އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހު ލިވަޕޫލުން ޖަރުމަނުގެ ހާތަ ބާލިން އާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އެ ޓީމްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފި އެވެ.
ސީޒަންގެ ކުރީކޮޅު ލިބުނު ސީރިއަސް އަނިޔާ އަކާ ގުޅިގެން ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވެންޑައިކަށް މިދިޔަ ސީޒަންގެ ޕްރިމިއަ ލީގުގައި ކުޅެވޭ ވަރުވީ އެންމެ ފަސް މެޗެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗެއްގައި ވެން ޑައިކަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް ވަނީ މި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ތަމްސީލްކުރުމުގެ ފުރުސަތު ވެސް ނުލިބިފަ އެވެ.
ކަންމިހެން އޮތް ނަމަވެސް އަނިޔާއިން ރަގަޅުވަމުން އައުމާއެކު ލިވަޕޫލުން ވަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު އޮސްޓްރިއާގައި ކޭމްޕް ކުރަމުން އަންނަ ސްކޮޑްގައި އުމުރުން 30 އަހަރުގެ ވެން ޑައިކް ހިމަނައިފަ އެވެ. އޮސްޓްރިއާގައި ލިވަޕޫލުން ފުރިހަމަކުރަމުން އަންނަ ތަމްރީން ދަތުރުގައި މިދިޔަ ހަފްތާގައި މެއިންޒްއާ ދެކޮޅަށް ކުޅެ 0-1 އިން ލިވަޕޫލް މޮޅުވި މެޗްގައި ވެން ޑައިކް ނުފެނުނު ނަމަވެސް ހާތަ ބާލިން އާ ދެކޮޅަށް ކުޅޭ މެޗްގެ ކޮންމެވެސް ހިސާބަކުން ވެން ޑައިކް ފެންނާނެ ކަމަށް މިވަނީ ބެލެވިފަ އެވެ.
“އަހަރެން އުއްމީދު މިކުރަނީ ވެން ޑައިކް ލައްވައި ކުޅުވޭނެކަމަށް. އެކަމަކު ޔަގީންކަމެއް ނުދެވޭނެ. ކުޑަ ވަގުތު ކޮޅަކަށް މެޗުން ވެން ޑައިކް ފެނުމުގެ ފުރުސަތު އެބައޮތް. ޓްރެއިނިން ގައި އޭނަ ފެންނަނީ ވަރަށް ރަގަޅަށް. އެހެންވީމަ ވަރަށް ހީވޭ އަހަރެމެންނަށް މެޗްގައި އޭނަ ބޭނުންކުރެވިދާނެހެން.” ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނެފައިވެ އެވެ.
ވެން ޑައިކްގެ އިތުރުން އަނިޔާގެ ސަބަބުން ސީޒަންގެ ކުރީކޮޅު ލިވަޕޫލަށް ގެއްލުނު އިނގިރޭސި ޑިފެންޑަރު ޖޯ ގޯމޭޒް ވެސް އަނިޔާއިން ރަގަޅުވެ ކުޅުމުގެ ތެރެއަށް ވަރަށް އަވަހަށް އެނބުރި އައުމުގެ ފުރުސަތު ބޮޑު ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
“ޖޯ ގެވެސް އެނބުރި އައުން އޮތީ ވަރަށް ގާތުގަ. މިއީ ވެން ޑައިކާ ޖޯ އާ ދެމެދު އޮތް ރޭހެއް ނޫން. ދެ ކުޅުންތެރިންނަށް ލިބުނު އަނިޔާ ވެސް ތަފާތު. އެކަމަކު އަހަރެންނަށް ބުނަން އެނގޭ އޭނަވެސް ވަރަށް އަވަހަށް އެނބުރި އަންނާނެކަން.” މިދިޔަ ނޮވެމްބަރު މަހު ގައުމީ ޓީމާއެކު ފަރިތަކުރަމުން އަންނަނިކޮށް އަނިޔާވި ގޯމޭޒްގެ ރިކަވަރީއާ ގުޅޭގޮތުން ކްލޮޕް ބުނެފައިވެ އެވެ.
ވެން ޑައިކާއި ގޯމޭޒްގެ އިތުރުން މިދިޔަ ސީޒަންގައި ސީރިއަސް އަނިޔާތަކެއް ލިބުނު ލިވަޕޫލްގެ ފޯވާޑް ޑިއޯގޯ ޖޯޓާ އާއި ޑިފެންޑަރު އެންޑީ ރޮބަޓްސަން ވެސް ވަނީ އަލުން ޓީމާ ގުޅި ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ޔޫރޯގެ ކުރިން އަނިޔާ އިން ރަގަޅުވެ ޖޯޓާ އާއި ރޮބަޓްސަން އެ މުބާރާތުގައި ގައުމު ތަމްސީލްކޮށްފައިވާ އިރު އަނިޔާ އިން ރަގަޅުވި ފަހުން ލިވަޕޫލްގެ ޖޯޒީގައި މި ދެ ކުޅުންތެރިން ފުރަތަމަ ފަހަރަށް ފެންނާނެ މެޗަކަށްވެސް ވާނީ މާދަމާ ނޫން އަނެއް ދުވަހު ލިވަޕޫލުން ހާތަ ބާލިންއާ ދެކޮޅަށް ކުޅޭ މެޗެވެ.
ހާތަ ބާލިންއާ ދެކޮޅަށް ކުޅޭ މެޗަށްފަހު ލިވަޕޫލުން ލީގު ފެށުމުގެ ކުރިން ސްޕެއިންގެ އެތުލެޓިކް ބިލްބާއޯ އަދި އޮސަސޫނާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަންނަ ސީޒަންގެ ޕްރިމިއަރ ލީގުގައި ލިވަޕޫލުން ކުޅޭ ފުރަތަމަ މެޗްގައި އަންނަ މަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ނޯވިޗް ސިޓީ އާ ދެކޮޅަށެވެ.