ފުރަތަމަ ސަފްޙާ / ޚަބަރު / މިއީ އިންސާފެއް ނޫން، މިގޮތަށް ޔޫރޯ ބާއްވަން ތާއީދެއް ނުކުރާނަން: ކެފެރިން

މިއީ އިންސާފެއް ނޫން، މިގޮތަށް ޔޫރޯ ބާއްވަން ތާއީދެއް ނުކުރާނަން: ކެފެރިން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 ޖުލައި 2021

ޔޫރޯ ފުޓްބޯޅަ މުބާރާތް އެކި ގައުމުތަކުގައި ކުޅުމަކީ މުބާރާތުގައި ވާދަކުރާ ގައުމުތަކަށާއި ސަޕޯޓަރުންނަށް އިންސާފެއް ނޫން ކަމަށް ޔޫއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން އަހަރު ދުވަހަށް ފަސްކުރި ޔޫރޯ 2020 ގެ ފައިނަލް މިރޭ ކުޅޭއިރު ފައިނަލުގައި ވާދަކުރާނީ އިޓަލީ އާއި އިންގްލެންޑެވެ. މުބާރާތަށް ބައި ގަރުނު ފުރުމާ ގުޅޭ މުނާސަބަތާ ދިމާކޮށް މިފަހަރުގެ މުބާރާތް ކުޅެފައިވަނީ 11 ގައުމެއްގަ އެވެ. ފައިނަލް މެޗު މިރޭ ކުޅޭނީ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.

މިފަހަރުގެ މުބާރާތުގައި މެޗު ކުޅުމަށް އެންމެ ދުރަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ސްވިޒަލެންޑެވެ. މުބާރާތުގައި އެޓީމުން 15485 ކިލޯމީޓަރު (9622 މޭލު) ކަޑައްތުކުރަން ޖެހުނެވެ. އެންމެ ކުރު ދަތުރެއް ކުރީ 1108 ކިލޯމީޓަރުގެ ދުރުމިން ލިބުނު ސްކޮޓްލެންޑެވެ.

“އަހަރެން މި ކަމަށް ދެން ތާއީދެއް ނުކުރާނަން” ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ކެފެރިން ވިދާޅުވި އެވެ.

“އެއްގޮތަކުން ބަލާއިރު ބައެއް ޓީމުތަކުން 10،000 ކިލޯމީޓަރަށް ވުރެ އިތުރަށް ދަތުރުކުރަން ޖެހި އަނެއްބައި ޓީމުތަކުން 1000 ކިލޯ މީޓަރަށް ދަތުކުރަން ޖެހުމަކީ އެއީ ރަނގަޅު ގޮތެއް ނޫން. އަނެއްކޮޅުން އެއް ދުވަހު ރޯމްގައި ތިބެފައި އަނެއް ދުވަހު ބާކޫގައި ތިބެން ޖެހުމަކީ ސަޕޯޓަރުންނަށް ވެސް އިންސާފެއް ނޫން. އެއީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ބައިގެ ފްލައިޓެއް” މުބާރާތުގެ މިފަހަރުގެ ފޯމެޓް ކަމުނުދާކަން ހާމަކުރަމުން ކެފެރިން ވިދާޅުވި އެވެ.

ކެފެރިން އިތުރަށް ވިދާޅުވީ އެކި ގައުމުތަކަށް ދަތުރުކުރާއިރު އެ ގައުމުތަކުގައި ބޭނުންކުރާ ފައިސާ ތަފާތުވުމާއި، ޔޫރަޕިއަން ޔޫނިއަންގައި ގައުމުތައް ތަމްސީލުކުރާ ގޮތް ތަފާތުވުމަކީ ވެސް އޮތް ގޮންޖެހުމެއް ކަމަށެވެ.

“ފޯމެޓް ފައިނަލް ކޮށްފައި އޮތީ އަހަރެން މަގާމަށް އައުމުގެ ކުރިން. އަހަރެން އެ ނިންމުމަށް އިހްތިރާމްކުރަން. ވަރަށް ޝައުގުވެރި ވިސްނުމެއް މިއީ. އެކަމަކު ތަންފީޒުކުރަން ބަލާއިރު އަހަރެން ނުބުނާނަން ދެން މިކަން މިގޮތަށް ކުރާނަމެކޭ” މުބާރާތުގެ ފޯމެޓަށް އަމާޒުވާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ކެފެރިން ވިދާޅުވި އެވެ.

މިފަހަރުގެ މެޗުތައް ކުޅުނީ ލަންޑާނާއި، ގްލާސްގޯ، އަމްސްޓެޑަމް، ކޯޕެންހޭގަން، ސެޓް ޕީޓަސްބާގް، ސެވިލް، މިއުނިކް، ބާކޫ، ރޯމް، ބުކަރެސްޓް އަދި ބުދަޕެސްޓްގަ އެވެ.

ކުއާޓާ ފައިނަލުގައި އިޓަލީ އަތުން ބަލިވެ ކެޓި ބެލްޖިއަމް ވަނީ މުބާރާތުގައި 10245 ކިލޯމީޓަރަށް ދަތުރުކޮށްފަ އެވެ. ބެލްޖިއަމަކީ ސްވިޒަލެންޑުގެ ފަހަތުން ދެ ވަނަ އަށް އެންމެ ދުރަށް ދަތުރުކުރަން ޖެހުނު ގައުމެވެ.

މުބާރާތުގެ ގަދަ 16 ގައި ޑެންމާކް އަތުން ބަލިވެ ކެޓުމުން ވޭލްސްގެ ޑިފެންޑަރު ކްރިސް ގަންޓާ ވަނީ މުބާރާތުގެ މިފަހަރުގެ ފޯމެޓަކީ “ޖޯކެއް” ގޮތަށް ސިފަކޮށްފަ އެވެ. ނެދަލެންޑްސްގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗާ ހަމައަށް ވޭލްސް އިން 9156 ކިލޯމީޓަރަށް ދަތުރުކުރަން ޖެހުނުއިރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗު ވޭލްސް އިން ކުޅުނީ އަޒަރުބައިޖާންގަ އެވެ. ގްރޫޕުގެ ފަހު މެޗު އިޓަލީއާ ދެކޮޅަށް ވޭލްސް ކުޅުނީ ރޯމްގަ އެވެ.

ބައެއް ގައުމުތަކަށް ދިގު ދަތުރުކުރަން ޖެހުނުއިރު މުބާރާތުގެ ފައނަލަށް ދަތުރުކުރި އިޓަލީ އާއި އިންގްލެންޑަށް އޮތް ހޯމް އެޑްވާންޓޭޖް ބޮޑެވެ. އިޓަލީގެ ގްރޫޕް ސްޓޭޖުގެ ތިން މެޗު ރޯމްގައި ކުޅުނުއިރު ފައިނަލާ ހަމައަށް ކުރި ދަތުރުކުގައި ރަށުން ބޭރުގައި އިންގްލެންޑް ކުޅެން ޖެހުނީ ހަމައެކަނި ކުއާޓާ ފައިނަލުގައި ޔޫކްރޭންއާ ދެކޮޅަށެވެ. މުބާރާތުގެ ފައިނަލާ ހަމައަށް އިންގްލެންޑް ކުރި ދަތުރުގެ ދިގުމިނަކީ 3874 ކިލޯމީޓަރެވެ. އިޓަލީ ކުއާޓާ ފައިނަލް މެޗު ޖަރުމަނުގައި ކުޅުނުއިރު ސެމީ މެޗަށް ލަންޑަނަށް ކުރި ދަތުރާއެކު މުބާރާތުގައި ވަނީ 4714 ކިލޯމީޓަރަށް ދަތުރުކޮށްފަ އެވެ.

ސްލޮވީނިއާ އަށް އުފަން އުމުރުން 53 އަހަރުގެ ކެފެރިން ވިދާޅުވީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޓީމުތަކާއި ސަޕޯޓަރުން އަމަލުކުރިކަމަށާއި، އޭނާ ވެސް 76 ފަހަރު ކޮވިޑަށް ޓެސްޓް ކުރި ކަމަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް މިރޭ ނިމޭއިރު 2024 ވަނަ އަހަރު މި މުބާރާތް އޮންނާނީ ޖަރުމަނުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!