އަނިޔާގެ ސަބަބުން ނުވަ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ލިވަޕޫލްގެ ސަޕޯޓަރުންނަށާއި، ޓީމްގެ ކުޅުންތެރިންނަށް ލިވަޕޫލްގެ އިތުބާރު ު ޑިފެންޑަރު ވާޖިލް ވެން ޑައިކް އަސަރުގަދަ މެސެޖެއް ދޫކޮށްލައިފި އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗްގައި ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން މުޅި ސީޒަން ކަހަލަ ގޮތަކަށް ގެއްލުނު ނެދަލޭންޑްސްގެ ޑިފެންޑަރު އަލުން ލިވަޕޫލްގެ ޖޯޒީގައި ފެނިފައިވަނީ ރޭ އެ ޓީމުން ޖަރުމަނުގެ ހާތާ ބާލިންއާ ދެކޮޅަށް އޮސްޓްރިއާގައި ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ރޭ ކުޅުނު މެޗް 3-4 އިން އެ ޓީމަށް ނާކާމިޔާބުވި ނަމަވެސް ވެން ޑައިކްގެ އިތުރުން އަނިޔާގެ ސަބަބުން ގިނަ ދުވަސްަތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ލިވަޕޫލްގެ އަނެއް ޑިފެންޑަރު ޖޯ ގޯމޭޒްވެސް އަލުން އެނބުރި އައިސް ރޭގެ މެޗްގައި ކުޅެފައިވުމަކީ ލިވަޕޫލަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އިނގިރޭސި ޑިފެންޑަރު ގޯމޭޒްއަށް ކުޅުމާ ދުރަށް ދާންޖެހުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ގައުމީ ޓީމާއެކު ފަރިތަކުރަމުންދަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ލިވަޕޫލުން މިދިޔަ އަހަރު އިނގިރޭސި ލީގު ކާމިޔާބުކުރި އިރު އެ ޓީމުގެ ޑިފެންސް ލައިންގައި އެންމެ މުހިއްމު ދައުރެއް އަދާކުރި 30 އަހަރުގެ ވެން ޑައިކް ރޭގެ މެޗަށްފަހު ޓްވިޓާގައި ލިޔުނު މެސެޖެއްގައި ބުނެފައިވަނީ އެނބުރި އައުމަށް ކުރި މަސައްކަތް މިހާ ހިސާބުން އަދި ނުނިމޭ ކަމަށާއި، އަދި މިއީ ފެށުން ކަމަށެވެ.
“މީގެ 285 ދުވަސްކުރިން އަހަރެންނަށް ފަށަން ޖެހުނު ދަތުރަކީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ކުރަންޖެހުނު ދަތުރު. މިވަގުތު އަހަރެންނަށް ކުރެވޭ އިހުސާސް ބުނެދޭންވެސް އުނދަގޫ.އެކަމަކު މިވަގުތު އަހަރެން ދެކޭ ގޮތުގައި އެންމެ މުހިއްމީ އަހަރެންނަށް ސަޕޯޓްދޭން އެތައް ބައިވަރު ބަޔަކު ތިބުމާއެކު އެކަމުގެ ހިތްހަމަޖެހުން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ވާހަކަ ބުނުން. ” އަނިޔާގެ ސަބަބުން މި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ކުޅުމުގެ ފުރުސަތު ނުލިބުނު ވެން ޑައިކް ބުންޏެވެ.
“އަހަރެންގެ އޮޕަރޭޝަން ޑޮކްޓަރާއި، ފިޒިއޮތެރަޕިސްޓުންނާއި، ކޯޗިންގ ޓީމް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންނާއެކު ތިބި. އަހަރެންގެ ޓީމުގެ ކުޅުންތެރިން އަހަރެންނަށް ވަރަށް ހިތްވަރުދިން. ސަޕޯޓަރުންގެ ލޯތްބާއި، ތާއީދާއި އަދި ހިތްވަރުގެ ބަސްތައް މެދުކެނޑުމެއް ނެތި އަހަރެންނަށް ދިޔައީ އޮހެމުން. މިހުރިހާ ކަމަކަށްވުުރެވެސް އަހަރެންގެ އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަން. މި އެންމެންގެ ބައިވެރިވުން ނެތި އަހަރެން މިއަދު މީހަކަށް ނުވީސް. ޝުކުރިއްޔާ ހުރިހާ އެންމެންނަށް.” ވެން ޑައިކް ބުނެފައިވެ އެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފައިވަނީ ވެން ޑައިކާއި ގޯމޭޒް އެނބުރި އައުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކާއި ކުރިއެރުމެއް ކަމަށެވެ.