ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ މެޗުގައި ނަބާހާ ރަގަޅު ވާދައެއް ކޮށްފި

ދެ ވަނަ މެޗުގައި ނަބާހާ ރަގަޅު ވާދައެއް ކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 26 ޖުލައި 2021

ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ކުޅުނު ދެ ވަނަ މެޗުގައި ރަނގަޅު ވާދައެއްކޮށްފި އެވެ.

ދުނިޔޭގެ ރޭންކިންގައި ނަބާހާ އަށްވުރެ 141 ދަރަޖަ ކުރީގައި އޮތް އީރާނުގެ ސޮރާޔާ އަގޭއާ އާ ވާދަކޮށް ދެ ސެޓުން ބަލިވި ނަމަވެސް ފުރަތަމަ މެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް މިއަދުގެ މެޗުގައި ނަބާހާގެ ފަރާތުން ވަނީ ފެނިފަ އެވެ. ޓޯކިޔޯގެ މުސަސްޝީނޯ ފޮރެސްޓް ޕްލާޒާ ކޯޓުގައި ކުޅުނު ގްރޫޕް ޖީގެ މެޗުގައި ނަބާހާ އަށް ސެޓުތައް ގެއްލުނީ 21-14 އަދި 21-07 އިންނެވެ. ސޮރާޔާ ދުނިޔޭގެ ރޭންކިންގެ 111 ވަނައިގައި އޮތްއިރު ނަބާހާ އޮތީ 252 ވަނައިގަ އެވެ. މި ގްރޫޕުގައި ހިމެނޭ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނަ ކުޅުންތެރިޔާ ޗައިނާގެ ހީ ބިންގްޖިއާއޯ އާ ވާދަކޮށް އިއްޔެ ހެނދުނު ނަބާހާ ބަލިވީ 21-06 އަދި 21-03 އިންނެވެ. މުބާރާތުގެ އަނެއް ބުރަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ކުޅުންތެރިޔާ އެވެ.

އަގޭއާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓް ނަބާހާ ފެށީ ރަނގަޅަށެވެ. މި ސެޓުގެ ފުރަތަމަ ހަތަރު ޕޮއިންޓް ނިމުނުއިރު ނަބާހާ އޮތީ 4-3 އިން ކުރީގަ އެވެ. އެކަމަކު އަގޭއާ ވަނީ ފަހަތުން އަރައި 9-4 އިން ލީޑު ނަގައިފަ އެވެ. އަގޭއާ ކުރީގައި އޮއްވައި ނަބާހާ ވަނީ ހިތްވަރުކޮށް 9-7 އަށް ގާތްކޮށްފަ އެވެ. އެކަމަކު ސެޓުގެ ފަހު ބައިގައި އަގޭއާ ވަނީ ކުޅުން ރަނގަޅުކޮށް ލީޑު ފުޅާކޮށްފަ އެވެ. އަގެއާ ސެޓު ނިންމަން ދަނިކޮށް ނަބާހާ އަނެއްކާވެސް ހިތްވަރު ނެރެ އިތުރު ޕޮއިންޓްތަކެއް ހޯދި އެވެ. އެކަމަކު 21-14 އިން އަގެއާ ސެޓު ގެންދިޔައީ އެވެ.

ދެ ވަނަ ސެޓު ފެށިގެން އިތުބާރާ އެކު ކުޅެ އަގޭއާ އޮތީ ބޮޑު ލީޑެއްގަ އެވެ. ފުރަތަމަ ސެޓާ ހިލާފަށް މި ސެޓުގައި ނަބާހާ އަށް ފަހަތުން އަރައި އަގޭއާ އަށް ޕްރެޝަރު ކުރެވޭގޮތެއްނުވި އެވެ. ލީޑުގައި އޮވެ އަގޭއާ މި ސެޓު ގެންދިޔައީ 21-07 އިންނެވެ.

ނަބާހާ އަކީ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދުމުގެ ކުރިން ނަބާހާ ވަނީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ.

މި މެޗާ އެކު އޮލިމްޕިކްސް ގައި ރާއްޖޭގެ ބެޑްމިންޓަން އިވެންޓް ނިމުނީ އެވެ. ބާކީ އޮންނާނީ ފެތުމުގައި ވާދަކުރާ މުބާލް އައްޒާމްގެ އިވެންޓާއި ދުވުމުގައި ވާދަކުރާ ހަސަން ސާއިދުގެ އިވެންޓެވެ. ފެތުމުގެ އަންހެން ބައިގައި ރާއްޖޭގެ އައިޝަތު ސާޖިނާ އިއްޔެ ވަނީ ވާދަކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!