ފުރަތަމަ ސަފްޙާ / ޚަބަރު / ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް އިޓަލީ ތައްޓާ ގާތަށް

ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް އިޓަލީ ތައްޓާ ގާތަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 ޖުލައި 2021

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ސްޕެއިން ބަލިކޮށް ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީ ހޯދައިފި އެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ޖެހީ އިޓަލީގެ ފެޑެރިކޯ ކިއޭސާ އެވެ. އިޓަލީން ލީޑު ނެގުމުން ސްޕެއިނުން ވަނީ ކުރިއަށް ޖެހި ޕްރެޝަރުކޮށްފަ އެވެ. ސްޕެއިނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާ އެވެ. ޔޫރޯގެ ތާރީހުގައި ޖެހި 6 ވަނަ ލަނޑާ އެކު މޮރާޓާ ވެފައިވަނީ ސްޕެއިނަށް މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. މޮރާޓާއާ އެކު މި ލިސްޓުގެ އެއް ވަނައިގައި ކުރިން އޮތީ ފަސް ލަނޑު ޖަހާފައިވާ ފެނާންޑޯ ޓޮރޭޒް އެވެ.

Image

އިތުރު ވަގުތުގެ ދެ ހާފު ވެސް ނިމިގެން ޖެހި ޕެނަލްޓީގެ ތެރެއިން ސްޕެއިންގެ ޑެނިއެލް އޮލްމޯ އާއި މޮރާޓާ ޖެހި ދެ ޕެނަލްޓީ ވައްދައެއްނުލެވުނެވެ. ސްޕެއިނުން ޕެނަލްޓީ ވައްދާލީ ޖެރާޑް މޮރޭނޯ އާއި ތިއާގޯ އަލްކަންޓަރާ އެވެ. އިޓަލީގެ ފަސް ޕެނަލްޓީގެ ތެރެއިން ވައްދާނުލެވުނީ މަނުއެލް ލޮކަޓެލީ ޖެހި ޕެނަލްޓީ އެކަންޏެވެ. އިޓަލީން ހަތަރު ޕެނަލްޓީ ވައްދާލިއިރު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ.

ރޭގެ މެޗުގެ ކުރިން ވޯލްޑް ކަޕާއި ޔޫރޯ ހިމެނޭހެން ސެމީ ފައިނަލުގައި ސްޕެއިން ބަލިވެފައެއްނުވެ އެވެ. ޔޫރޯގައި ސްޕެއިން އާއި އިޓަލީގެ ވާދަވެރި ކުރިމަތިލުންތައް ޖެހިޖެހިގެން ހަތަރު މުބާރާތުގައި ފެނިފައިވާއިރު 2008 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ސްޕެއިނުން އިޓަލީ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. 2012 ވަނަ އަހަރުގެ ފައިނަލުގައި ސްޕެއިނުން 4-0 އިން ބޮޑު ތަފާތަކުން އިޓަލީ ބަލިކުރިއިރު 2016 އާއި މިފަހަރުގެ މުބާރާތުގައި ސްޕެއިންގެ މައްޗަށް ކުރި ހޯދީ އިޓަލީންނެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވީނަމަވެސް އިޓަލީ އަށް ޔޫރޯ ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވިފައިވަނީ 1968 ވަނަ އަހަރު އެވެ. 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ފައިނަލުގައި އެޓީމު ވަނީ ބަލިވެފަ އެވެ.

Image

އިޓަލީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައިއެއް ނުވެ އެވެ. އެކަމަކު ކޯޗު ރޮބާޓޯ މަންޗީނީ އިޓަލީއާ ހަވާލުވެ އެޓީމަށް ބޮޑު ކުރި އެރުމެއް ވަނީ ގެނެސްދީފަ އެވެ. އެންމެ ފަހުން ކުޅުނު 33 މެޗުން އިޓަލީ ބަލިވެފައިނުވާއިރު މިފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ވެސް އެގައުމުންނެވެ.

ފައިނަލުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ އިޓަލީ ނުކުންނާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ އިންގްލެންޑާއި ޑެންމާކް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!