ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ އެދޭ ގޮތަކީ ރަށް ތަމްސީލުކުރާ އެއް ޓީމު ބައިވެރިވުން: ބައްސާމް

އެންމެ އެދޭ ގޮތަކީ ރަށް ތަމްސީލުކުރާ އެއް ޓީމު ބައިވެރިވުން: ބައްސާމް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 20 ޖުލައި 2021

ދިވެހި ފުޓްބޯޅައިގެ އާ ފޯމެޓް 2024-2023 ވަނަ ސީޒަނުން ފެށިގެން ތަންފީޒުކުރަން ފަށާއިރު އެންމެ އެދެނީ މުބާރާތުގައި ވާދަކުރަން ކޮންމެ ރަށަކުން އެއް ޓީމު ނެރުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅައިގެ އާ ފޯމެޓް އެފްއޭއެމުން އާއްމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ކޮންމެ ޒޯނެއްގައި ތިން ޑިވިޝަން ހިމެނޭއިރު އެންމެ ފުރަތަމަށް ކުޅުމަށް ހަމަޖެހިފައިވަނީ އޯޕަން ޑިވިޝަނެކެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ އަތޮޅެވެ. ޒޯން ދޭއްގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ، ލ، ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އެވެ. ޒޯން ހަތަރެއްގައި ހިމެނެނީ ވިލިމާލެ، މާލެ އަދި ހުޅުމާލެ އެވެ.

ބައްސާމް ވިދާޅުވީ މިއީ ފުޓްބޯޅަ އަށް އަންނާނެ ބޮޑު ބަދަލެއް ކަމަށާއި، ޓީމުތައް މެނޭޖް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ ވިސްނުމަކީ ކޮންމެ ރަށަކުން އެއް ޓީމު މީގަ ބައިވެރިވުން. އެއީ ރަށު ޓީމު ގޮތުގައި. އެހެންނަމަވެސް އޯޕަން ޑިވިޝަނުގައި އެ ރަށުގައި ބައިވެރިވާން ބޭނުން އެންމެންނަށް ފުރުސަތު އޮވޭ. ކޮންމެ ރަށެއްގައި ވެސް ވަކި ޖަމިއްޔާ ކްލަބްތައް އޮވޭ. އެ އެންމެންނަށް ވެސް ފުރުސަތު އެބައޮވޭ އޯޕަން ޑިވިޝަނުގައި ބައިވެރިވެގެން. މުބާރާތް ކުރިއަށްދާގޮތަކުން ޗެމްޕިއަންކަން ލިބިގެން ތާޑް ސެކަންޑް އަދި ފަސްޓް ޑިވިޝަނަށް އަރައިގެންދާން” ބައްސާމް ވިދާޅުވި އެވެ.

Opinions: Yes, We Can Fill The Stands

އޭދަފުށި ކަހަލަ ރަށްރަށުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވާން ހުށަހެޅުން އަންނަކަމަށް ބައްސާމް ވިދާޅުވި އެވެ. ގިނަ ޓީމުތައް ބައިވެރިވިޔަސް އެރަށެއް ތަމްސީލު ކުރާނެ ޓީމެއް ކަނޑައަޅާނީ އޯޕަން ޑިވިޝަނުން ކަމަށާއި، އެއަށްފަހު ކޮންމެ ޓީމެއްގެ ފަހަތަށް ވެސް އެ ތަމްސީލުކުރާ ރަށެއްގެ ނަން އަންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

2015 ވަނަ އަހަރު ފެށި މިނިވަން ޗެމްޕިއަންޝިޕްގައި ކޮންމެ ރަށަކުން ވާދަކުރީ އެންމެ ޓީމެކެވެ. އެ މުބާރާތްތަކުގައި ރަށްތަކުގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ވަނީ ފެނިފަ އެވެ. ބައްސާމް ވިދާޅުވީ ޓީމަކާ އެކު ކުރިއަށް ދިއުމުގައި ސަޕޯޓަރުންގެ ބޭނުން ހިފަންޖެހޭ ކަމަށާއި، ރަށެއްގެ ނަމުގައި ނުކުމެގެން އެރަށުގެ ހުރިހާ ރައްޔިތުން މެޗުތައް ބަލަން ދިއުމުން ފޯރި އިތުރަށް ގަދަވާނެ ކަމަށެވެ. ރަށު ރޫހުގެ އިތުރުން ވެސް ފައިސާ އާއި އެހެނިހެން ގޮތްގޮތަށް ބަލާނަމަ އެންމެ ރަނގަޅު ގޮތަކީ ރަށަކުން ޓީމެއް ނެރުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

“މެނޭޖް ކުރުމަށާއި، ފައިސާ ހޯދުމަށާއި، ސަޕޯޓަރުން ހޯދުމަށް އެންމެ ރަނގަޅު ގޮތަކީ ރަށަކުން އެއް ކްލަބް ނުކުތުން. އަޅުގަނޑު އުއްމީދުވެސް ކުރަނީ ރަށުގެ ހުރިހާ ރައްޔިތުން އެއްބަސްވެގެން އެގޮތަށް ނުކުންނާނެކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން މަޖުބޫރެއް ނުކުރާނަން. އެރަށުގެ ރައްޔިތުންނަށް އަޅުގަނޑުމެން ދޫކޮށްލާނީ. އެހެންވީމަ މި ހުރިހާ ކަމަކަށް ފަސޭހަ ލުއިތަކެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ރަށަކުން އެއް ޓީމު ނުކުމެގެން. އޭރުން އަޅުގަނޑުމެންނަށް ވެސް ތަމްރީނުތަކާއި ޕްރޮގްރާމްތައް ކުރިއަށްގެންދަން ފަސޭހަވަގެންދާނެ” ބައްސާމް ވިދާޅުވި އެވެ.

President Yameen attends Final Match of “Minivan 50 Championship” Football Tournament - The President's Office

މާލެ ސަރަހައްދެކޭ އެއްގޮތަށް މުޅި ރާއްޖެ އަށް ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދޭއިރު ރަށްރަށުން ނެރޭ ޓީމުގައި ރަށުން ބޭރު ކުޅުންތެރިން ޖެހޭނެ އަދަދެއް އަދި ކަނޑައަޅާފައެއްނުވެ އެވެ. އެކަމަކު މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ ޑިވިޝަންތަކުގައި އެކި ރަށްތަކަށް ނިސްބަތްވާ ކުޅުންތެރިން ޓީމުތަކުގައި ހިމަނަ އެވެ. ވަކި އަދަދެއް ކަނޑައަޅަނީ ބިދޭސީ ކުޅުންތެރިން ހިމެނުމުގަ އެވެ. ބައްސާމް ވިދާޅުވީ މާލޭގައި ބާއްވާ ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި އެގޮތަށް އޮންނައިރު ރަށްތަކުން ނުކުންނަ ޓީމުތަކަށް ވަކި ގޮތެއް ހެދުމުން އިންސާފަކަށް ނުވާނެކަމަށެވެ.

“މާލޭގައި އޮތް ޑިވިޝަންތަކުގައި ރެސްޓްރިކްޝަންތަކެއް ނުލަން. އަޅުގަނޑުމެންގެ ވިސްނުމަކު ނެތް އެގޮތަށް ބަދަލުގެންނާކަށް. ޒުވާން ކުޅުންތެރިން ހިމަނަން ވިސްނުން އެބަހުރި” ރާއްޖޭގެ ފުޓްބޯޅަ އަށް ގެނެވޭ އެންމެ ބޮޑު ބަދަލު ތަންފީޒުކުރުމުގެ އަޒުމުގައި ހުންނެވި ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ވިސްނުމަކީ ވަކި އަދަދަކަށް ރަށު ކުޅުންތެރިން ލިސްޓުގައި ޖެހުމުގެ ބަދަލުގައި އުމުރުފުރާތަކުގެ ކުޅުންތެރިން ހިމަނަން ޖެހޭ އަދަދު މަޖުބޫރު ކުރުމަށެވެ. ބައްސާމް އިތުރަށް ވިދާޅުވީ ޒުވާން ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން މި ފޯމެޓާ އެކު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި މިހާރު މަދުވެފައިވާ ފެންވަރު ރަނގަޅު ގޯލްކީޕަރުންތަކެއް އުފެދިގެން ދިއުން ކަމަށެވެ.

“ވަކި އުމުރުފުރާ ތަކަކަށް ކުޅުންތެރިން ހިމަނަން އަޅުގަނޑުމެން ނިންމަން. ދެން މީގަ ދިމާވާ ކަމަކީ އެންމެން ވެސް ބައިވެރިވަނީ ކާމިޔާބު ހޯދަން. އެހެންވެއްޖެނަމަ މިވެނި އަދަދަކަށް ރަށުގެ ކުޅުންތެރިން ނިސްބަތްވާންޖެހޭނަމަ އިންސާފަކަށް ނުވެދާނެ” އެފްއޭއެމްގެ ރައީސްކަމުގެ ދެ ވަނަ ދައުރެއް ފުރިހަމަކުރައްވަމުން އަންނަ ބައްސާމް ވިދާޅުވި އެވެ.

އާ ފުޓްބޯޅަ ފޯމެޓްގައި ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ 12 ޓީމުންނެވެ. ފުރަތަމަ ސީޒަނުގައި އެ ފުރުސަތު ލިބޭނީ މާލޭގައި މިހާރު އޮތް 8 ކްލަބަށާއި ހަތަރު ޒޯނުން ޗެމްޕިއަންކަން ހޯދައިގެން ކޮލިފައިވާ ހަތަރު ޓީމަށެވެ. އެކަމަކު ޖެހިގެން އަންނަ ސީޒަނުން ފެށިގެން ފަހު ހަތަރު ޖާގަ ލިބޭނީ ލީގުގެ ފުލަށް ދާ ހަތަރު ޓީމާއި ޒޯން ތަކުން ޗެމްޕިއަންކަން ހޯދާ ހަތަރު ޓީމުގެ މެދުގައި ދެ ލެގުގެ ޕްލޭއޮފެއް ކުޅެގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!