ފުރަތަމަ ސަފްޙާ / ޚަބަރު / ޕީއެސްޖީގައި ތިބެންވާނީ މަތީ ފެންވަރުގެ ކުޅުންތެރިން: ޕޮޗެޓީނޯ

ޕީއެސްޖީގައި ތިބެންވާނީ މަތީ ފެންވަރުގެ ކުޅުންތެރިން: ޕޮޗެޓީނޯ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 20 ޖުލައި 2021

އެ ކްލަބުގައި ތިބެންވާނީ މަތީ ފެންވަރުގެ ކުޅުންތެރިންކަމަށް ދާދިފަހުން މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މިފަހަރުގެ ޓްރާސްފާ ބާޒާރުގައި ޕީއެސްޖީން ވަނީ ސީޒަނުގައި އިންޓަ މިލާނުގައި މޮޅު ކުޅުމެއްދެއްކި މޮރޮކޯގެ 22 އަހަރުގެ ޑިފެންޑަރު އަޝްރަފް ހަކީމީ އާއި ރެއާލް އާއި ސްޕެއިންގައި ގިނަ ކާމިޔާބީތަކެއް ހޯދި ސާޖިއޯ ރާމޯސް އާއި ލިވަޕޫލްގައި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ނެދަލެންޑްސްގެ ގައުމީ ޓީމުގެ ގިނީ ވައިނަލްޑަމްގެ އިތުރުން ޔޫއެފާ ޔޫރޯ އިޓަލީ އަށް ކާމިޔާބުކޮށްދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޖިއަންލުއިޖީ ޑޮންނަރުއްމާގެ ސޮއި ހޯދައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވެ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ފްރެންޗް ލީގުން އެޓީމަށް ލިބުނީ ދެ ވަނަ އެވެ. ސިޓީ އަތުން ޗެމްޕިއަންސް ލީގުގައި ބަލިވުމާއި ލިލްއާ ވާދަކޮށް ލީގު ގެއްލުމުން ޕީއެސްޖީން އާ ސީޒަނަށް ތައްޔާރުވަމުން އަންނަނީ ވަރުގަދަކޮށެވެ. އެޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.

“ޕީއެސްޖީ ކަހަލަ ކްލަބެއްގައި ތިބެންވާނީ މަތީ ފެންވަރުގެ ކުޅުންތެރިން. ވައިނަލްޑަމް، ރާމޯސް، ހަކީމީ ނޫނީ ޑޮންނަރުއްމާ އަކީ އެހެން ކްލަބްތަކުގައި ފެންވަރު ސާބިތުކޮށްދީފައި ތިބި ކުޅުންތެރިން. އެކުޅުންތެރިން ދައްކައިދީފަ އެއީ ޕީއެސްޖީގައި ކުޅޭ ފެންވަރުގެ ކުޅުންތެރިންކަން” ކްލަބްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ބުންޏެވެ.

އިންގްލެންޑާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެ އިޓަލީން ޔޫރޯ ކާމިޔާބުކުރިއިރު ޑޮންނަރުއްމާ ވަނީ އިންގްލެންޑްގެ ޖޭޑޮން ސަންޗޯ އާއި ބުކާޔޯ ސަކާ ޖެހި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. އެޓީމަށް ބަދަލުވި ޑިފެންޑަރު ރާމޯސް ވަނީ ރެއާލް މެޑްރިޑްގައި 206 ކްލީންޝީޓް ހޯދައި އެ ކްލަބަށް 100 އަށް ވުރެ ގިނަ ލަނޑު ޖަހައިދީފަ އެވެ. ރާމޯސް ވެފައިވަނީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ކްލަބް ލެވެލްގައި 100 ލަނޑު ހަމަކުރި ހަމައެކަނި ޑިފެންޑަރަށެވެ. ޑިފެންސާއި ވިންގް ބެކެއްގެ ގޮތުގައި ވެސް ކުޅޭ ހަކީމީ ވަނީ މިދިޔަ ސީޒަނުގައި އިންޓަ އަށް ހަތް ގޯލު ޖަހައިދީ ލަނޑު ޖަހައިދީ ނުވަ އެސިސްޓް ހަދައިފަ އެވެ.

“މި ޓީމާ ގުޅުނު ކުޅުންތެރިން ވަނީ ކުރިން ކުޅުނު ކްލަބްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ. މި ޓީމަށް ކާމިޔާބީ ހޯދައިދޭން އެ ކުޅުންތެރިން ހުރިހާ ހިތްވަރެއް ލާނެކަން ޔަގީން” ކުރިން ސައުތެމްޓަނާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

މުހިއްމު ކުޅުންތެރިންތަކެއްގެ ސޮއި ހޯދުމަށް ފަހު ޕީއެސްޖީން މިހާރު ވެސް އަންނަނީ އިތުރު ކުޅުންތެރިންނަށް ފާރަލަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!