ފުރަތަމަ ސަފްޙާ / ޚަބަރު / ޖަރުމަނު ބަލިކޮށް އިންގްލެންޑުން ބައި ގަރުނުވީ ތާރީހް ބަދަލުކޮށްފި

ޖަރުމަނު ބަލިކޮށް އިންގްލެންޑުން ބައި ގަރުނުވީ ތާރީހް ބަދަލުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 29 ޖޫން 2021

ނޮކްއައުޓް މެޗެއްގައި ޖަރުމަނުގެ މައްޗަށް ކުރި ނުހޯދޭތާ 55 އަހަރު ފަހުން ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިންގްލެންޑުން ޖަރުމަނު ބަލިކޮށްފި އެވެ. އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ އިންގްލެންޑުން ޖަރުމަނު ބަލިކުރީ 0-2 އިންނެވެ.

ނަތީޖާ ނެރެންޖެހޭ މެޗެއްގައި އިންގްލެންޑުން އެންމެ ފަހުން ޖަރުމަނު ބަލިކުރީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގަ އެވެ. މިރޭގެ މެޗުގެ ކުރިން އިންގްލެންޑާއި ޖަރުމަނު ބައިނަލްއަގްވާމީ މުބާރާތެއްގައި އެންމެ ފަހުން ވާދަކުރީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގަ އެވެ. ބޮޑު ބަހުސެއް ހިނގި އެ މެޗުން ޖަރުމަނު މޮޅުވީ 4-1 އިންނެވެ. އަނެއްކޮޅުން މިރޭ މެޗަކީ ވެމްބްލީ ސްޓޭޑިއަމްގައި ޖަރުމަނާ ދެކޮޅަށް އިންގްލެންޑުން އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅެއް ލިބުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ހަތް މެޗުގެ ތެރެއިން 5 މެޗުން ޖަރުމަނު މޮޅުވިއިރު 2 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޖަރުމަނު އަތުން ހޯދި މުހިއްމު މޮޅާ އެކު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެމްބްލީ ސްޓޭޑިއަމްގައި ބަލިނުވުމުގެ ރެކޯޑް އިންގްލެންޑުން މިރޭ ވަނީ ދަމަހައްޓައިފަ އެވެ. ޔޫރޯ އާއި ވޯލްޑް ކަޕް ހިމެނޭގޮތަށް އެންމެ ފަހުން ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު 14 މެޗުގެ ތެރެއިން 9 މެޗުން އިންގްލެންޑް މޮޅުވިއިރު އެއްވަރުވީ 5 މެޗުންނެވެ.

Image

އަމިއްލަ ގައުމުގެ އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީ އިންގްލެންޑުން މިރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމުނުއިރު މި ހާފުގެ ފަހު މިނެޓުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ކޭން އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހުމެލްސް އެ ބޯޅަ ސާފުކޮށްލީ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކުރީކޮޅު ޖަރުމަނުން މޮޅަށް ކުޅުނު އިރު ފުރަތަމަ ލަނޑު ޖެހުމާ ހަމައަށް އިންގްލެންޑަށް މާ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. އިންގްލެންޑުގެ ފުރަތަމަ ލަނޑު މެޗުގެ 75 މިނެޓުގައި ލޫކް ޝޯގެ އެހީތެރިކަމާ އެކު ޖެހީ ރަހީމް ސްޓާލިން އެވެ. މިއީ މިފަހަރުގެ މުބާރާތުގައި ސްޓާލިން ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ. އިންގްލެންޑުން ގޯލު ޖެހިތާ ފަސް ވަރަކަށް މިނެޓު ފަހުން ޖަރުމަނުގެ ތޯމަސް މުލާ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ކައި ހަވާޓްޒް މުލާ އަށް ހުސްކޮށްލާފައި ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ކައުންޓަ އެޓޭކުގައި ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންގްލެންޑުގެ ދެ ވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޭން އެވެ.

ކުއާޓާ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއިރު އެޓީމު ކޮޅަށް އަދި ގޯލެއް ވަދެފައެއްނުވެ އެވެ.

މިފަހަރުގެ ޔޫރޯގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އެހެންކަމުން މިއީ އެތައް ޒަމާނަކަށް ފަހު އަމިއްލަ ދަނޑުގައި އިންގްލެންޑަށް ތަށްޓެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެކެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ މިރޭ ދަންވަރު ޔޫކްރޭނާއި ސްވިޑެން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީ ފައިނަލަށް ގޮސްފިނަމަ އެޓީމު ވާދަކުރަން ޖެހޭނީ ޑެންމާކް ނުވަތަ ޗެކްރި ޕަބްލިކާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!