ފުރަތަމަ ސަފްޙާ / ޚަބަރު / ސްވިޒަލެންޑް ކަރުނައިގެ ކޯރަކަށް، ސްޕެއިން ސެމީ ފައިނަލަށް

ސްވިޒަލެންޑް ކަރުނައިގެ ކޯރަކަށް، ސްޕެއިން ސެމީ ފައިނަލަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 2 ޖުލައި 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް 3-1 އިން ބަލިކޮށް ސްޕެއިން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. މެޗު ޕެނަލްޓީ އަށް ދިޔައީ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނުއިރު 1-1 އިން އެއްވަރުވުމުންނެވެ.

ކުއާޓާ އިން ސްވިޒަލެންޑް ފުރުސަތު ހޯދީ ގަދަ 16 ގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ފްރާންސާ ދެކޮޅަށް އިތުބާރާ އެކު ޕެނަލްޓީ ޖެހި ސްވިޒަލެންޑުގެ ޓީމަށް މިރޭ ވައްދާލެވުނީ ހަތަރު ޕެނަލްޓީގެ ތެރެއިން އެންމެ ޕެނަލްޓީއެކެވެ. އެޓީމުގެ ފަބިއަން ޝާ އާއި މެނުއަލް އަކާންޖީ ޖެހި ޕެނަލްޓީތައް ސްޕެއިންގެ ގޯލްކީޕަރު އުނާއި ސިމޮން މަތަކުރިއިރު ރުބެން ވާގަސް ޖެހި ޕެނަލްޓީ ދިޔައި ގޯލުގެ މާ މަތިންނެވެ. ސްޕެއިންގެ ފަސް ޕެނަލްޓީގެ ތެރެއިން ވައްދާނުލެވުނީ ސާޖިއޯ ބުސްކެޓްސް އާއި ރޮޑްރީ ޖެހި ޕެނަލްޓީ އެވެ. ބުސްކެޓްސް ޖެހި ޕެނަލްޓީ އަރިމަތީ ދަނޑީގައި ޖެހުނުއިރު ރޮޑްރީ ޖެހި ޕެނަލްޓީ ސްވިޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ހިފެހެއްޓީ އެވެ. ސްޕެއިނުން ޕެނަލްޓީ ވައްދާލީ ޑެނިއެލް އޮލްމޯ އާއި ޖެރާޑް މޮރޭނޯ އަދި މޮޅުވި ޕެނަލްޓީ ޖެހި މިކެލް އޮޔާޒަބަލް އެވެ.

Image

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އެޓީމުން ނެގި ކޯނަރެއްގައި އޭރިޔާ ބޭރުގައި ހުރެފައި ޖޯޑީ އަލްބާ ފޮނުވާލުމުން ސްވިޒަލެންޑުގެ ޑެނިސް ޒަކާރިޔާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ލީޑު ނެގުމަށް ފަހު ސްޕެއިނުން ފުރަތަމަ ހާފު ނިންމާލީ ގޯލަށް ނުރައްކާ ކުރާނެ އެއްވެސް ފުރުސަތެއް ސްވިޒަލެންޑަށް ނުދީ އެވެ.

މެޗުގެ ދެ ވަނަ ހާފު ވެސް ސްޕެއިނުން ފެށީ ރަނގަޅަށެވެ. އެކަމަކު މޮޅަށް ކުޅެމުން ދަނިކޮށް ފަހަތުގައި ތިބި ކުޅުންތެރިން ހެދި ގޯހެއްގައި މެޗުގެ 68 ވަނަ މިނެޓުގައި ޒެރްދަން ޝަގީރީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ ބާކީ ބައިގައި ސްވިޒަލެންޑުން ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނުއިރު 78 ވަނަ މިނެޓުގައި އެޓީމުގެ ރެމޯ ފެއުލާ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އޭގެފަހުން އެއް ކުޅުންތެރިއަކު މަދުކޮށް ސްވިޒަލެންޑުން ވަނީ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމެންދެން ސްޕެއިން ހިފަހައްޓައިފަ އެވެ.

އިތުރު ވަގުތުގެ ދެ ހާފުގައި ސްޕެއިނުން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު ގޯލާ އަމާޒުވި ހުރިހާ ބޯޅައެއް ސްވިޒަލެންޑުގެ ހުށިޔާރު ގޯލްކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފަ އެވެ.

ސެމީ ފައިނަލުގައި ސްޕެއިން ނުކުންނާނީ ކުއާޓާގައި މިރޭ ބެލްޖިއަމް އާއި އިޓަލީއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!