ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ކެރިއަރުގައި މިހާތަނަށް ޖެހި ހުރިހާ ގޯލެއްގެ މައުލޫމާތު ލިޔެ ރައްކާކޮށްފައިވާ އުމުރުން 100 އަހަރުގެ މީހަކަށް ޝުކުރުުގެ ވީޑިއޯ މެސެޖެއް މެސީ ފޮނުވައިފި އެވެ.
އާޖެންޓީނާގެ ރައްޔިތެއް ކަމަށްވާ ޑޮން ހާނަން ވަނީ މެސީ ޕްރޮފެޝަނަލް ކެރިއަރު ފެށިފަހުން މިހާތަނަށް ބާސެލޯނާއަށާއި އާޖެންޓީނާއަށް ޖަހައިދިން ހުރިހާ ގޯލެއްގެ މައުލޫމާތު ފަންސުރަކުން ފޮތެއްގައި ލިޔެ ރައްކާކޮށްފަ އެވެ. ހާނަން ނޯޓްކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި މެސީ ލަނޑު ޖެހި ދުވަހާއި، އެ ދުވަހެއްގައި ޖެހި ލަނޑުގެ އަދަދާއި އަދި އެ ދުވަހެއްގައި އިދިކޮޅުން ކުޅުނު ޓީމުގެ ނަން ހިމެނެ އެވެ.
100-year-old Don Hernán has recorded every single one of Lionel Messi's goals in his notebook.
The story reached Messi and he decided to send him a special message. His reaction is everything ❤️
(via julian.mc98/IG) pic.twitter.com/N2nlzNi6br
— ESPN FC (@ESPNFC) July 15, 2021
“ހާނަންގެ ވާހަކަ އަހަރެންނާ ހަމައަށް ފޯރައިފި. އަހަރެން މިހާތަނަށް ޖެހި ހުރިހާ ގޯލެއް ތިގޮތަށް ނޯޓްކުރިކަން އެއީ އަހަރެންނަށް ލިބުނު އާދަޔާ ހިލާފު އުފަލެއް. އަހަރެން ހާނަންގެ މަސައްކަތަށް ޝުކުރުއަދާކުރުމުގެ ގޮތުން މިކަހަލަ މެސެޖެއް މި ފޮނުވީ އެހެންވެ.” އުމުރުން 34 އަހަރުގެ މެސީ ހާނަން އަށް ފޮނުވި ވީޑިއޯ މެސެޖްގައި ބުނެފައިވެ އެވެ.
ހާނަން މެސީގެ ގޯލުތަކުގެ މައުލޫމާތު ލިޔެފައި. މެސީ ޖެހި ހުރިހާ ގޯލެއްގެ މައުލޫމާތު އޭނާ ރައްކާކުރޭ
ސީނިއާ ލެވަލްގައި މެސީ ވަނީ މިހާތަނަށް 748 ގޯލް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބާސެލޯނާ އަށް އޭނާ ކާމިޔާބުކޮށްދިން 672 ގޯލާއި، ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 76 ގޯލެވެ. މެސީ ހިމެނިފައިވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ގޮތުގަ އެވެ. މީގެ އިތުރުން އެއް ކްލަބަކަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ރެކޯޑްވެސް އޮތީ މެސީ އަތުގަ އެވެ.
މިދިޔަ އާދީއްތަ ދުވަހު ނިމުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލި މެސީ ހާނަންއަށް ފޮނުވި މެސެޖާ ގުޅިގެން އޭނާއަށް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.
“އަހަރެން އަބަދުވެސް މެސީ ފޮލޯކުރަން. އަހަރެންގެ މަރުދުވަހާ ޖެހެންދެންވެސް އެކަން ކުރާނަން.” ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި އުފަލުން ރޮވިފައިހުރި ހާނަން ބުންޏެވެ.