ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ބޮރޫޝިއާ ޑޯޓްމަންޑުން އެއްބަސްވެއްޖެ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ޔުނައިޓެޑާއި ޑޯޓްމަންޑާ ދެމެދު ކުރިއަށްދިޔަ މުއާމަލާތުތަކަށްފަހު އުމުރުން 21 އަހަރުގެ ފޯވާޑް ޔުނައިޓެޑަށް ބަދަލުވުމުގެ އަގެއްގެ ގޮތުގައި ދެފަރާތުން އެއްބަސްވި އަގަކީ 73 މިލިއަން ޕައުންޑް ނުވަތަ 85 މިލިއަން ޔޫރޯ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަންޗޯ ޔުނައިޓެޑަށް ބަދަލުވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފަސް އަހަރަށް ބަހާލައިގެން އަގު ދައްކާ ގޮތަށް ޑޯޓްމަންޑުން ޔުނައިޓެޑަށް ސަންޗޯ ބަދަލުވާން ކުޑަތަންވެފައިވާ އިރު އޭނާ މިހާރު ހިމެނިފައި އެވަނީ ދެވަނަ އަށް އެންމެ ބޮޑު އަގެއްގައި ކްލަބް ބަދަލުކުރާ އިނގިރޭސި ކުޅުންތެރިޔާ އަށެވެ. އެެންމެ ބޮޑު އަގެއްގައި ކްލަބް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔަކީ 80 މިލިއަން ޕައުންޑަށް 2019 ވަނަ އަހަރު ލެސްޓާ ސިޓީން ޔުނައިޓެޑަށް ބަދަލުވި ޑިފެންޑަރު ހެރީ މެގުއާ އެވެ.
ސަންޗޯ ހޯދުމަށްޓަކައި މީގެ އެއް އަހަރު ކުރިންވެސް ޔުނައިޓެޑުން ވަނީ މަސައްކަތްކޮށްފަ އެވެ. އެފަހަރު ޔުނައިޓެޑުން މަސައްކަތްކުރީ ޑޯޓްމަންޑުން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއް ދީގެން އެ ކްލަބް ރުއްސޭތޯ އެވެ. މިފަހަރުވެސް ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ ޑޯޓްމަންޑުން ބޭނުންވި އަގަށްވުރެ ކުޑަ އަގެކެވެ. އެކަމަކު ކުރިން ޔުނައިޓެޑުން ކުރި ތަޖުރިބާ މިފަހަރު އަލުން ކުރަން ބޭނުން ނުވުމާއެކު އަގު މަތިކޮން ދެ ވަނަ ބިޑެއް ޔުނައިޓެޑުން ހުށަހެޅީ އެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ އިންގްލެންޑް ޓީމާއެކު މިވަގުތު ހަރަކާތްތެރިވަމުން އަންނަ ސަންޗޯ ވަނީ ޑޯޓްމަންޑަށް 137 މެޗް ކުޅެފަ އެވެ. ޑޯޓްމަންޑްގައި ސަންޗޯ ހޭދަކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް 50 ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން 57 ގޯލް ޖަހަން އެހީތެރިވެދީފަ އެވެ. އެންމެ ފަހުން ނިމުނު ސީޒަންގެ ޖަރުމަނު ކަޕް ޑޯޓްމަންޑަށް ކާމިޔާބުކޮށްދިނުމުގައި މުބާރާތުގެ ފައިނަލްގައި އާރްބީ ލައިޕްޒިގް ކޮޅަށް ސަންޗޯ ޖެހި ދެ ލަނޑު ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެ އެވެ. ސަންޗޯ އަކީ އިނގިރޭސި ގައުމީ ޓީމުގައިވެސް 2018 ވަނަ އަހަރުން ފެށިގެން ހިމެނެމުން އަންނަ ކުޅުންތެރިއެކެވެ. މިހާތަނަށް ގައުމީ ޓީމަށް ސަންޗޯ 20 މެޗް ކުޅެދީފައިވާ އިރު އޭނާ އަށް އަދި ޖެހިފައިވަނީ ތިން ގޯލެވެ.