ފުރަތަމަ ސަފްޙާ / ޚަބަރު / މެޑަލްތައް އޮހެން ފެށުމުން ޖަޕާން ރައްޔިތުންގެ ރާގު ބަދަލުވެއްޖެ

މެޑަލްތައް އޮހެން ފެށުމުން ޖަޕާން ރައްޔިތުންގެ ރާގު ބަދަލުވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 26 ޖުލައި 2021

މިހާރު ޖަޕާންގައި ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސްގައި އެ ގައުމުގެ އެތުލީޓުން ގިނަ މެޑަލްތަކެއް ހޯދަން ފެށުމާއެކު ރައްޔިތުންގެ މެދުގައި މުބާރާތް ބާއްވާތީ އުފެދުނު ހިތްހަމަނުޖެހުން ކުޑަވެ މުބާރާތަށް ޖަޕާންގެ ރައްޔިތުން ބަހައްޓާ ޝައުގުވެރިކަން އިތުރުވާން ފަށައިފި އެވެ.

ކޮވިޑް 19 ގެ ކޭސްތައް ޖަޕާންގައި އިތުރުވަމުން އައި ވަގުތެއްގައި އޮލިމްޕިކް ގޭމްސް ބާއްވާތީ އެ ގައުމުގެ އާބާދީގެ ބޮޑު ބައެއް މުބާރާތް ފެށުނުއިރު ތިބީ ނުރުހުންވެފަ އެވެ. އެކަމަކު މުބާރާތުގެ ތިންވަނަ ދުވަސް ނިމިގެންދިޔަ އިރު އަށް ރަން މެޑަލްގެ އިތުރުން ދެ ރިހި މެޑަލް އާއި ތިން ލޯ މެޑަލް ޖަޕާންގެ އެތުލީޓުން ހޯދުމާ ގުޅިގެން މުބާރާތާ ދޭތެރޭ ޖަޕާންގެ ރައްޔިތުން ދެކެމުން އައިގޮތް ބަދަލުވާން ވަނީ ފަށައިފަ އެވެ.

ގިނަ މެޑަލްތަކެއް އަމިއްލަ ގައުމުގެ އެތުލީޓުން ހޯދަން ފެށުމުގެ އިތުރުން މިއަދު ވެގެންދިޔައީ އޮލިމްޕިކްސްގެ ތާރީހްގައިވެސް ޖަޕާނަށް ވަރަށް ހާއްސަ ދުވަހަކަށެވެ. ސްޓްރީޓް ސްކޭޓްބޯޑިންގ އިވެންޓުން ޖަޕާންގެ އުމުރުން 13 އަހަރުގެ މޮމިޖީ ނިޝިޔާ މިއަދު ރަން މެޑަލް ހާސިލްކުރި އިރު އޭނާ އަކީ މިހާތަނަށް އޮލިމްޕިކްސްގައި ރަން މެޑަލެއް ހޯދި ޖަޕާންގެ އެންމެ ހަގު އެތުލީޓެވެ.

ސްކޭޓްބޯޑިންގ އިވެންޓުން ލިބުނު ރަން މެޑަލްގެ އިތުރުން ޖަޕާންގެ ފިރިހެން ޖިމްނާސްޓިކް ޓީމުން މިއަދު ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ. މި އިވެންޓުން ރަން މެޑަލް ރަޝިޔާއިން ހޯދި އިރު ލޯ މެޑަލް ލިބުނީ ޗައިނާ އަށެވެ.

އޮލިމްޕިކްސްގައި ޖަޕާންގެ އެތުލީޓުން ހޯދަމުން އަންނަ ކާމިޔާބީ އާއެކު ނޫސްތަކުގެ ސުރުހީތަކުން ކުރިން ފެންނަމުން އައި ނުތަނަވަސްކަމުގެ ބަސްތައް އެތުލީޓުންނަށް އޮއްސަމުން އަންނަ ތައުރީފްގެ ބަސްތަކަށް އަންނަނީ ބަދަލުވަމުންނެވެ. މިއީ ޖަޕާންގެ ސަރުކާރުންނާއި، ގޭމްސް އިންތިޒާމްކުރި ފަރާތްތަކުން އުއްމީދުކޮށްގެން ތިބި ގޮތެވެ. ބީބީސީ ސްޕޯޓްސްގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެ ނޫހާ ވާހަކަ ދެއްކި ޖަޕާންގެ މީހަކު ވަނީ އޮލިމްޕިކް ގޭމްސް ޖަޕާންގައި ބާއްވާތީ އޭނާ ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު އެތުލީޓުންގެ ފަރާތުން ފެންނަ ކުޅަދާނަކަމުގެ ސަބަބުން މުބާރާތް ބަލަން ޝައުގުވެރިވީ ކަމަށް ބުނެފަ އެވެ.

ކަންމިހެން އޮތް ނަމަވެސް އޮލިމްޕިކް ވިލެޖާއި، ޓޯކިޔޯގައި ފެންނަމުން އަންނަ ކޮވިޑް ކޭސްތައް މިހާރު އިތުރުވެފައި ވުމާއެކު އިސާހިތަކު އަނެއްކާވެސް ރައްޔިތުންގެ ހިޔާލު ކުރިން އޮތްގޮތަށް ބަދަލުވުމަކީ ގާތްކަމެކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!