އިޓަލީގެ ރޯމްގައި ރޭ 4-0 އިން ޔޫކްރޭން ބަލިކޮށް 25 އަހަރަށް ފަހު އިންގްލެންޑް ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިފަހަރުގެ މުބާރާތުގެ ކުރިން އިންގްލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ 1996 ވަނަ އަހަރު އެވެ. އެ މެޗު 1-1 އިން އެއްވަރުވެ ޖަރުމަނު އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. މިފަހަރުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ފުރުސަތު ހޯދީ ޖަރުމަނު 0-2 އިން ބަލިކޮށްގެންނެވެ. އިންގްލެންޑުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. އެކަމަކު ސެމީގައި ކްރޮއޭޝިއާ އަތުން ބަލިވެގެން ކެޓީ އެވެ. މީގެ ކުރިން ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތެއްގެ ސެމީ ފައިނަލަށް ޖެހިޖެހިގެން އިންގްލެންޑަށް ދަތުރުކުރެވުނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 1968 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އަމިއްލަ ދަނޑުގައި 1966 ވަނަ އަހަރު އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.
މުބާރާތުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އެންމެ ފަހުން އެޓީމު ކުޅުނު ހަތް މެޗުގައި ވެސް ގޯލެއް ވަދެފައިނުވާއިރު މިއީ އެގައުމުގެ ފުޓްބޯޅައިގައި ރެކޯޑެކެވެ.
ރޭގެ މެޗު ފަށައިގެން ކުރީކޮޅު ރަހީމް ސްޓާލިން ދިން ބޯޅައަކުން ހެރީ ކޭންގެ ގޯލުން އިންގްލެންޑް ވަނީ ލީޑު ނަގައިފަ އެވެ. ގޯލަށް ފަހު މެޗުގެ ބާކީ ބައިގައި އިންގްލެންޑް ފެނުނީ އިތުބާރާއެކު ކުޅެމުންދިޔަތަނެވެ. އެޓީމުގެ ބާކީ ތިން ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޫކް ޝޯގެ އެހީތެރިކަމާ އެކު ހެރީ މެގުއާ އާއި ކޭން ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ޖެހިއިރު ފަހު ލަނޑު މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ޖެހީ ބެންޗުން ކުޅެން އެރި ޖޯޑަން ހެންޑަސަން އެވެ. މިއީ އިންގްލެންޑަށް ކުޅުނު 62 މެޗުގައި ހެންޑަސަން ޖެހި ފުރަތަމަ ލަނޑެވެ. ހެންޑަސަން ވެފައިވަނީ އިންގްލެންޑުގައި ގައުމީ ޓީމުގައި ހިމެނި އެންމެ ގިނަ ދުވަސްވަންދެން ފުރަތަމަ ގޯލު ޖަހަން މަޑުކުރަން ޖެހުނު ކުޅުންތެރިޔާ އަށެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ ރޭ ޗެކްރި ޕަބްލިކް ބަލިކުރި ޑެންމާކާ އެވެ. ފުރަތަމަ ސެމީގައި ވާދަކުރާނީ އިޓަލީ އާއި ސްޕެއިން އެވެ.