ކޮޕާ އެމެރިކާގެ ފައިނަލްގައި މިއަދު ހެނދުނު ބްރެޒިލް އަތުން 1-0 އިން މޮޅުވި މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަށައިލި އެވެ. މެސީއާ އެކު ކުޅުންތެރިންނާއި މުޅި ޓީމު އުފާފާޅުކުރަން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. 28 އަހަރުވީ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދި ކާމިޔާބީގެ އިތުރުން މިފަހަރުގެ މުބާރާތް ވެގެންދިޔައީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި މެސީ އަށް ލިބުނު ފުރަތަމަ ތައްޓަށެވެ.
ފައިނަލް މެޗުގެ ފަހު ކަށިގަނޑާ އެކު އާޖެންޓީނާގެ ކުޅުންތެރިން މެސީ ވަށާލަނީ. މިއީ މެސީ އަށް ލިބުނު ތާރީހީ ކާމިޔާބެއް
މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު އެންމެ މޮޅު ކުޅުމެއް ދެއްކީ މެސީ އެވެ. މުބާރާތް ނިމުމުން ބޭއްވި ރަސްމިއްޔާތުގައި މެސީ ވާދަކުރި ހުރިހާ މަގާމެއް ހޯދީ އޭނާ އެވެ. ހަތަރު ގޯލު ޖަހައި މުބާރާތުގެ ރަން ބޫޓޫ މެސީ އަށް ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ. އެހެންވެ އެސިސްޓް ލިސްޓުގެ އެއް ވަނަ ވެސް ލިބުނީ މެސީ އަށެވެ. މުބާރާތުގައި ދައްކަމުން އައި މޮޅު ކުޅުމާ އެކު މިފަހަރު ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބޭނީ މެސީ އަށް ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. ފައިނަލް މެޗަށް ފަހު މެސީ އަށް މޮޅު ކުޅުންތެރިޔާގެ މަގާމް ދިނުމުން އެކަމާ ހައިރާންވެ ދެބަސްވާނެ އެކަކު ވެސް ނުހުންނާނެކަން ޔަގީނެވެ.
އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މެސީ. އޭނާ ވާދަކުރި ހުރިހާ މަގާމެއް ހޯދި
މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު ފާހަގަކޮށްލަންޖެހޭ އަނެއް ކުޅުންތެރިއަކީ އެޓީމުގެ ގޯލު ބެލެހެއްޓި އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އެވެ. ފައިނަލް މެޗު ހިމެނޭހެން މުބާރާތުގައި މާޓީނޭޒް 4 ކްލީންޝީޓް ހޯދިއިރު އާޖެންޓީނާ ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީގައި މާޓީނޭޒް ދެއްކި ތަފާތު މޮޅު ކުޅުމުންނެވެ. ފައިނަލުގައި މުހިއްމު ސޭވްތަކެއް ކުރިއިރު މުބާރާތް މާޓީނޭޒް ނިންމާލީ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމާ އެކު އެވެ. މިއީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ތާރީހެއް އޮތް މި މުބާރާތުގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ތައާރަފް ކުރިފަހުން އާޖެންޓީނާގެ ގޯލްކީޕަރަކަށް މި މަގާމް ލިބުނު ފުރަތަމަ ފަހަރެވެ.
މާޓީނޭޒް އާއި އިންޑިވިޖުއަލް އެހެން ކުޅުންތެރިންގެ ވާހަކަތައް އެއްފަރާތްކޮށްލުމަށް ފަހު ދެން ވެސް އޮތީ މެސީގެ ވާހަކަ އެވެ. މިފަހަރު ޗެމްޕިއަނަކަށް ވުމާއެކު ކެރިއަރުގައި މެސީ ހާސިލްކުރަން ބޭނުންވި އެންމެ ބޮޑު އުއްމީދަށް ނިމުން އައީ އެވެ. އުމުރުން 34 އަހަރުގައި މެސީ އަށް އާޖެންޓީނާއާ އެކު ތައްޓެއް މި ލިބުނީ 10 ވަނަ ބައިނަލްއަގްވާމީ މުބާރާތުގަ އެވެ. އާޖެންޓީނާގެ ޖާޒީގައި ހަތަރު ވޯލްޑް ކަޕް މެސީ ކުޅެފައިވާއިރު ކޮޕާ އެމެރިކާ 6 ފަހަރު ވަނީ ކުޅެފަ އެވެ. 2007، 2015 އަދި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ބަލިވިއިރު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ވެސް މެސީގެ އާޖެންޓީނާ ބަލިވީ އެވެ. ސީނިއާ ގައުމީ ޓީމުގައި މެސީ 16 ވަނަ އަހަރު ގުނަމުން ދާއިރު ވޯލްޑް ކަޕާއި ކޮޕާ އެމެރިކާ ހިމެނޭހެން ގައުމީ ޓީމަށް 53 މެޗު ވަނީ ކުޅެދީފަ އެވެ.
މެޗަށް ފަހު މެސީ އާއިލާއާ ފޯނުން ގުޅައިގެން އުފާފާޅުކުރަނީ. ކޮވިޑާ ގުޅިގެން ފައިނަލް މެޗަށް ވައްދާފައިވަނީ ހާއްސަ އުސޫލުގެ ދަށުން 7000 މީހުން
ސްޓައިލްގައި މެސީ ކޮޕާ އެމެރިކާ ކާމިޔާބުކުރުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު އާދައިގެ އުފަލެއް ނޫނެވެ. އަނެއްކޮޅުން ބޮޑު މުބާރާތެއްގެ ޗެމްޕިއަނަކާ އެކު ކުރިއަށް އޮތް ބެލޮންޑިއޯ ހޯދާނީ މެސީ ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ. މިވަގުތު 6 ބެލޮންޑިއޯ އެވޯޑާ އެކު ލިސްޓުގެ ކުރީގައި ވެސް އޮތީ މެސީ އެވެ. އޭނާގެ ފަހަތުގައި އޮތީ 5 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ގައުމީ ޓީމާ އެކު މެސީ ހޯދި ތާރީހީ ކާމިޔާބީއާ އެކު އެގައުމުގެ އަމާޒަކަށް ދެން ވާނީ އަންނަ އަހަރުގެ ނޮވެމްބަރ/ޑިސެމްބަރ ގައި ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. 1986 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އަށް ވޯލްޑް ކަޕް އުފުލާ ނުލެވޭއިރު ކުރިއަށް އޮތް މުބާރާތަކީ ބައިނަލްއަގްވާމީ ސްޓޭޖުގައި މެސީ އަށް ވޯލްޑް ކަޕް ކާމިޔާބުކުރަން އޮތް ފަހު ފުރުސަތު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސުވާލަކީ ކޮޕާ އެމެރިކާ ކާމިޔާބުކުރި ގޮތަށް އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް މެސީގެ އަތްދަށަށް ގެނެވިދާނެތޯ އެވެ.