ފުރަތަމަ ސަފްޙާ / ޚަބަރު / އިންގްލެންޑް ސަޕޯޓަރުން ގިނަވި ވަރަކަށް އިޓަލީ އަށް ލިބޭނީ ހިތްވަރު: ބޮނޫޗީ

އިންގްލެންޑް ސަޕޯޓަރުން ގިނަވި ވަރަކަށް އިޓަލީ އަށް ލިބޭނީ ހިތްވަރު: ބޮނޫޗީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 10 ޖުލައި 2021

ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ނުކުންނަން ޖެހިލުން ނުވާކަމަށާއި އިންގްލެންޑް ސަޕޯޓަރުން ގިނަވުމަކީ ލިބޭނެ އިތުރު ހިތްވަރެއް ކަމަށް އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބުނެފި އެވެ.

އިޓަލީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށްގެންނެވެ. އިންގްލެންޑް ފައިނަލަށް ދަތުރުކުރީ ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނުއިރު 1-1 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ޖެހި ގޯލުން 2-1 އިން މޮޅުވެގެންނެވެ.

“އިނގިރޭސި ގިނަ ސަޕޯޓަރުން ތިބުމަކީ އިޓަލީ އަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެއް” މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބޮނޫޗީ ބުންޏެވެ.

ފައިނަލަށް ނުކުންނައިރު އަމިއްލަ ދަނޑުގައި ކުޅެން ލިބުމަކީ އިންގްލެންޑަށް އޮތް ހިތްހަމަޖެހުމެކެވެ. އެކަމަކު މުބާރާތުގެ ތާރީހަށް ބަލާއިރު 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ފްރާންސާއި 2004 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ޕޯޗުގަލް ވަނީ އަމިއްލަ ދަނޑުގައި ކުޅެ ބަލިވެފަ އެވެ.

ކޮވިޑާ ގުޅިގެން އިޓަލީން އިނގިރޭސި ވިލާތަށް ޒިޔާރަތްކުރާ ސަޕޯޓަރުން ކަރަންޓީނުވާން ޖެހޭތީ މެޗުގައި އިޓަލީގެ ސަޕޯޓަރުން ފެންނާނީ މަދުންނެވެ. ރިޕޯޓުތައް ބުނާގޮތުން ވެމްބްލީ ސްޓޭޑިއަމަށް ވަންނާނީ އިޓަލީގެ ހާހެއްހާ ސަޕޯޓަރުންނެވެ.

މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވަމުން އަންނަ އިޓަލީ ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިންނަކީ 34 އަހަރުގެ ބޮނޫޗީ އާއި އޭނާއާ އެކު ޑިފެންސަށް ކުޅޭ 36 އަހަރުގެ ޖިއޯޖިއޯ ކިއެލީނީ އެވެ. ތަޖުރިބާކާރު ދެ ޑިފެންޑަރުންނާ ދެކޮޅަށް ނުކުންނަ އިންގްލެންޑް ޓީމުގެ އެވްރެޖް އުމުރަކީ 25 އަހަރެވެ.

“އިންގްލެންޑުގެ އެބަތިބި އެޓޭކުގައި ވަރަށް ވަރުގަދަ ކުޅުންތެރިން. އަހަރެމެން އެންމެން ޓީމެއްގެ ގޮތުގައި އެ ކުޅުންތެރިންނަށް ވަރަށް ސަމާލުވާން ޖެހޭނެ. ހާއްސަކޮށް އެ ކުޅުންތެރިންގެ ސްޕީޑަށް ވަރަށް ވިސްނަން ޖެހޭނެ” އިންގްލެންޑުގެ އެޓޭކުގައި ކުޅޭ ކުޅުންތެރިންނާއި ގުޅޭގޮތުން ބޮނޫޗީ ބުންޏެވެ.

މުބާރާތުގެ ފައިނަލާ ހަމައަށް އިންގްލެންޑް ދަތުރުކުރީ މެޗަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުންނެވެ. ފައިނަލާ ހަމައަށް އައިއިރު އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެއީ ސެމީ ފައިނަލުގައި ޑެންމާކްގެ މިކެލް ޑަމްސްގާޑް ހިލޭ ޖެހުމަކުން ވައްދާލި ލަނޑެކެވެ.

“އިންގްލެންޑުގައި އޮތީ މޮޅު ޑިފެންސެއް. އަހަރެން މިހެން ބުނީ ކޮލިފައިން ދުވަސްވަރު ވެސް” އެއް ފެންވަރެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ޑިފެންޑަރު ބުންޏެވެ.

މިއީ އިންގްލެންޑް ޔޫރޯ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕް ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އިން ޔޫރޯ ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 1968 ވަނަ އަހަރު އެވެ. 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ކުޅެ އިޓަލީ ވަނީ ބަލިވެފަ އެވެ.

އިންގްލެންޑާއި އިޓަލީ ވާދަކުރާ ޔޫރޯ ފައިނަލް މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!