ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް ޓޯކިޔޯ އޮލިމްޕިކްސްގެ 100 މީޓަރު ފްރީސްޓައިލް ހީޓް އެކެއްގައި މިއަދު ފަތައިފި އެވެ.
މުބާލް ވާދަކުރި ހީޓްގައި ޖުމްލަ ހަތް ފެތުންތެރިއަކު ވަނީ ވާދަކޮށްފަ އެވެ. މުބާލް އަށް މި ރޭހުން ހަ ވަނަ ލިބުނުއިރު އޭނާ ރޭސް ނިންމާލީ 58.37 ސިކުންތުންނެވެ. މި ހީޓްގެ އެއް ވަނަ ހޯދީ ނޭޕާލުގެ ފެތުންތެރިޔާ އަލެކްސަންޑަ ޝާހް އެވެ. އޭނާ ރޭސް ނިންމާލީ 53.41 ސިކުންތުންނެވެ. މުބާލްގެ ފަހަތުން ރޭހުގެ އެންމެ ފުލަށް ދިޔައީ ސޮލޮމޮން އައިލެންޑްސް އަށް ނިސްބަތްވާ އެޑްގާ ރިޗާޑްސަން އީރޯ އެވެ. އޭނާގެ ވަގުތަކީ 1:00.13 އެވެ.
އުމުރުން 20 އަހަރުގެ މުބާލް އަކީ މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލި އެއް އެތުލީޓެވެ. އޭނާއާ އެކު ދިދަ އުފުލި އަނެއް އެތުލީޓަކީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އެވެ. މުބާލް އާއި ނަބާހާގެ އިތުރުން މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ފުރުސަތު ލިބުނީ ފެތުންތެރިޔާ އާއިޝަތު ސާޖިނާ އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަށެވެ.
މުބާލް އަކީ ޒުވާން އުމުރުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް ގައުމީ ރެކޯޑްތައް އާކޮށްފައިވާ ހުނަރުވެރިއެކެވެ.
ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރާ ހަތަރު އެތުލީޓުންގެ ތެރެއިން ބާކީ އޮތީ ހަމައެކަނި ސާއިދުގެ އިވެންޓެވެ. ފެތުންތެރިޔާ ސާޖިނާ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށްގެން ހަތް ބައިވެރިންގެ ތެރެއިން ލިބުނީ ހަ ވަނަ އެވެ. އޮލިމްޕިކްސްގެ ތާރީހުގައި ބެޑްމިންޓަނުން ފުރުސަތު ލިބުނު ފުރަތަމަ އަންހެން ކުޅުންތެރިޔާ ނަބާހާ ވަނީ އޭނާ ހިމެނުނު ގްރޫޕްގެ ދެ މެޗުން ބަލިވެފަ އެވެ. ދުނިޔޭގެ މަތީ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ނަބާހާ އަށް ވަނީ ރަނގަޅު ތަޖުރިބާއެއް ލިބިފަ އެވެ.