗު ފަސްކުރީ އެވެ.

ބެންގަލޫރުން އޭރު ކޮވިޑްގެ އުސޫލުތަކާ ހިލާފުވި ކުޅުންތެރިންގެ ތެރޭގައި ޕާޓަލޫ ހިމެނެ އެވެ. ރާއްޖެ އައިސް ކޮވިޑްގެ އުސޫލުތަކާ ހިލާފުވި ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބެންގަލޫރުން ބުންޏެވެ. ޕާޓަލޫގެ އިތުރުން ރާއްޖޭގައި ކޮވިޑްގެ ޕްރޮޓޮކޯލާ ހިލާފުވި އެހެން ކުޅުންތެރިން ވެސް ރާއްޖެ އައި ޓީމުގައި ހިމަނާފައެއްނުވެ އެވެ. ޕާޓަލޫ އާއި ބެންގަލޫރާ ދެމެދު އޮތް ގުޅުން ހީނަރުވީކަމަށް ބެލެވެނީ އެހިސާބުންނެވެ. އެނގިފައިވާ ގޮތުގައި އޭއެފްސީ ކަޕަށް ބެންގަލޫރުން އެންމެ ފުރަތަމަ ތައްޔާރުވާން ފެށިއިރު ޕާޓަލޫ އަށް އަންގާފައެއްނުވެ އެވެ. އެކަމާ ހިތްހަމަނުޖެހި ޕާޓަލޫގެ ފަރާތުން ބަޔާނެއް ވެސް އާއްމުކޮށްފައިވެ އެވެ. ޕާޓަލޫ ނުލައި ބެންގަލޫރުން ރާއްޖެ އައުމުގެ މައިގަނޑު ސަބަބަކީ ކްލަބާ ކުޅުންތެރިޔާއާ ދެމެދު އުފެދިފައިވާ ހިތްހަމަނުޖެހުމެވެ.

އިސްކޮޅުގައި ހަ ފޫޓު ދެ އިންޗި ހުންނަ އުމުރުން 25 އަހަރުގެ އިބަރާ ސްކޮޑުގައި ނެތުން ވެސް ފާހަގަކޮށްލެވެ އެވެ. ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އިބަރާ ބެންގަލޫރު ޓީމާ ގުޅުމުން އޭނާ އޭއެފްސީ ކަޕްގެ ޓީމުގައި ހިމެނޭނެކަމަށް ބެލެވުނެވެ. އެކަމަކު އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޯލާ ރައްޓެހި ފޯވާޑް ފެންނާނެ ކަމަށް ބެލެވެނީ ކުރިއަށް އޮތް އިންޑިއަން ސުޕަ ލީގުންނެވެ.

ގައުމުން ބޭރުގެ ހަތަރު ކުޅުންތެރިން ލިސްޓުގައި ޖަހަން ލިބުނު ފުރުސަތުގައި ބެންގަލޫރުން މިފަހަރު ހިމަނާފައިވަނީ ތިން ކުޅުންތެރިންނެވެ. ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ވާންޖެހޭނީ އޭއެފްސީގެ ފެޑެރޭޝަނަކަށް ނިސްބަތްވާ ކުޅުންތެރިއަކަށެވެ. ބެންގަލޫރުގައި އެ ޝަރުތު ހަމަވާ ބިދޭސީ ކުޅުންތެރިއަކީ ޕާޓަލޫ އެވެ. އެހެންވެ އެޓީމަށް މަޖުބޫރުވީ ހަތަރު ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަށް ފުރުސަތުދޭށެވެ. ޓީމުގައި ހިމެނި ބިދޭސީ ތިން ކުޅުންތެރިންނަކީ ބްރެޒިލްގެ ޑިފެންޑަރު އެލަން ކޮސްޓާ އާއި ގޭބޮންގެ ޑިފެންޑަރު ރޮންދޫ މުސާވޫ ކިންގާއި ބްރެޒިލްގެ ފޯވާޑް ކްލެއިޓަން ސިލްވާ އެވެ.

އަލަށް ސޮއިކުރި ކުޅުންތެރިންގެ ތެރެއިން 29 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނީ އިންޑިއާގެ ޒުވާން ފޯވާޑް ހަމަންފްރީތު ސިންހް، އިންޑިއާ ގައުމީ ޓީމުގެ ޑިފެންޑަރު ސާތަކް ގޮލޫއި، އިންޑިއާގެ މިޑްފީލްޑަރު ޖަޔޭޝް ރާނޭ، އިންޑިއާގެ ރޯހިތު ކުމާރު އަދި އިންޑިއާގެ ދާނިޝް ފާރޫގުގެ އިތުރުން ބިދްޔާޝަގަރު ސިންހް އެވެ. ރާއްޖެ އައި ބެންގަލޫރު ޓީމު ލީޑު ކުރާނީ އުމުރުން 37 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީ އެވެ.

ބެންގަލޫރު އަތުން މޮޅުވެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުމަށް އީގަލްސް އަށް ވެސް ވަނީ ހަތް ކުޅުންތެރިއަކު ގެނެސްފަ އެވެ. އެޓީމަށް އިތުރުކުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް، މާޒިޔާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ހަސަން (އައްމަޑޭ)، އިސްމާއީލް އީސާ (މެސީ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ދެ ލެގުގެ އެގްރިގޭޓުން ރާއްޖޭގެ މާޒިޔާ އަތުން ބެންގަލޫރު ވަނީ ބަލިވެފަ އެވެ. ކޮވިޑާ ގުޅިގެން މިފަހަރު އޭއެފްސީން ނިންމާފައިވަނީ ޕްލޭއޮފް މެޗު އެއް ލެގަށް ބަދަލުކުރުމަށެވެ. އެހެންވެ އާދީއްތަ ދުވަހު އީގަލްސްއާ ބެންގަލޫރު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާގެ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުން ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕުގައި މިހާރު ހިމެނެނީ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

ޕްލޭއޮފް މެޗަށް ފަހު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ކުޅޭނީ ގަލޮޅު ދަނޑުގަ އެވެ. މި މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!