ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފޯރިގަދަ ހިސާބަށް އައިސްފައިވާއިރު މިރެއަކީ ކުއާޓާ ފައިނަލުގެ ފުރަތަމަ ދެ މެޗު ކުޅޭ ރެ އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލަށް ދަތުރުކުރި ސްވިޒަލެންޑާ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ސްޕެއިން އެވެ.
ސްވިޒަލެންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ޕެނަލްޓީ ޖަހައިގެން 5-4 އިން ފްރާންސް ބަލިކޮށްގެންނެވެ. އެޓީމުން ޕެނަލްޓީއާ ހަމައަށް ދިޔައީ ފްރާންސް ދެ ގޯލު ކުރީގައި އޮއްވައި މެޗުގެ ފަހުކޮޅު ދެ ގޯލު ޖަހައިގެން 3-3 އިން މެޗު އެއްވަރުކޮށްގެންނެވެ. ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުވެފައި އޮއްވައި ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ދެ ގޯލު ޖަހައި 5-3 މޮޅުވެގެންނެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ސްވިޒަލެންޑާއި ސްޕެއިން ވާދަކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ވޯލްޑް ކަޕްގެ ތިން މުބާރާތެއްގައި މި ދެޓީމު ވަނީ ވާދަކޮށްފަ އެވެ. 1966 އަދި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން މޮޅުވިއިރު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލެންޑް ވަނީ ސްޕެއިން ބަލިކޮށްފަ އެވެ. އެ މެޗަކީ ސްވިޒަލެންޑާ ދެކޮޅަށް ހުރިހާ މުބާރާތެއްގައި ސްޕެއިން ކުޅުނު 22 މެޗުގެ ތެރެއިން ބަލިވި ހަމައެކަނި މެޗެވެ. މި މުބާރާތްތަކުގެ އިތުރުން އެންމެ ފަހުން ކުޅުނު ޔޫއެފާ ނޭޝަންސް ލީގުގައި ވެސް މި ދެޓީމު ވަނީ ވާދަކޮށްފަ އެވެ.

ގަދަ 16 ގެ މެޗުގައި އެމްބާޕޭ ޖެހި ޕެނަލްޓީ ސްވިޒަލެންޑުގެ ކީޕަރު ސޮމާ މަތަކުރަނީ
ދުނިޔެ ހައިރާންކޮށްލުމަށް ފަހު ކުއާޓާ އަށް ދަތުރުކުރި ސްވިޒަލެންޑް ޓީމުގެ ކޯޗު ވްލަޑިމިރް ޕެޓްކޮވިޗް މެޗުގެ ކުރިން ބުނީ ފްރާންސް ކަޓުވާލުމަށް ފަހު ޓީމަށް ލިބިފައިވާ އިތުބާރާ އެކު މިހާރު ބޭނުންވަނީ އިތުރު ހަރުފަތެއް ގިރާކުރަން ކަމަށެވެ.
“އަހަރެމެން ކުއާޓާ ފައިނަލަށް ދިއުމަށް ވަރަށް ހިތްވަރުކޮށްފިން. އަހަރެން މިތިބީ އިތުރު ހަރުފަތަކަށް ދާން ކެތްމަދުވެފަ. ސްވިޒަލެންޑް ނުކުންނާނީ މުބާރާތުގެ އެއް ފޭވަރިޓުންނާ ދެކޮޅަށް އެކަމަކު މި ޓީމު މެޗަށް ނުކުންނާނީ މެންޓަލީ ވަރަށް ބޮޑަށް ތައްޔާރުވެގެން” ސްވިޒަލެންޑުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ކޯޗު ބުންޏެވެ.
މެޗަށް ނުކުންނައިރު ސްވިޒަލެންޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ކެޕްޓަން ގްރަނިޓް ޒަކާ އަށް ދެ ރީނދޫ ކާޑު ހަމަވެގެން މިރޭގެ މެޗުގައި ނުކުޅެވުމެވެ. އޭނާ ސަސްޕެންޑްވީ ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑުގެ ސަބަބުންނެވެ. އެކަމަކު އެ މެޗުގައި ޒަކާގެ ލީޑަރޝިޕްގެ ވަރަށް ފުރިހަމައަށް ފެނުނުއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.
މިއީ ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތުގެ ތެރެއިން ޔޫރޯގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ތިން ފަހަރު ކުއާޓާގައި ކުޅެ އެޓީމު ވަނީ ބަލިވެފަ އެވެ. އެހެންކަމުން މިއީ ތާރީހުގައި ލިޔުމަށް އެޓީމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ކްރޮއެޝިއާ ކޮޅަށް މޮރާޓާ ޖެހި މޮޅު ގޯލަށް ފަހު އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ސްޕެއިން މިރޭގެ މެޗަށް ނުކުންނައިރު ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިއަކު ނެތެވެ. އެކަމަކު ގަދަ 16 ގައި ކްރޮއޭޝިއާ އަތުން އުނދަގުލުން މޮޅުވި މެޗުގައި ބައިކޮޅަށް ވަން ގޯލާ އެކު އެޓީމުގެ ގޯލްކީޕަރު އުނާއި ސިމޮން އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ކުއާޓާ ފައިނަލް މެޗުގެ ކުރިން ސިމޮން ބުނީ އެ މެޗުގައި ބައިކޮޅަށް ގޯލު ވަނީ އޭނާ އަށް ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން ކަމަށާއި އެއީ ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި އެކަހަލަ ކަންކަމަކީ ރަނގަޅު ކުރެވޭނެ ކަންކަން ކަމުގައި ކީޕަރު ބުންޏެވެ. ބައިކޮޅަށް ގޯލު ވަން ނަމަވެސް މެޗުގެ ބާކީބައިގައި ސިމޮން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ސްޕެއިން ވަނީ އޭގެ ފަހުން ކުޅުނު ދެ މެޗުގައި 10 ގޯލު ޖަހައިފަ އެވެ. ކޮންމެ މެޗެއްގައި ފަސް ގޯލު ޖެހިއިރު މިއީ ޔޫރޯގެ ތާރީހުގައި ޓީމަކުން ޖެހިޖެހިގެން ދެ މެޗެއްގައި ފަސް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ސްޕެއިން އަކީ މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގައި އެންމެ ކާމިޔާބު ގައުމެވެ. އަނެއްކޮޅުން ޔޫރޯގެ ތާރީހުގައި ޖަރުމަނާ އެކު އެޓީމަކީ އެންމެ ކުރީގައި އުޅޭ ޓީމެވެ. ސްޕެއިނުން ވަނީ 1964 ވަނަ އަހަރާއި 2008 ގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.
މެޗުގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ސްވިޒަލެންޑުން މުބާރާތުގައި ދައްކަމުން އަންނަ ޖެހިލުންކުޑަ ކުޅުމަކީ ސްޕެއިނުން ސަމާލުވާންޖެހޭ ކަމެއް ކަމަށެވެ. ސްވިޒަލެންޑަކީ ދުނިޔޭގެ މަޝްހޫރު ތަރިންތަކެއް ނެތް ޓީމަކަށް ވީނަމަވެސް އެޓީމުގެ ކުޅުމުން ފެންނަނީ ޓީމު ރޫހު ވަރަށް ރަނގަޅަށް ކަމަށް އެންރީކޭ ބުންޏެވެ.
ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު ސްވިޒަލެންޑާއި ސްޕެއިން ވާދަކުރާ މެޗު ކުޅޭނީ ރަޝިއާގަ އެވެ.