ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު ތައްޓާ އެކު އާޖެންޓީނާގެ ލިއޮނަލް މެސީ އިންސްޓަގްރާމަށް ލީ ފޮޓޯ އަށް ރެކޯޑެއް ލިބިއްޖެ އެވެ. މެސީގެ ފޮޓޯ ވެގެންގޮސްފައިވަނީ އިންސްޓަގްރާމްގެ ތާރީހުގައި އެތުލީޓަކު އިންސްޓަގްރާމަށް ލީ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބުނު ފޮޓޯއަށެވެ.
މިހާރު އެ ފޮޓޯ އަށް 20.2 މިލިއަން ލައިކް ވަނީ ލިބިފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. ޑިއޭގޯ މަރަޑޯނާ މަރުވުމާ ގުޅިގެން މަރަޑޯނާގެ ހަނދާނުގައި ރޮނާލްޑޯ އިންސްޓަގްރާމަށް ލީ ފޮޓޯ އަށް 19.8 މިލިއަން ލައިކް ލިބުނެވެ. އެކަމަކު މެސީ މިވަނީ މިފަހަރު ވާދަވެރި ރޮނާލްޑޯ ފަހަތަށް ޖައްސާލައިފަ އެވެ.
![total Barça on Twitter: "Almost 20 million likes on Instagram, a record for a football post. [@messi10_rey]… "](https://pbs.twimg.com/media/E6cjDhWVoAIYGG6.jpg)
މެސީ ތައްޓާ އެކު އިންސްޓަގްރާމަށް ލީ ފޮޓޯ. މި ފޮޓޯ އަށް ވަނީ 20.2 މިލިއަން ލައިކް ލިބިފައި
ބްރެޒިލްގެ މަރަކާނާ ސްޓޭޑިމްގައި ކުޅުނު ކޮޕާ އެމެރިކާ ފައިނަލް މެޗުގައި އާޖެންޓީނާ އިން ޗެމްޕިއަންކަން ހޯދީ 1-0 އިން ބްރެޒިލް ބަލިކޮށްގެންނެވެ. އެ މުބާރާތަކީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ މައިދާނުގައި މެސީ އަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީ އެވެ. މުބާރާތުގައި މެސީ ވަނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.އާޖެންޓީނާއާ އެކު މެސީ މުބާރާތް ކާމިޔާބުކުރުމުން ސޯޝަލް މީޑިއާގައި އެވަގުތު ވައިގައި ހިފީ އެވާހަކަ އެވެ. ތައްޓާ އެކު އެކި ގޮތްގޮތަށް މެސީ ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ވަނީ ވައިރަލްވެފަ އެވެ. އެކަމަކު މެސީގެ އަމިއްލަ އެކައުންޓަށް ތައްޓާ އެކު ފޮޓޯ ލުމުން އޭނާގެ ސަޕޯޓަރުންނަށް މާބޮޑު އުފާވެރިކަމެއް ލިބުނީ އެވެ.
އިންސްޓަގްރާމް ޕޯސްޓަކުން މެސީ ރެކޯޑް ހެދިއިރު “ފޮލޯވާސް” ގެ ގޮތުން އިންސްޓަގްރާމްގައި ރޮނާލްޑޯ އަދިވެސް އުޅެނީ ބޮޑުތަނުން ކުރީގަ އެވެ. މެސީގެ ފޮލޯވާސްގެ އަދަދު 233 މިލިއަނުގައި އުޅޭއިރު ރޮނާލްޑޯ ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 315 މިލިއަނުގަ އެވެ.

މަރަޑޯނާގެ ހަނދާނުގައި ރޮނާލްޑޯ އިންސްޓަގްރާމަށް ލީ ފޮޓޯ. ކުރިން ރެކޯޑް ލިބިފައި އޮތީ މި ފޮޓޯ އަށް
ބާސެލޯނާއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވުމުން އޭނާ މިދޭތެރެއިން ހުރީ ފްރީ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރެވޭ ގޮތަށެވެ. އެކަމަކު ދާދިފަހުން މެސީ ވަނީ އިތުރު ފަސް އަހަރު ބާސެލޯނާގައި މަޑުކުރަން ނިންމައިފަ އެވެ. ބާސެލޯނާ މަޑުކުރަން މެސީ ނިންމީ މުސާރައިގައި 50 ޕަސެންޓް ކުޑަކޮށެވެ. މެސީގެ މި ނިންމުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު އާ އެއްބަސްވުމާއެކު ސީޒަނެއްގައި ކުރިން ލިބެމުން އައި 165 މިލިއަން ޑޮލަރުގެ ބަދަލުގައި މެސީ އަށް ދެން ލިބޭނީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރެވެ.