ފުރަތަމަ ސަފްޙާ / ޚަބަރު / އަގުއޭރޯ އަށް އަނިޔާވެ ބާސެލޯނާގެ ރިހޭފައިމައްޗަށް ފޮއިވެއްޓިއްޖެ

އަގުއޭރޯ އަށް އަނިޔާވެ ބާސެލޯނާގެ ރިހޭފައިމައްޗަށް ފޮއިވެއްޓިއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 10 އޮގަސްޓް 2021

ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލުމުގެ ހިތްދަތި އިހުސާސަށް މާ ގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

އާޖެންޓީނާގެ އަގުއޭރޯ އަކީ މެސީއާ އެކު ބާސެލޯނާގެ ޖާޒީގައި ކުޅުމުގެ އުއްމީދުގައި ހުރި އެއް ކުޅުންތެރިޔާ އެވެ. އެކަމަކު ބާސެލޯނާ އަށް މެސީގެ އެއްބަސްވުން އާކުރެވޭނެ އެއްވެސް ކޮޅެއް ނުފެނުމުން މެސީ މިހާރު ވަނީ ވަދާއީ މެސެޖު ދިނުމަށް ފަހު ޕީއެސްޖީ އަށް ބަދަލުވުމުގެ މަސައްކަތް ފަށައިފަ އެވެ. އެ އަޑިގަނޑުން އަރައި ނުގަނެ އުޅެނިކޮށް އަގުއޭރޯގެ ކަނާތު ފައިގެ ކުޑަ ކަޅުވައަށް އަނިޔާވެ 10 ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް އިއްޔެ ބާސެލޯނާ އިން ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ ޖޫން މަހު އެވެ. ސިޓީގައި ހޭދަކުރި 10 އަހަރު އަގުއޭރޯ ވަނީ އެ ކްލަބަށް ކުޅުނު 390 މެޗުގައި 260 ލަނޑު ޖަހައިފަ އެވެ. އާ ސީޒަނަށް އަގުއޭރޯ ތައްޔާރުވަމުން އައިއިރު މިދިޔަ ޖުލައި މަހު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކުރި ޓީމުގައި މެސީއާ އަގުއޭރޯ ވަނީ ހިމެނިފަ އެވެ.

ބާސެލޯނާ އަށް ބަދަލުވުމަށް ފަހު އަގުއޭރޯ ބުނީ ބާސެލޯނާ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކްލަބް ކަމަށާއި ބާސެލޯނާ އަށް ބަދަލުވުމަކީ ކެރިއަރުގައި ކުރިއަށް އެރި ފިޔަވަޅެއް ކަމަށެވެ. އަދި މެސީއާ އެކު ގައުމީ ޓީމުގައި ކުޅުނު ގޮތަށް ކްލަބް ލެވެލްގައި ކުޅެން ބޭނުންވާކަމަށް އަގުއޭރޯ ބުނެފައިވެ އެވެ. އެކަމަކު މެސީ ބާސެލޯނާ ދޫކޮށްލުމުން އެ އުއްމީދު އަގުއޭރޯއަށް ބާސެލޯނާގައި ފުރިހަމަކުރެވޭގޮތެއް ނުވި އެވެ.

ގޯލު ޖެހުމުގައި ހުނަރުވެރި އަގުއޭރޯ ސިޓީގައި ހޭދަކުރި ފަހު ސީޒަންތަކުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނީ އަނިޔާގެ ސަބަބުންނެވެ. މިދިޔަ ސީޒަނުގައި ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އިރުވެސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް އަގުއޭރޯ އަށް ގެއްލުނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!