ފުރަތަމަ ސަފްޙާ / ޚަބަރު / ޓޯކިޔޯ އޮލިމްޕިކްސްގެ ރާނީ މުބާރާތުން ކަޓައިފި

ޓޯކިޔޯ އޮލިމްޕިކްސްގެ ރާނީ މުބާރާތުން ކަޓައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 27 ޖުލައި 2021

ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ޓެނިސް އަންހެން ސިންގަލްސް އިވެންޓުން ޖަޕާންގެ އެންމެ މަޝްހޫރު ކުޅިވަރު ތަރި ނައޯމީ އޮސާކާ ކަޓައިފި އެވެ. ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި މިދިޔަ ހުކުރު ދުވަހު އޮލިމްޕިކް ދަންމަރުވެސް ދިއްލާލި ނައޯމީ އަންހެން ސިންގަލްސްގެ ތިންވަނަ ބުރުން ކެޓީ މިއަދު ކުޅުނު މެޗްގައި 42 ވަނައަށް ސީޑްކޮށްފައިވާ ޗެކް ރިޕަބްލިކްގެ މާކެޓާ ވޮންޑްރޮސޯވާ އާ ވާދަކޮށް ސީކދާ ދެ ސެޓުން ބަލިވެގެންނެވެ.

އެއް ގަޑިއިރާ އަށް މިނެޓަށް ދިގުދެމިގެންދިޔަ މިއަދުގެ މެޗްގައި އޮސާކާ ބަލިވީ 6-1 އަދި 6-4 އިންނެވެ. މިހާ ފަސޭހައިން އޮސާކާއަށް މި މެޗް ގެއްލުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ.

އުމުރުން 23 އަހަރުގެ އޮސާކާ އަކީ ދުނިޔޭގެ އަންހެން ޓެނިސް ރޭންކިންގ ގެ އެއްވަނަ ވެސް ހޯދި ކުޅުންތެރިއެކެވެ. މިއަހަރު އޮތް އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތްކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ އޮސާކާ އަކީ ދުނިޔޭގެ ރޭންކިންގ ގެ އެއްވަނަ މަގާމް މިހާތަނަށް ހޯދި އޭޝިޔާގެ ހަމައެކަނި ޓެނިސް ކުޅުންތެރިޔާ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަން އޮސާކާ ކާމިޔާބުކުރުމަށްފަހު ދެން ކުޅުނު ފްރެންޗް އޯޕަންގައި އޮސާކާ ވާދަކުރި ނަމަވެސް މީޑިއާ އާ ކުރިމަތި ނުލާންވެގެން އޭނާ ވަނީ ވަކި ހިސާބަކުން މުބާރާތުން ވަކިވެފަ އެވެ. ފްރެންޗް އޯޕަންއަށްފަހު އޮތް ވިމްބަލްޑަން ޓެނިސް މުޖބާރާތުގައި އޮސާކާ ވާދަކޮށްފައި ނުވާއިރު މިފަހަރުގެ އޮލިމްޕިކްސްގައި އޮސާކާ ރަން މެޑަލް ހޯދާނެ ކަމަށް ޖަޕާންގެ ވަރަށް ގިނަ ބަޔަކު ތިބީ އުންމީދުކޮށްގެންނެވެ. އަދި މުބާރާތުގެ ފުރަތަމަ ބުރުން ދުނިޔޭގެ އެއްވަނަ މަގާމުގައި މިވަގުތު ހުރި އޭޝް ބާޓީ ކެޓުމާއެކު އެ އުއްމީދުތައް އިތުރަށް މައްޗަށް އެރި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!