ބާސެލޯނާ އަށް ކުޅެމުން އަންނަ އާޖެންޓިނާގެ ތަރި ލިއޮނަލް މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމައި، އޭނާ ދޫކޮށްލަން ނިންމައިފި އެވެ.
އުމުރުން 34 އަހަރުގެ މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމުމަކީ ބޮޑު ހައިރާން ކަމެކެވެ. މެސީ ދޫކޮށްލާކަން ބާސެލޯނާ އިން ހާމަކުރީ މީގެ އިރުކޮޅެއް ކުރިން އެ ކްލަބުން އާއްމުކުރި ބަޔާނެއްގަ އެވެ. ކްލަބުގެ ނިންމުމާ އެކު ކުރިއަށް އޮތް ސީޒަނުގައި މެސީ ފެންނާނީ އެހެން ކްލަބަކުންނެވެ.
ބާސެލޯނާ އިން މެސީގެ އެއްބަސްވުން އާ ނުކުރަން ނިންމުމުގެ އެންމެ ބޮޑު ސަބަބަކީ ކްލަބުގެ މާލީ ހާލަތު ދަށްވުމެވެ. މުޅި ދުނިޔެއަށް ސިހުން ގެނުވި މެސީއާ ގުޅޭ ބަޔާނުގައި ބާސެލޯނާ އިން ބުނެފައިވަނީ ކްލަބާއި ކުޅުންތެރިޔާއާ ދެމެދު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ކްލަބުގެ މާލީ ހާލަތާއި ސްޕެނިޝް ލަލީގާގެ އުސޫލުތަކާ އެއްގޮތަށް މެސީގެ ޑީލް ފައިނަލް ކުރެވެން ނެތް ކަމަށެވެ. މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުމަކީ ކްލަބާއި ކުޅުންތެރިޔާ އަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ބާސެލޯނާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުން އޭނާ ހުރީ ބޭނުން ކްލަބަކަށް ބަދަލުވެވޭ ގޮތަށެވެ. އެކަމަކު ޖުލައި މަހު މެސީ ވަނީ ބާސެލޯނާގައި އިތުރު ފަސް އަހަރު މަޑުކުރަން ނިންމައިފަ އެވެ. ބާސެލޯނާ މަޑުކުރަން މެސީ ނިންމީ މުސާރައިގައި 50 ޕަސެންޓް ކުޑަކޮށެވެ. މެސީގެ މި ނިންމުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު އާ އެއްބަސްވުމާއެކު ސީޒަނެއްގައި ކުރިން ލިބެމުން އައި 165 މިލިއަން ޑޮލަރުގެ ބަދަލުގައި މެސީ އަށް ލިބޭގޮތަށް އޮތީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރެވެ.
އުމުރު ދުވަހު ބާސެލޯނާ އަށް ކުޅެ އަދަދު ނުކުރެވޭ ކާމިޔާބީތަކެއް ހޯދި މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމިއިރު އެ ކްލަބާ އެންމެ ފަހުން ހަވާލުވި ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ މިދިޔަ މަހު ވިދާޅުވީ ބާސެލޯނާގެ މާލީ ހާލަތު މެނޭޖް ކުރުމަށް ވަކިވަކި ކުޅުންތެރިން ވިއްކާލުމަށް ޕްރެޝަރެއް ނެތް ކަމަށެވެ. މިގޮތަށް ވިދާޅުވުމަށް ފަހު ލަޕޯޓާ ވަނީ މެސީ އާއި އޮންޓުއަން ގްރީޒްމަން ފަދަ ކުޅުންތެރިން ވިއްކާލުމުގެ ވިސްނުމެއް ނެތްކަމަށް ފާހަގަކޮށްފަ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާ އިން ވަނީ ޖުމްލަ ހަތަރު ކުޅުންތެރިން ގެނެސްފަ އެވެ. އޭގެތެރެއިން ތިން ކުޅުންތެރިން ގެނައީ ފްރީ ޓްރާންސްފާގަ އެވެ. އެއީ ލިޔޯނަށް ކުޅުނު ނެދަލެންޑްސްގެ މެމްފިސް ޑިޕާއި އާއި މެންޗެސްޓަރ ސިޓީ އަށް ކުޅުނު އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އާއި ސިޓީ އަށް ކުޅުނު އެރިކް ގާސިއާ އެވެ. ނުވަ މިލިއަން ޑޮލަރު ދީފައި ދެން އެ ކްލަބަށް ގެނައީ ބްރެޒިލްގެ ޑިފެންޑަރު އެމަސަން އެވެ. މި ހަތަރު ކުޅުންތެރިން ގެނައުމަށް ފަހު ބާސެލޯނާ އަށް ކުރިމަތިވި ގޮންޖެހުމަކީ ކްލަބުގެ މާލީ ހާލަތު ހަމަމަގަށް ނޭޅުވޭތީ ކުޅުންތެރިން ރަސްމީކޮށް ކްލަބުގައި ރަޖިސްޓަރ ނުކުރެވުމެވެ. ބާސެލޯނާ އަށް އެކަން ކުރެވެން އަންނަނީ ކްލަބުގެ މުސާރައިން 230 މިލިއަން ޑޮލަރު މަދުކޮށްގެންނެވެ. މި އަދަދު ގެނައުމަށް ބާސެލޯނާ އަށް އެންމެ ފަހުން މަޖުބޫރުވީ އެ ކްލަބުގެ ހިތް ކަމުގައި މެސީގެ އެއްބަސްވުން އާ ނުކުރުމަށެވެ.
ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު މިހާރު އުފެދިފައިވާ ބޮޑު ސުވާލަކީ ދެން މެސީ ފެންނާނީ ކޮން ކްލަބަކުންތޯ އެވެ. މެސީ އަށް މީގެ ކުރިން ފާރަލި އެންމެ މަޝްހޫރު ކްލަބްތަކަކީ ފްރާންސްގެ ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީ އެވެ. ޕީއެސްޖީން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެންގޮސް ސްކޮޑް ވަރުގަދަ ކުރިއިރު ސިޓީން ވަނީ 100 މިލިއަން ޕައުންޑަށް ޖެކް ގްރީލިޝް އެ ކްލަބަށް ގެންނަން ނިންމައިފަ އެވެ. މި ދެ ކްލަބުގެ އިތުރުން މެސީ ހޯދުމުގެ ރޭހަށް ދެން ވަންނާނެ ކަމަށް ބެލެވެނީ ޗެލްސީ އެވެ.
2003 ވަނަ އަހަރު ބާސެލޯނާގެ މަޝްހޫރު އެކަޑެމީ ލަ މާސިއާ އިން ތަމްރީނުވުމަށް ފަހު މެސީ ސީނިއާ ޓީމާ ގުޅުނީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން މެސީ ވެފައިވަނީ މިދިޔަ އަހަރުތަކުގައި ބާސެލޯނާ އިން ހޯދި ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ އަށެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަ ފަހަރު ހޯދައި މެސީ ވަނީ ރެކޯޑް ހަދައިފަ އެވެ. އަނެއްކޮޅުން ބާސެލޯނާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑާއި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ މެސީގެ އަތުގަ އެވެ. މީގެ އިތުރުން ވެސް މެސީގެ ރެކޯޑް ފޮތުގައި ގުނާ އަދަދު ނުކުރެވޭ ތަފާސްހިސާބުތައް އެބަހުއްޓެވެ. ކޮންމެއަކަސް މެސީ ދޫކޮށްލަން ބާސެލޯނާ އިން ނިންމުމަކީ އެ ކްލަބުގެ ސަޕޯޓަރުންނަށް ލިބުނު އާދަޔާހިލާފު މާޔޫސްކަމެކެވެ.