އާޖެންޓީނާގެ ސީނިއާ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ލިއޮނަލް މެސީ އޭނާގެ އެންމެ ބޮޑު އުއްމީދު ފުރިހަމަކޮށްފި އެވެ. އުމުރުން 34 އަހަރުގައި މެސީގެ ހުވަފެން ހަގީގަތަކަށް ހެދީ މިއަދު ކުޅުނު ކޮޕާ އެމެރިކާގެ ފައިނަލުގައި 0-1 އިން ބްރެޒިލް ބަލިކޮށްގެންނެވެ.
މިފަހަރުގެ ކޮޕާ އެމެރިކާގެ ކުރިން ބައިނަލްއަގްވާމީ ސްޓޭޖުގައި ސީނިއާ ޓީމާ އެކު މެސީ އަށް ލިބުނު ކާމިޔާބީއަކީ 2008 ވަނަ އަހަރު ޗައިނާގައި އޮތް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަމެވެ. ސީނިއާ ޓީމުގައި ބަރުދަންހުރި ކާމިޔާބީއެއް ލިބިފައިނުވާތީ މިދިޔަ 16 އަހަރު ދުވަހު މެސީ އަށް އައީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެކަމަކު އުމުރުން 18 އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދި މެސީ އާޖެންޓީނާއާ އެކު ހޯދި މި ކާމިޔާބީއާ އެކު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މެސީ މިވަނީ ހުރިހާ ކަމެއް ހާސިލްކޮށްފަ އެވެ.
މަދު އަދަދެއްގެ ސަޕޯޓަރުންނާ އެކު ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާގެ ގޯލުން އާޖެންޓީނާ ވަނީ ލީޑު ނަގައިފަ އެވެ. ރޮޑްރީގޯ ޑި ޕޯލް ދިން މޮޅު ބޯޅަ ޑި މާރިއާ އަށް ލިބުމުން ގޯލަށް ފޮނުވާލީ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރެއަސްގެ ބޯމަތިންނެވެ. އެކަމަކު ޑި މާރިއާ އަށް މި ބޯޅަ ލިބުނީ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ އަށް ބޯޅައިގައި ލައްވާ ނުލުމުންނެވެ. އާޖެންޓީނާ އިން ލީޑު ނެގުމުން ބްރެޒިލުން ކުޅުން ރަނގަޅުކުރި ނަމަވެސް މި ހާފުގައި މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ.
ދެ ވަނަ ހާފު ބްރެޒިލުން ފެށީ ފްރެޑްގެ ބަދަލުގައި ރޮބާޓޯ ފިރްމީނޯ ކުޅެން އަރުވައިގެންނެވެ. މި ހާފު ފަށައިގެން ބްރެޒިލުން ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި މެޗުގެ 51 ވަނަ މިނެޓުގައި ރިޗާލިސަން ގޯލަށް ވައްދާލި ބޯޅައެއް އެވަގުތު އޮފްސައިޑްގައި ހުރުމުން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ނޭމާ ދިން ބޯޅަ ހޯދުމަށް ފަހު ރިޗާލިސަން ފޮނުވާލި ބާރު ހަމަލާއެއް އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. ނޭމާ އަށް ލިބުނު ބޯޅަތަކުގައި ބްރެޒިލުން އެޓޭކްތައް ތަނަވަސްކުރި ނަމަވެސް އާޖެންޓީނާގެ ކުޅުންތެރިން ތިބީ އެއަށްވުރެ ބޮޑަށް ހުށިޔާރުވެގެންނެވެ. މެޗުގެ ފަހުކޮޅު އާޖެންޓީނާ އިން ބޮޑަށް ބެލީ ކައުންޓަ އެޓޭކުގައި ލިބޭ ފުރުސަތުގައި ބްރެޒިލަށް ނުރައްކާ ކުރުމަށެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ބްރެޒިލްގެ ގެބްރިއެލް ބާބޯސާ ފޮނުވާލި ނުރައްކާތެރި ބޯޅައެއް އޭރިޔާ ތެރެއިން އާޖެންޓީނާގެ ކުޅުންތެރިއަކު ވަނީ ބްލޮކްކޮށްފަ އެވެ. އެ ކޯނަރުގައި ޑެނީލޯ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ. މެޗުގެ 86 ވަނަ މިނެޓުގައި ބްރެޒިލްގެ ގެބްރިއެލް ފޮނުވާލި ނުރައްކާތެރި އިތުރު ހަމަލާއެއް ކީޕަރު މާޓީނޭޒް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން މެސީ އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ މެސީ އަށް ގެއްލުނީ ކީޕަރު އެޑަސަން ކައިރިން ކަޓުވާލަން އުޅުމުގެ ތެރޭގަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ ނޭމާ މޮޅު ކުޅުމެއް ދެއްކިއިރު އޭނާ އަށް ވަނީ ގިނަ ފައުލްތަކެއް އަމާޒުވެފަ އެވެ.
މިއީ 1993 ވަނަ އަހަރުގެ ފަހުން އާޖެންޓީނާ އަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. ކޮޕާ އެމެރިކާގެ ތާރީހުގައި މިދިޔަ 28 އަހަރުތެރޭ ކުޅުނު ހަތަރު ފައިނަލުން ވެސް އާޖެންޓީނާ ވަނީ ބަލިވެފަ އެވެ. އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން މިއީ ބްރެޒިލުން އަމިއްލަ ދަނޑުގައި ކުޅެ ކޮޕާ އެމެރިކާގެ މުބާރާތެއް ކާމިޔާބު ނުކުރެވުނު ފުރަތަމަ ފަހަރެވެ.
މި ތައްޓާ އެކު އާޖެންޓީނާ މިވަނީ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އުރުގުއޭގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މި ދެޓީމުން ވެސް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން 15 ފަހަރު ހޯދިއިރު ބްރެޒިލަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 9 ފަހަރު އެވެ.