ފުރަތަމަ ސަފްޙާ / ޚަބަރު / ސެމީގެ ބޮޑު މެޗުގައި ސްޕެއިން އާއި އިޓަލީ މިރޭ ވާދަކުރަނީ

ސެމީގެ ބޮޑު މެޗުގައި ސްޕެއިން އާއި އިޓަލީ މިރޭ ވާދަކުރަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 6 ޖުލައި 2021

ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފުޓްބޯޅައިގައި ގަދަ ދެ ބާރު، ސްޕެއިން އާއި އިޓަލީ މިރޭ ވާދަކުރާނެ އެވެ.

ސްޕެއިން ސެމީ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގައި ކްރޮއޭޝިއާ ބަލިކޮށް ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިޓަލީ ސެމީއާ ހަމައަށް ދަތުރުކުރީ ގަދަ 16 ގައި އޮސްޓްރިއާ ހަނިގޮތަކަށް ބަލިކޮށް ކުއާޓާ ފައިނަލްގައި ގަދަފަދަ ބެލްޖިއަމް ކަޓުވާލުމަށް ފަހު އެވެ.

އިނގިރޭސި ވިލާތުގެ ހައިބަތު ބޮޑު ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ވާދަވެރި ސެމީ އަށް ނުކުންނައިރު މި ދެޓީމުގެ ދިގު ތާރީހެއް މި މުބާރާތުގައި އެބައޮތެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން 6 ފަހަރު މި ދެޓީމު ވާދަކޮށްފައިވާއިރު ސްޕެއިނުން ވަނީ 2008 ވަނަ އަހަރުގެ ކުއާޓާ ފައިނަލުގެ އިތުރުން 2012 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ ބަލިކޮށްފަ އެވެ. ރަންޖީލާ އެކު ނުކުމެ ސްޕެއިނުން ފައިނަލުގައި އިޓަލީ ބަލިކުރީ 4-0 އިންނެވެ. އެކަމަކު 2016 ވަނަ އަހަރުގެ ޔޫރޯގައި އިޓަލީ ވަނީ ގަދަ 16 ގައި ސްޕެއިން ކަޓުވާލައިފަ އެވެ.

Euro 2016: Italy vs Spain - starting lineups

2016 ވަނަ އަހަރުގެ ޔޫރޯގައި އިޓަލީން ސްޕެއިން ކަޓުވާލި މެޗުގެ ތެރެއިން. މިއީ ވާދަވެރި ތާރީހެއް އޮތް ދެ ގައުމު

ސްޕެއިން އަކީ މި މުބާރާތުގެ ތާރީހުގައި ޖަރުމަނާ އެކު އެންމެ ކާމިޔާބު ގައުމެވެ. ތިން ފަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދިއިރު މިދިޔަ ތިން މުބާރާތުގެ ތެރެއިން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދި އެވެ. އިޓަލީ އަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 1968 ވަނަ އަހަރު އެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުން ދިއުމާއި ގުޅިގެން ވެމްބްލީ ސްޓޭޑިއަމަށް ސަޕޯޓަރުން ވެއްދުމުގައި ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. ސެމީގެ ދެ މެޗު ވެމްބްލީގައި ކުޅޭއިރު ސްޕެއިން އާއި އިޓަލީން ދަތުރުކުރާ ސަޕޯޓަރުން ކަރަންޓީނުވާން ޖެހޭތީ މިރޭގެ މެޗުގައި އެ ދެގައުމުގެ ސަޕޯޓަރުން ތިބޭނީ މަދު އަދަދަކަށެވެ.

އިޓާލިއަން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ގަބްރިއެލް ގްރަވީނާ ވިދާޅުވީ 60،000 މީހުންގެ ޖާގައިން އެގައުމަށް ލިބުނީ އެންމެ 125 ޓިކެޓް ކަމަށެވެ.

“އިޓަލީ އާއި ސްޕެއިންގެ ސަޕޯޓަރުންނަށް ނުވަދެވުމަކީ އިންސާފުވެރި ގޮތެއް ނޫން” މެޗުގެ ކުރިން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީ ބުންޏެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ އިޓަލީ އާއި ސްޕެއިނުން މެޗަށް ނާދެވުނު ނަމަވެސް އިނގިރޭސި ވިލާތުގައި އުޅޭ އެ ދެގައުމުގެ ރައްޔިތުން މިރޭ ދަނޑުން ފެންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

“މިއީ ވަރަށް ގޮތްނޭނގޭ ހާލަތެއް. އަހަރެން އުއްމީދުކުރަން އިނގިރޭސި ސަޕޯޓަރުންނަށް ވުރެ ސްޕެއިން އާއި އިޓަލީގެ ސަޕޯޓަރުން ގިނަވާނެކަމަށް. އެކަމަކު ހުންނާނެ އަހަރެމެންގެ ކޮންޓްރޯލުގެ ދަށުގައި ނުހުންނަ ކަންކަން. އެކަމާ ވިސްނައިގެން ހަކަތަ ބޭކާރުކުރާކަން އަހަރެން ނެތިން. ސަޕޯޓަރުން ތިބޭނެ ނަމައޭ ހިތަށްއަރާ އެކަމަކު މިހާރުގެ ހާލަތު ގަބޫލުކުރަން” ސްޕެއިންގެ ކޯޗު ބުންޏެވެ.

Spain trounces Italy 4-0 in Euro 2012 final | CTV News

2012 ގެ ޔޫރޯ ފައިނަލުގައި ސްޕެއިން އާއި އިޓަލީ ވާދަކުރި މެޗުގެ ތެރެއިން. ސްޕެއިން ރަން ޖީލު ނުކުމެ އެ މެޗުގައި ސްޕެއިނުން ވަނީ އިޓަލީ ކޮޅަށް 4 ލަނޑު ޖަހާފައި

މިފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޓަލީ އަކީ މިހާރު އެންމެ މޮޅު ފުޓްބޯޅައެއް ކުޅޭ އެއް ގައުމެވެ. 2018 ގެ ފަހުން އެއްވެސް މެޗަކުން އިޓަލީ ބަލިވެފައި ނުވާއިރު މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެޓީމުން ވަނީ ކުޅުނު ތިން މެޗު ވެސް ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. އިޓަލީއާ ހިލާފަށް ސްޕެއިން ދެ ވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން އެއްވަރުވިއިރު ތިން ވަނަ މެޗުގައި އެޓީމުން ވަނީ 5-0 އިން ސްލޮވާކިއާ ބަލިކޮށްފަ އެވެ.

“މިދިޔަ 20 އަހަރު ސްޕެއިނުން ވަނީ ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓްކޮށްފައި. އެހެންވީމަ އަހަރެންނަށް ހިއެއްނުވޭ އެމީހުންގެ ކުޅުމުގެ ސްޓައިލް މިހާރު ބަދަލުކުރާނެހެނެއް. ސްޕެއިނުން ކުޅެނީ އަމިއްލައަށް ތައާރަފްކުރި ސްޓައިލަކަށް. އޭގެ ނަތީޖާ އެއީ އާދަޔާހިލާފު ކާމިޔާބީތަކެއް އެޓީމުން ހޯދައި އަދި އެގޮތުގައި ދެމިތިބުން” މެޗުގެ ކުރިން ސްޕެއިނަށް ތައުރީފްކުރަން މަންޗީނީ ބުންޏެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީގެ ފުޓްބޯޅަ އަޑިއަޅާލާފައި އޮއްވައި މަންޗީނީ އެގައުމުގެ ކޯޗުކަމާ ހަވާލުވެ ވަނީ ޓީމަށް ބޮޑު ކުރިއެރުމެއް ގެނެސްފަ އެވެ. މިފަހަރުގެ މުބާރާތުގައި ސަތޭކަ އިންސައްތަ ރެކޯޑް އޮތް ހަމައެކަނި ގައުމާ އެކު އިޓަލީ އަކީ އެއް ފޭވަރިޓެވެ.

“އިޓަލީގެ ކުޅުން ސްޕެއިނާ އެއްގޮތަށް ނުވާނެ އަދި ކުއްލިއަކަށް ސްޕެއިންގެ ކާމިޔާބާ ހަމައަށް ނުދެވޭނެ. އެކަމަކު އިޓަލީން މަސައްކަތްކުރާނެ އަމިއްލަ ގޭމެއް ކުޅެ މެޗުން މޮޅުވާން” މެންޗެސްޓަރ ސިޓީ އާއި އިންޓަ މިލާންގައި ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ.

މެޗަށް ނުކުންނައިރު އިޓަލީ އަށް ދިމާވެފައިވާ އެންމެ ބޮޑު ނުތަނަވަސްކަމަކީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު ލިއޮނާޑޯ ސްޕިނަޒޯލާ އަށް އަނިޔާވެ ދެން ނުކުޅެވުމެވެ. ކުއާޓާ ފައިނަލްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުކޮޅު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން މިހާރު ސާޖަރީ އެއް ކޮށްފައިވާ ސްޕިނަޒޯލާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ގާތްގަނޑަކަށް 6 މަހެއްހާ ދުވަސް ފަހުންނެވެ. އުމުރުން 28 އަހަރުގެ ރޯމާ އަށް ކުޅޭ ސްޕިނަޒޯލާ އަކީ މަންޗީނީގެ ގޭމްޕްލޭންގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.

ސްޕެއިންގެ ޓީމަށް ބަލާއިރު އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރި ޕަބްލޯ ސަރާބިއާ މިރޭގެ މެޗަށް ފިޓްވާނެ ކަމަކަށް ނުބެލެވެ އެވެ. ސަރާބިއާގެ ބަދަލުގައި އެ މަގާމަށް ކުޅޭނެކަމަށް ބެލެވެނީ ޑެނީ އޮލްމޯ އެވެ.

ސްޕެއިން އާއި އިޓަލީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ނުކުންނާނީ މާދަމާ ރޭ އިންގްލެންޑާއި ޑެންމާކް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!