ޖަޕާނުގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުން ދުނިޔޭގެ މަޝްހޫރު ގައުމުތައް ކަމަށްވާ ޖަރުމަނާއި ފްރާންސް އަދި އާޖެންޓީނާ ކަޓައިފި އެވެ.
23 އަހަރުން ދަށަށް އަމާޒުކޮށްގެން ކުޅޭ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ފްރާންސް ކެޓީ ގްރޫޕް އޭގެ ފަހު މެޗުގައި ޖަޕާން އަތުން 4-0 އިން ބަލިވުމުންނެވެ. މި ގްރޫޕުގެ އެއް ވަނަ ނުވަ ޕޮއިންޓާ އެކު ޖަޕާން ހޯދިއިރު ދެ ވަނަ ލިބުނީ ހަ ޕޮއިންޓް ހޯދި މެކްސިކޯ އަށެވެ. ފްރާންސަށް ތިން ޕޮއިންޓާ އެކު ލިބުނީ ތިން ވަނަ އެވެ. ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ސައުތު އެފްރިކާ އެވެ.
އާޖެންޓީނާ ހިމެނުނު ގްރޫޕްގެ އެއް ވަނަ ފަސް ޕޮއިންޓާ އެކު ހޯދީ ސްޕެއިން އެވެ. ދެ ވަނަ ލިބުނު މިސްރާއި ތިން ވަނަ ލިބުނު އާޖެންޓީނާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އެކަމަކު ފައިދާ ގޯލުގެ ތަފާތުން ދެ ވަނަ ލިބުނީ މިސްރަށެވެ. އާޖެންޓީނާ ތިން ވަނަ އަށް ދިޔައިރު ފުލަށް ދިޔަ އޮސްޓްރޭލިއާ އަށް ލިބުނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ ފަހު މެޗުގައި އާޖެންޓީނާ އިން ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުން މޮޅުވި ނަމަ އާޖެންޓީނާ އަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބުނީހެވެ.
ގްރޫޕް ޑީ އިން ޖަރުމަނަށް ލިބުނީ ހަތަރު ޕޮއިންޓާ އެކު ތިން ވަނަ އެވެ. މި ގްރޫޕުގެ އެއް ވަނަ ހަތް ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ހޯދިއިރު ދެ ވަނަ ލިބުނީ ފަސް ޕޮއިންޓް ހޯދި އައިވަރީ ކޯސްޓަށެވެ. ފުލަށްދިޔަ ސައުދީ އަރަބިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ. ޖަރުމަނު މުބާރާތުން ކެޓިއިރު އެޓީމުން ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގެ ދެ ވަނަ ހޯދައިފަ އެވެ. އެކަމަކު މޮޅުވާން މަޖުބޫރު ގްރޫޕްގެ ފަހު މެޗުގައި އައިވަރީ ކޯސްޓާ ވާދަކޮށް 1-1 އިން ޖަރުމަނު އެއްވަރުވީ އެވެ.
މި މުބާރާތުގެ ގްރޫޕް ބީ އިން ހަ ޕޮއިންޓާ އެކު އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ އިން ޖާގަ ހޯދީ ސައުތު ކޮރެއާ އެވެ. ދެ ވަނަ ލިބުނު ނިއު ޒީލެންޑާއި ތިން ވަނަ ލިބުނު ރޫމޭނިއާ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ރޫމޭނިއާ ކެޓީ ގެއްލުން ތިން ގޯލު އޮތުމުންނެވެ. ގްރޫޕުގެ ފުލަށް ދިޔަ ހޮންޑިއުރަސް އަށް ލިބުނީ ތިން ޕޮއިންޓެވެ.
އޮލިމްޕިކްސް ފިރިހެން ފުޓްބޯޅައިގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. ފުރަތަމަ މެޗުގައި ސްޕެއިން އާއި އައިވަރީ ކޯސްޓް ވާދަކުރާއިރު ދެ ވަނަ މެޗުގައި ޖަޕާން ނުކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ. ތިން ވަނަ ކުއާޓާގައި ބްރެޒިލް އާއި މިސްރު ވާދަކުރާއިރު ފަހު މެޗުގައި ކުޅޭނީ ސައުތު ކޮރެއާ އާއި މެކްސިކޯ އެވެ.