ފުރަތަމަ ސަފްޙާ / ޚަބަރު / ބެލްޖިއަމްގެ ރަން ޖީލު، އަލުން ދިރުނު އިޓަލީއާ ދެކޮޅަށް

ބެލްޖިއަމްގެ ރަން ޖީލު، އަލުން ދިރުނު އިޓަލީއާ ދެކޮޅަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 2 ޖުލައި 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތަކާ މިރޭ ކުރިމަތިލާއިރު ބެލްޖިއަމް އާއި އިޓަލީ އަކީ މިފަހަރުގެ މުބާރާތުގެ “ހޮޓް” ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. އެކަމަކު މިރޭ މި ދެޓީމުން ކުއާޓާ ފައިނަލުގައި ވާދަކުރަންޖެހުމަކީ ތައްޓަށް ކުރާ ދަތުރުގައި ދެގައުމަށް އޮތް އެންމެ ވަރުގަދަ އިމްތިހާނެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮވެ ބެލްޖިއަމުން ގުނަމުން ދަނީ އެގައުމުގެ ރަން ޖީލުގެ ދުވަސްތަކެވެ. މަޝްހޫރު އެތައް ކުޅުންތެރިންތަކެއް ނިސްބަތްވާ ބެލްޖިއަމަށް މި ޖީލުގައި އެންމެ މުހިއްމީ ބައިނަލްއަގްވާމީ ތައްޓެކެވެ. އަނެއްކޮޅުން އެޓީމާ ދެކޮޅަށް ނުކުންނަ އިޓަލީ އަކީ ނަތީޖާތަކަށް ބަލާއިރު މިހާރު ދުނިޔޭގައި އޮތް އެންމެ މޮޅު ގައުމެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތި ތަޖުރިބާއިން އެޓީމު އަރައިގަތީ މިއިން ދުވަހަކުވެސް ޓީމަކުން އަރައިނުގަންނަހާ މޮޅަށެވެ. ކޯޗު ރޮބާޓޯ މަންޗީނީ އިޓަލީއާ ހަވާލުވެ ޓީމަށް އަލުން ދިރުން ގެނެސްދިނީ އެވެ. އެޓީމު ކޮޅަށް ގޯލެއް ޖެހުން ވެސް އިދިކޮޅު ޓީމުތަކަށް ވަނީ ބޮޑު ބުރައަކަށެވެ. ނުވިތާކަށް 2018 ވަނަ އަހަރުގެ ފަހުގެ އިޓަލީ މިހާތަނަށް މެޗަކުން ބަލިވެފައިނުވުމަކީ ވެސް އިޓަލީގެ ފުޓްބޯޅަ އަލުން ދިރުނުކަމުގެ ހެއްކެކެވެ.

Italy vs Austria result: Federico Chiesa and Matteo Pessina seal Euro 2020  extra-time win | The Independent

އިޓަލީ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގައި އިތުރު ވަގުތުގެ ދެ ހާފަށް ގޮސްގެން 1-2 އިން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބެލްޖިއަމް ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް 1-0 އިން ބަލިކޮށްގެންނެވެ.

މެޗުގެ ކުރިން އިޓަލީގެ ކޯޗު މަންޗީނީ ބުނީ ބެލްޖިއަމަކީ އެންމެ މޮޅު އެއް ޓީމުކަން މިދިޔަ ތިން އަހަރުގެ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އެޓީމު އޮތުމުން ސާބިތުކޮށްދޭ ކަމަށާއި، އެކަމަކު ބެލްޖިއަމް ވީތީ ވަކި ސްޓައިލަކަށް ކުޅެން އިޓަލިން ނުވިސްނާނެ ކަމަށެވެ.

“އަހަރެމެންނަށް އެނގޭ ކުޅެން މިޖެހެނީ އެންމެ މޮޅު އެއްޓީމާކަން. އެކަމަކު އަހަރެމެންގެ ވިސްނުން ވަކި ގޮތަކަށް ބަދަލުކޮށްގެން މިރޭ ކުޅޭކަން ނެތިން” މަންޗީނީ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު އިޓަލީ އަށް އޮތް ހިތްހަމަޖެހުމަކީ މިދިޔަ ދެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ކުޅުމުގެ ފުރުސަތު އޮތުމެވެ. އަނެއްކޮޅުން އަނިޔާގައި ހުރި ފުލްބެކް އަލެސަންޑްރޯ ފްލޮރެންޒީ މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

މިފަހަރަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން އިޓަލީ ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުގެ ތިން މުބާރާތުގައި ވެސް އެޓީމުގެ ނަތީޖާތައް ނުކުތީ ޕެނަލްޓީ ޖަހައިގެންނެވެ. 2008 ވަނަ އަހަރު ސްޕެއިން އަތުން ބަލިވިއިރު 2012 ވަނަ އަހަރު ޕެނަލްޓީގައި އިންގްލެންޑް އަތުން ވަނީ މޮޅުވެފަ އެވެ. އެންމެ ފަހުގެ ޔޫރޯގައި 2016 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން އެޓީމު ބަލިވީ ޖަރުމަނު އަތުންނެވެ.

Belgium vs Italy Euro 2020 quarter-final preview, team news, kick-off time  | Football News | Sky Sports

އިޓަލީއާ ދެކޮޅަށް ނުކުންނައިރު ބެލްޖިއަމަށް އޮތް ނުތަނަވަސްކަމަކީ އެންމެ ފަހުން ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކެވިން ޑި ބްރޭނާ އާއި އެޑެން ހަޒާޑަށް އަނިޔާވުމެވެ. މަންޗީނީ ބުނީ އޭނާ ބޭނުންވަނީ އެންމެ މަޝްހޫރު ކުޅުންތެރިން މެޗުގައި ކުޅެން ކަމަށާއި، އެހެންވެ ޑި ބްރޭނާ އާއި ހަޒާޑް މެޗުގައި ފެންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ އިޓަލީ މެޗަކީ ވަރުގަދަ ޗެލެންޖެއް ކަމަށާއި އެކަމަށް ބެލްޖިއަމް ތައްޔާރުކަމަށެވެ. އެކަމަކު މެޗުގައި އިޓަލީގެ ހަމަލާތައް ހުއްޓުވަން ބެލްޖިއަމްގެ ޑިފެންސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަންޖެހޭނެކަމަށް މާޓީނޭޒް ބުނެފައިވެއެވެ. މެޗުގައި ކުޅޭ ވަރަށް ޑި ބްރޭނާ އާއި ހަޒާޑް ފިޓް ނުވާނެ ކަމަށާއި، އެކަމަކު ފިޓްނެސް ޓީމުގެ އެހީތެރިކަމާ އެކު އެންމެ ފަހު ވަގުތާ ހަމައަށް އެ ދެކުޅުންތެރިންގެ ހާލަތު ބަލަމުންދާނެކަމަށް މާޓީނޭޒް ބުންޏެވެ.

ވަރުގަދަ ޓީމަކާ އެކު ނުކުމެ އެންމެ ފަހުގެ ޔޫރޯގައި ބެލްޖިއަމް ވަނީ ކުއާޓާ ފައިނަލުގައި 3-1 އިން ވޭލްސް އަތުން ބަލިވެފަ އެވެ. އޭގެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ސެމީ ފައިނަލުގައި ބަލިވީ ފްރާންސް އަތުންނެވެ. މިފަހަރުގެ ކުއާޓާ ފައިނަލަށް ނުކުންނައިރު އެންމެ ފަހުން އެޓީމު ކުޅުނު 27 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. 23 މެޗުން މޮޅުވިއިރު އެއްވަރުވީ ތިން މެޗުންނެވެ.

މެޗުގެ ކުރިން ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު މިއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތްތަކުގައި މި ދެޓީމުގެ ފަސް ވަނަ ކުރިމަތިލުމެވެ. އެކަމަކު މިއީ ނޮކްއައުޓް ބުރެއްގައި މިދެޓީމުގެ ފުރަތަމަ މެޗެވެ. މީގެ ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން އިޓަލީން ތިން މެޗު ކާމިޔާބުކުރިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިޓަލީން އެންމެ ފަހުން ބެލްޖިއަމް ބަލިކުރީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުން އިޓަލީ މޮޅުވީ 0-2 އިންނެވެ.

ބެލްޖިއަމާއި އިޓަލީ ވާދަކުރާ ވަރުގަދަ ކުރިމަތިލުން މިރޭ 12 ޖަހާއިރު ފަށާއިރު މެޗު ކުޅޭނީ ޖަރުމަނުގެ މަޝްހޫރު ބަޔާން މިއުނިކްގެ ސްޓޭޑިއަމްގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!