“2006 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ޖޯޖިއާ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން މެނޭޖަރު އޮލެގް ބުލޯހިން ފުރަތަމަ 11 އިއުލާންކޮށް މެޗާއި ގުޅޭގޮތުން އިރުޝާދު ދިނެވެ. ދެން ޓީމު ބައްދަލުވުން ނިމުމުން އަންދްރޭ ޝެވްޗެންކޯ އަހަންނަށް އޭނާގެ އަމިއްލަ އިރުޝާދު ދިނެވެ. 0-2 އިން އަހަރުމެން މޮޅުވި މެޗުގައި ގޯލް ޖެހީ އަހަންނާއި ޝެވްޗެންކޯ އެވެ.” ޔޫކްރޭންގެ ގައުމީ ޓީމުގައި ޝެވްޗެންކޯ އާއި އެކުގައި ކުޅުނު އޮލެކްސީ ބޭލިކް ބުނެފައިވެ އެވެ.
އޭގެ ބަރާބަރު 10 އަހަރު ފަހުން ސިޔާސީ މައިދާނަށް ނިކުމެ އިލެކްޝަންގައި ވާދަކޮށް ނާކާމިޔާބު ވުމަށްފަހު ޔޫކްރޭންގެ ފުޓްބޯޅަ ލެޖެންޑް ދެން ހަވާލުވީ ޔޫކްރޭންގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ އެވެ. އެއާއެކު ދެން ފެންނަންފެށީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ގެންގުޅުނު ސިފަތައް އޭނާގެ ކިބައިން އަނެއްކާވެސް ފާޅުވާންފެށިތަނެވެ. އޭގެ އަހަރުތަކެއްފަހުން މިރޭ ޝެވްޗެންކޯ ޔޫކްރޭންގެ ގައުމީ ޓީމާއެކު ދެ ވަނަ ފަހަރަށް ބޮޑު ފުޓްބޯޅަ މުބާރާތެއްގެ ކުއާޓާ ފައިނަލަށް ނިކުންނައިރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ޝެވްޗެންކޯ ހޯދިފަދަ ކާމިޔާބެއް ކޯޗެއްގެ ގޮތުގައި ހޯދާނެކަމަށް ޔޫކުރޭންގެ ސަޕޯޓަރުން އަންނަނީ އުއްމީދުކުރަމުންނެވެ.

ޗެވްޗެންކޯ މިފަހަރުގެ ޔޫރޯގައި. ޔޫކްރޭން ގޮވައިގެން ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައި
ކުޅުންތެރިއެއްގެ ގޮތުގައި ޝެވްޗެންކޯ ވިދާލީ އިޓަލީގެ އޭސީ މިލާންގަ އެވެ. 1999 އިން 2006 އަށް އޭސީ މިލާންއާ އެކު 296 މެޗްގައި 173 ގޯލް ޖަހާފައިވެ އެވެ. އަދި އޭގެފަހުން ޗެލްސީގައި ހުރެފައި ލޯނު އެއްބަސްވުމެއްގެ ދަށުން 2008/2009 ސީޒަނުގައި މިލާނަށް އިތުރު 26 މެޗްކުޅެ 2 ގޯލް ޖަހާފައިވެ އެވެ. އޭސީ މިލާނުގެ ކުޅުންތެރިއެއްގެ ގޮތުގައި 2004 ގެ ބެލެންޑިއޯ ޕޯޗްގަލްގެ ޑެކޯ އާއި ބްރެޒިލްގެ ރޮނާލްޑީނިއޯ ފަހަތަށް ޖައްސާލާފައި ޝެވްޗެންކޯ ހޯދިއިރު މިލާނާއެކު 2003/2004 ގެ ލީގު ހޯދި އެވެ. އަދި 2002/2003 ގެ ޔޫއެފާ ޗެމްޕިއަންސް ލީގާއި ކޮޕާ އިޓަލިއާ ކާމިޔާބުކުރި އެވެ. މިލާނަށްފަހު ޗެލްސީ ގައި އަދި އޭގެފަހުން ކުޑައިރުގެ ކްލަބު އަމިއްލަރަށުގެ ޑީނަމޯ ކިއޭވް އަށް ކުޅުމަށްފަހު ޝެވްޗެންކޯ ބޫޓު ބޭލީ 2012 ގައި ކެރިއަރުގައި ޖުމްލަ 704 މެޗްގައި 343 ގޯލް ޖަހާފަ އެވެ. ޝެވްޗެންކޯ ވަނީ ޔޫކްރޭންގެ ގައުމީ ޓީމާއި އެކު 2006 ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ވާދަކޮށްފަ އެވެ. އެފަހަރު އެމީހުން ބަލިވީ އެމުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ އަތުން 0-3 އިންނެވެ. ޝެވްޗެންކޯ ވަނީ ގައުމީޓީމަށް 111 މެޗްގައި 48 ގޯލް ޖަހާދީފަ އެވެ. ޝެވްޗެންކޯ އަކީ ޔޫކްރޭނަށް އެންމެ ހަގު އަދި އެންމެ ދޮށީ އުމުރުގައި ގޯލް ޖަހައިދިން ކުޅުންތެރިއާ އެވެ. އަދި އެގައުމުގެ ޓޮޕް ސްކޯރަރ ވެސްމެ އެވެ.
ޝެވްޗެންކޯ ފުޓްބޯޅަ ބޫޓް ބޭލުމަށްފަހު ވަރުބަލި ފިލުވާލަންވެސް މަޑުނުކޮށް ސިޔާސީ މައިދާނަށް ނިކުތުމާއެކު ފުޓްބޯޅަޔާއި އޭނާ އާއި އޮތް ގުޅުން ނިމުނީ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް ޕާލަމެންޓް އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވުމާއެކު އެނބުރި ފުޓްބޯޅައާއި ގުޅުނީ އެހާމެ އަވަހަށެވެ. މިފަހަރު ގައުމީޓީމުގެ ކޯޗިން ޓީމާއި އެކުގައެވެ. މޮޅަށްކުޅެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބުތަކެއް ހޯދުމަށްފަހު ކޯޗެއްގެ ގޮތުގައި އެކާމިޔާބުތައް ތަކުރާރުކުރުމަކީ އާދައިގެ ކަމެއްނޫނެވެ. ފުޓްބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށް ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ ބެލެންޑިއޯ ހޯދުމަށްފަހު ފަހުން ފުޓްބޯޅައިގެ ކާމިޔާބު ކޯޗެއްގެ ގޮތުގައި ވިދާލާފައިވަނީ ވަރަށް މަދު ބައެކެވެ. ޖަރުމަނުގެ ފްރާންޒް ބެކެންބާ އާއި ނެދަލެންޑްސްގެ ޔޯހަން ކްރައިފް އަދި ފްރާންސްގެ ޒިނެދިން ޒިދާން ފިޔަވައި އެފަދަ މާގިނަ ތަރިންނެއް ފެންނާކަށް ނެތެވެ. މިދެންނެވުނު ކޯޗުންވެސް އެހިސާބަށް ގޮސްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއެކު ނިކުތް މަޝްހޫރު ޓީމުތަކާއެކުގަ އެވެ. އެހެންކަމުން ޔޫކްރޭންގެ ގައުމީޓިމު ފަދަ އާދައިގެ ޓީމަކާއެކު ނިކުމެ ޝެޗްވެންކޯ ކާމިޔާބު ހޯދައިފިނަމަ އެކަން ވާނީ ވަރަށް ހާއްސަކަމަކަށެވެ.
ޔޫކްރޭން އާއި ޝެވްޗެންކޯ އަށް ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ އެހެން ކޯޗުންނާއި އާއްމުކޮށް ދިމާނުވާފަދަ ކަންތައްތަކަކާ އެވެ. ރަޝިޔާ އާއި ޔޫކްރޭން އާއި ދެމެދު ސިޔާސީ ގޮތުން ޖެހުނު ކުނިތަކާއެކު ހަނގުރާމައިގެ ހާލަތަށް ގޮސް ޔޫކްރޭންގެ ފުޓްބޯޅައަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރި އެވެ. 2016 ގެ ޔޫރޯގައި ފުރަތަމަ ބުރުން ކަޓައި، ކޯޗް މިހާއިލޯވް ފޮމެންކޯ އިސްތިއުފާ ދިނުމާއެކު ޝެވްޗެންކޯ ޓީމުގެ ހެޑްކޯޗްކަމާއި ހަވާލުވި އެވެ. ޝެވްޗެންކޯ އާއި އެކު ޔޫކްރޭން ފުރަތަމަ ނިކުތް 2018 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުރިމަތިވީ ނާކާމިޔާބެވެ. އެހެންނަމަވެސް އޭނާގެ ސިޔާސީ ކެރިއަރު ނިމިގެންދިޔަ ގޮތަށް އޭނާގެ ކޯޗިން ކެރިއަރު ނިމިގެނެއް ނުދިޔަ އެވެ.

ޝެވްޗެންކޯ ގައުމީ ޖާޒީގައި. އޭނާ އަކީ އެގައުމުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
ޝެވްޗެންކޯގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ޓީމުގެ ކުޅުން ކައުންޓަ އެޓޭކިން ގޭމަކުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅޭ ޓީމަކަށް ބަދަލުކޮށްލަން ބޭނުންވާ ވާހަކަ ބުންޏެވެ. ޝެވްޗެންކޯ ބޭނުންވާފަދަ ގޭމެއް ކުޅެދޭނޭ ކުޅުންތެރިން ޔޫކްރޭންގައި އެބަތިއްބެވެ. އެޓީމުގައި އެތިބީ 2019 ގައި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންނެވެ. 2018 ގެ ވޯލްޑް ކަޕަށް ކޮލިފައި ނުވިޔަސް ޔޫކްރޭން 2020 ގެ ޔޫރޯއަށް އައީ ޕޯޗްގަލް އާއި އެއް ގުރޫޕެއްގައި ވާދަކޮށް އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. 2019 ގައި އޭނާގެ ޓީމު ބަލިވެފައެއް ނުވެ އެވެ. އެހިސާބުން ޝެވްޗެންކޯ އަށް ރައްދުވަމުންދިޔަ ފާޑުކިޔުންތައް މަދުވެ މޮޅު ކޯޗެއްގެ ގޮތުގައި މީހުން ދެކެންފެށިއެވެ. އަދި ދާދިއަވަހަށް އިޓަލީގެ އޭސީ މިލާނުގެ ކޯޗުގެ ގޮތުގައި ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް މީހުން ބުނަންފެށި އެވެ.
“މިލާން އަކީ އަބަދުވެސް އަހަރެންގެ ހިތުގައިވާ ޓީމެވެ. ފުރުސަތު ލިބިއްޖެނަމަ އެޓީމަށް ކޯޗުކޮށްދިނުމަކީ އަހަރެން ވަރަށް ބޭނުންވާކަމެކެވެ.”
އެހެންނަމަވެސް ކޮވިޑާ ހެދި ޔޫރޯ އެއް އަހަރު ފަސްވުމަކީ ޔޫކްރޭންއަށް މި މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް ހުރަހެއްކަމަށް ގިނަބަޔަކު ގަބޫލުކޮށްފާނެ އެވެ. ޔޫރޯ 2020 ކޮލިފައިންގައި ކުޅުނު 8 މެޗްގައި ބައިކޮޅަށް އެންމެ 4 ގޯލް ވަތް މިޓީމު 2020 ފެށުމާއެކު ފެނުނީ މުޅިން ތަފާތުކޮށެވެ. ޔޫއެފާ ނޭޝަންސް ލީގުގައި ގިނަ މެޗުތަކަކުން ބަލިވިއިރު ފްރާންސް އަތުން 7-1 އިން އަދި ސްޕޭން އަތުން 4-0ން ބަލިވިއެވެ. އަދި 2022ގެ ވޯލްޑްކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިންމެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ޔޫރޯ 2020ގެ ކުރިން ބަހުރޭން އާއި ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 1-1 އިން ނިމުމާއެކު ޝެވްޗެންކޯއަށް އަނެއްކާވެސް މިވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ޝެވްޗެންކޯ އޭސީ މިލާނަށް ގޯލެއް ޖަހައިދިނުމަށްފަހު. ކްލަބް ކެރިއަރުގެ ރަން ދުވަސްތައް ހޭދަކުރީ މިލާންގައި
އެހެންނަމަވެސް ޔޫރޯ2020ގައި ފުރަތަމަ ބުރުގައި ނޯތު މެސެޑޯނިއާ ބަލިކޮށް ތިން ވަނައިގައި ގްރޫޕު ސްޓޭޖް ނިންމި އެންމެ މޮޅު ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރަށް ގޮސް ދެ ވަނަބުރުގައި ކުޅުނުމެޗުގައި ސްވިޑުން ބަލިކޮށް މިރޭ އެ ނިކުންނަނީ ސެމީ ފައިނަލުން ޖާގައެއް ހޯދުމަށް އިނގިރޭސިންނާއި ދެކޮޅަށެވެ. ޝެވްޗެންކޯގެ ޓީމުން މިހާތަނަށް މި މުބާރާތުގައި ދެއްކި ކުޅުމަށް ބަލާއިރު މީ ނުވާނޭ ކަމެކޭ ނުބުނެވޭނެ އެވެ. ޔޫކްރޭން ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އޮލެކްސެންޑާ ޒިންޗެންކޯ އެވެ. ޒިންޗެންކޯ ވަނީ މިހާތަނަށް އައިއިރު އިނގިރޭސި ޕްރިމިއަރ ލީގު މެންޗެސްޓާ ސިޓީއާއެކު 3 ފަހަރު ލީގު ކަޕް ހަތަރު ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހޯދާފަ އެވެ. ޒިންޗެންކޯއާ އެކު ދެން ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ އެންދްރީ ޔާމޮލެންކޯ އެވެ.
ކޮންމެއަކަސް މިރޭގެ ކުއާޓާ ފައިނަލްގައި މިހާރުގެ އެއް ފޭވަރިޓްކަމުގައިވާ އިނގިރޭސިންނާއި ދެކޮޅަށް ޔޫކްރެން ނިކުމެ ކާމިޔާބު ހޯދައިފިނަމަ ކުޅުންތެރިއެއްގެ ގޮތުގައި ޝެވްޗެންކޯ ވިދާލި ފަދައިން ކޯޗެއްގެ ގޮތުގައިވެސް ޝެވްޗެންކޯ ވިދާލާނޭކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.