ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެންމެ ގިނަ ފަހަރު ހޯދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވެ އެއްވެސް އަގަކާ ނުލައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ. މެސީއާ އެކު ބާސެލޯނާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ރޭ ހަމަވިއިރު ބާސެލޯނާއިން މެސީއާއެކު އިތުރު އެއްބަސްވުމަކަށް އަންނަން އެތައް މަސައްކަތެއް ކުރި ނަމަވެސް އެކަން ހަގީގަތަކަށް ނުވި އެވެ.
އެއްބަސްަވުމުގެ މުއްދަތު ހަމަވި ނަމަވެސް ބެލެވޭ ގޮތުގައި ބާސެލޯނާއިން މިހާރުވެސް އަންނަނީ މެސީ އާއެކު އާ އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެކަން ބާސެލޯނާއިން ކާމިޔާބުކޮށް މެސީ އެ ކުލަބްގައި އިތުރަށް މަޑުކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.
މެސީ ބާސެލޯނާގައި ބެހެއްޓުމަކީ އެ ކުލަބްގެ އާ ރައީސް ޖޯން ލަޕޯޓާ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާން ގާތްވި ވަރަކަށް ބާސެލޯނާއިން ދިޔައީ އެ މަސައްކަތް ވަރުގަދަކުރަމުންނެވެ. އަދި، އެ ކްލަބުން މަސައްކަތްކުރަމުން އައީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖުލައި މަސް ފެށުމުގެ ކުރިން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މެސީ އާއެކު ސޮއިކުރެވޭނެ ކަމަށް އުއްމީދުކޮށްގެންނެވެ.
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ އާޖެންޓީނާގެ ގައުމީ ޓީމާއެކު މިވަގުތު ބްރެޒިލްގައި ހުރި މެސީއަށް މެންޗެސްޓާ ސިޓީންނާއި ޕީއެސްޖީން ފާރަލަމުން އައި ނަމަވެސް އެނގިފައިވާ ގޮތުގައި އެއިން ޓީމަކަށް ބަދަލުވުމުގެ މަޝްވަރާތަކެއް އަދި ކުރިއަށް ގޮސްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މެސީ އަދިވެސް މަޑުކޮށްގެން ހުރީ ބާސެލޯނާއިން ހުށަހަޅާ ކަންތައްތަކަށް ބެލުމަށްފަހު ނޫނީ އެހެން ކްލަބަކަށް ބަދަލުވުމުގެ މަސައްކަތް ނުފަށާށެވެ.
ކަން މިހެން އޮތް ނަމަވެސް މީގެ ގާތްގަނޑަކަށް އެއް އަހަރުކުރިން މެސީ ބާސެލޯނާ ދޫކޮށްލަން އަމިއްލައަށް ބޭނުންވެގެން ކްލަބަށް ހުށަހަޅައިފައިވެސްވެ އެވެ. އެކަމަކު އެ ހުށަހެޅުން ބާސެލޯނާ އަށް ހުށަހެޅިތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން އެ ހުށަހެޅުން އަނބުރާ ގެނެސް ބާސެލޯނާގައި މަޑުކުރަން މެސީ ނިންމި އެވެ. އެކަން އެގޮތަށް ކުރަން މެސީ ނިންމީ ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށް ބަލައި އެކަން ކުރަން ބޭނުން ނުވާތީ އާއި ބާސެލޯނާއިން މެސީގެ ރިލީޒް ކްލޯޒް ގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވާ 700 މިލިއަން ޔޫރޯ އަކީ އެއްވެސް ކްލަބަކަށް ދެއްކޭނެ އަގެއް ނޫންކަމަށް މެސީއަށް ފެނުނީތީ އެވެ.
މެންޗެސްޓާ ސިޓީ ނުވަތަ ޕީއެސްޖީގެ އިތުރުން އެހެން ކްލަބަކަށް މެސީ ބަދަލުވާކަމަށްވާނަމަ ދެން އުމުރުން 34 އަހަރުގެ ފޯވާޑް ދިއުން އެންމެ ގާތްކަމަށް ބެލެވެނީ އެމެރިކާ ލީގުގެ ކްލަބަކަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މެސީ ވަނީ ކޮންމެވެސް ދުވަހަކުން އެމެރިކާގެ ލީގުގައި ކުޅެން އުއްމީދުކުރާ ކަމަށްވެސް ބުނެފަ އެވެ.